ޚަބަރު

މާކުރަތު ބަނދަރު ބޮޑުކޮށް މަރާމާތުކުރުމުގެ ބޮޑު ބައެއް ނިންމާލައިފި


ޖާގަ ތަނަވަސް މާކުރަތު ބޮޑުބަނދަރުގެ މަސައްކަތް މިހާރު ނިމުމަކާ ގާތައް ގޮސްފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ އެންމެ ބޮޑު އަދި އެންމެ ބޭނުންތެރި މަޝްރޫއުކަމަށާ، ބަނދަރު ބޮޑުވެ ޖާގަތަނަވަސް ވުމުން ރައްޔިތުންނަށް އެކަމުގެ ފަސޭހަ މިހާރު ލިބެންފަށާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މާކުރަތު ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެއަހަރުގެ މޭމަހު އަމަލީ މަސައްކަތް ފެށި މި ބަނދަރުގެ ބޮޑު ބައެއްގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މަސްވެރިކަމުން ނަފާ ހޯދާ ބަޔަކު ދިރިއުޅޭ މާކުރަތު ބަނދަރު ކުޑަވުމަކީ އޮޑިދޯނިފަހަރު ދުއްވާ ފަރާތްތަކުން ކުރާ އެންމެބޮޑު ޝަކުވާއެވެ. މަސްވެރިކަން ކުރާ އުޅަނދުތައް ގިނަވެ ބަނދަރު ކުޑަވުމުގެ ސަބަބުން މާލެއިން މުދާ ހިފައިގެން އަންނަ ބޯޓު ކައިރިކޮށް މުދާބޭލުމަށް އެތައް ގޮންޖެހުމަކާ ކުރިމަތިވެއެވެ.

މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒު ވިދާޅުވީ، މާކުރަތު ބަނަދަރު ތަރައްޤީކޮށް ކުރިއަށްގެންދަނީ ރައްޔިތުން ބޭނުންވާ ގޮތައް ގެންނަޖެހޭ ބަދަލުތައް ގެނެސްގެންކަމަށެވެ. އެހެން ކަމުން އެއީ ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް މުހައްމަދު ރަމީޒް ވިދާޅުވިއެވެ.

"ކުރިން ބަނދަރުގެ ޖާގަ ނެތުމުން ބައެއް އުޅަނދުތައް ބަނދަރުގެ މެދުގައިވެސް އަޅަން ޖެހޭ. އަދި މުދާހިފައިގެން ބޯޓު އަންނަ އިރު މުދާ ބާލާނެ ތަނެއް ނޯވޭ އެކަމު މިހާރު އެފަސޭހަ ވާން ފަށައިފި. ބަނދަރުގެ ޖާގަ ތަނަވަސްވުމުން ބަލިމީހުން އަރުވާ ބޭލުމަށާ މުދާ އަރުވާބޭލުމަށްވެސް" މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒް ވިދާޅުވިއެވެ.

ބަނދަރު ތަރައްޤީކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށީގެ މަސައްކަތާއި ޕޭވްމަވްންޓްގެ މަސައްކަތް ވަނީ ނިންމާފައެވެ. މިހާރު ކުރަމުންދަނީ ބަނދަރުގެ ބޭރު ތޮށީގައި އުޅނދު އެޅުމަށް ޖެޓީހެދުމަށް ބޭނުންވާ ބުޑުތައް އެޅުމުގެ މަސައްކަތާ ނެރު ބަނދަލުކުރުމުގެ މަސައްކަތެވެ. ނެރު އެހެން ދިމާލަކަށް ބަދަލުކުރަނީ ކުރިން ކަނޑާފައި އޮންނަ ނެރުގެ ސަބަބުން ފަޅަށް ބާނިރާޅުވައްދާ ފަޅުގަދަވާތީއެވެ.

2009 ވަނަ އަހަރު ތަރައްޤީކުރި މާކުރަތު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރޭގައި 45024 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 140 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 129 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 28 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ އިތުރުން 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫއަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.