ސިއްޙީ ގޮތުން ޢާއްމުން ހޭލުންތެރިކުރުވާ، ދުނިޔޭގެ އެކި ސަރަޙައްދުތަކުން ފެންނަ ބޮޑެތި އެކި ބަލިމަޑުކަމާއި މެދު ބައިނަލްއަޤުވާމީ ފެންވަރުގައި ފިޔަވަޅުތައް އެޅުމަށް އދ. އިން ސިއްޙީ ކަންކަމަށް ޚާއްސަ ޖަމިއްޔާއެއް އުފައްދާފައިވަނީ 1948 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގައެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ނުވަތަ ޑަބްލިއު.އެޗް.އޯއަށް މިއަދު 75 އަހަރު ފުރިގެންދިޔައިރު، އެޖަމިއްޔާއިން ވަނީ ދުނިޔޭގެ ގިނަ ޤައުމުތަކާއި، ގުޅިގެން ކާމިޔާބު އެތައް މަޝްރޫޢުތަކެއް ހިންގާ، ބޮޑެތި ޕެންޑަމިކްތަކާއި ބޮޑެތި ބަލިތަކާއި ދެކޮޅަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރަނީ އދ.ގެ ސިއްޙަތު ޖަމިއްޔާގެ އަހަރީ ދުވަހާއި ދިމާކޮށެވެ. މިއަހަރުގެ ޝިޢާރަކަށް ކަނޑައަޅާފައިވަނީ "ސިއްޙަތު އެންމެނަށް" މިޝިއާރެވެ. ޑަބްލިއު.އެޗް.އޯގެ އަހަރީ ދުވަސް ފަހަގަކުރަމުންދާއިރު، އެޖަމިއްޔާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަކީ ޚާއްސަ ގުޅުމެކެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާއިން މިހާތަނަށް ހޯދި ކާމިޔާބީތަކުގައި ޑަބްލިއުއެޗްއޯގެ ދައުރު ވަރަށް ބޮޑެވެ. ރާއްޖެ އެޖަމިއްޔާގެ މެމްބަރު ޤައުމަކަށްވީ 1965 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. އޭގެ ކުރިން ފޯރުކޮށްދެމުންދިޔަ އެހީތެރިކަން އިތުރަށް ފުޅާވެ ދިވެހިން ތަޙައްމަލުކުރަމުންދިޔަ ބޮޑެތި އެތައް ބައްޔަކަށް ފަރުވާދެވި އެބަލިތައް ނައްތާލުމުގައި ޑަބްލިއު.އެޗް.އޯއިން ވަނީ ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.
މީގެ ދަށުން ކުރެވުނު މަސައްކަތުން ރާއްޖެއިން ރަސްމީކޮށް ފައިލޭރިއާ ނައްތާލެވިފައިވާކަމަށް 2016 ވަނަ އަހަރުވަނީ ކަނޑައަޅާ އެކަމުގެ ލަޤަބު އަރުވާފައެވެ. އަދި 2017 ވަނަ އަހަރުވަނީ މެލޭރިއާ ނައްތާލެވުނުކަމަށް ނިންމާ މެލޭރިއާ ފްރީ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މީގެ އިތުރުންވެސް އެޖަމިއްޔާއިން 1991 ވަނަ އަހަރުން ފެށިގެން އަންނަނީ ރާއްޖެއިން ޖުޒާމު ބަލި އެއްކޮށް ނައްތާލުމުގެ މަސައްކަތް ދިވެހި ސަރުކާރާއި ގުޅިގެން ކުރަމުންނެވެ.
ހަމައެއާއެކު ރާއްޖޭގެ ޤައުމީ ވެކްސިންގ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށްގެންދިޔުމުގައިވެސް ޑަބްލިއު.އެޗް.އޯގެ ފުރިހަމަ އެއްބާރުލުން އަންނަނީ ލިބެމުންނެވެ. މީގެ ދަށުން ކުރެވުނު އެންމެ ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި 2017 ވަނަ އަހަރު ރާއްޖެއިން މީސަލްސް ނައްތާލެވުނުކަމަށް އަދި 2020 ވަނަ އަހަރު ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާކަމަށް އެޖަމިއްޔާއިންވަނީ ކަނޑައަޅާފައެވެ.
މުޅި ދުނިޔެއަށްވެސް މިޤައުރުނުގައި ކުރިމަތިވި އެންމެ ބޮޑު ސިއްޙީ ޕެންޑަމިކަކީ ކޯވިޑް-19ގެ ބިރުވެރިކަމެވެ. މިކަމުން އަރައިގަތުމަށް ދުނިޔޭގެ ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކޮށް ދިނުމުގެ ބުރަ ޑަބްލިއު.އެޗް.އޯއިންވަނީ އުފުލާފައެވެ. އެގޮތުން ރާއްޖެ ފަދަ އާބާދީ މަދު ޤައުމުތަކަށް އިސްތިސްނާކުރުމެއް ނެތި ޑަބްލިއު.އެޗް.އޯގެ ޚާއްސަ އެހީތެރިކަމާއެކު ދިވެހިންގެ އިތުރުން ރާއްޖޭގައި ތިބި ބިދޭސީންނަށް ވެކްސިންގ ދެވޭނެ މަގު ދިވެހި ސަރުކާރަށް ފަހިކޮށް ދިނުމުގައި ޑަބްލިއު.އެޗް.އޯގެ ދައުރު ބޮޑެވެ.
ޑަބްލިއު.އެޗް.އޯއިން ކޮންމެ ޤައުމަކަށްވެސް ޚާއްސަ މަންދޫބުން ކަނޑައަޅައި އެޤައުމުތަކާއި ގާތުން މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކުރެއެވެ. މިމަސައްކަތުގެ ތެރެއިން ކާމިޔާބު އެތައް މަސައްކަތެއް ރާއްޖޭގައިވަނީކުރެވިފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޙާސިލުކުރަން ބޭނުންވާ މުހިއްމު ގިނަ ލަނޑުދަނޑިތަކެއް އެބަހުއްޓެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ފެތުރޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާއިރު، މިފަދަ ބަލިތައް ކޮންޓްރޯލްކުރުމަކީ އެޖަމިއްޔާއާއި ގުޅިގެން ދިވެހި ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެވެ. ބޮޑެތި ބަލިތައް ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުންދާއިރު ޢާއްމު ސިއްޙަތުގެ ދާއިރާ ކުރިއަރުވާ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބާރުއަޅާ ޢާއްމުން ހޭލުންތެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއްވެސް އަންނަނީ ކުރަމުންނެވެ.
މުޅި ދުނިޔެއަށްވެސް މިޤައުރުނުގައި ކުރިމަތިވި އެންމެ ބޮޑު ސިއްޙީ ޕެންޑަމިކަކީ ކޯވިޑް-19ގެ ބިރުވެރިކަމެވެ. މިކަމުން އަރައިގަތުމަށް ދުނިޔޭގެ ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކޮށް ދިނުމުގެ ބުރަ ޑަބްލިއު.އެޗް.އޯއިންވަނީ އުފުލާފައެވެ. އެގޮތުން ރާއްޖެ ފަދަ އާބާދީ މަދު ޤައުމުތައް އިސްތިސްނާކުރުމެއް ނެތި ޑަބްލިއު.އެޗް.އޯގެ ޚާއްސަ އެހީތެރިކަމާއެކު ދިވެހިންގެ އިތުރުން ރާއްޖޭގައި ތިބި ބިދޭސީންނަށް ވެކްސިންގ ދެވޭނެ މަގު ދިވެހި ސަރުކާރަށް ފަހިކޮށް ދިނުމުގައި އެޖަމިއްޔާގެ ދައުރު ބޮޑެވެ.