ޚަބަރު

އެޗްޑީސީއަށް 22 އަހަރު، ކުންފުނީގެ ބްރޭންޑް "އަރބަންކޯ" ރަސްމީކޮށް ލޯންޗުކޮށްފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ބްރޭންޑް "އަރބަންކޯ" ރަސްމީކޮށް ލޯންޗުކޮށް ބޭނުންކުރަން ފަށައިފިއެވެ. އެޗް.ޑީ.ސީގެ ބްރޭންޑް އަރބަންކޯ ލޯންޗުކޮށްފައި މިވަނީ އެކުންފުންޏަށް 22 އަހަރު ފުރުމާއި ދިމާކޮށެވެ.

"އަރބަންކޯ" މި ބްރޭންޑް ލޯންޗުކުރުމުގެ މަޤްޞަދަކީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުންކަމަށެވެ. އަދި މިހާރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް، ކައުންސިލްތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްޤީގެ މަސައްކަތްތައް ބަލާ، ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުމަކީ އަމާޒެއްކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.

އެޗް.ޑީ.ސީއިން ވިދާޅުވީ، "އަރބަންކޯ"ގެ ކުޑައިގެ ހިޔަލުގައި ހުޅުމާލެ އެކަނި އޮތުން ބަދަލުކޮށް، ބިޔޯންޑް ހުޅުމާލޭގެ ވިސްނުމާއިއެކު ތަޢާރަފު ކުރުވުނު އަރބަންކޯ ބްރޭންޑިންގް ވެގެން ދާނީ މިހާރު ކުންފުނިން ދޭ ޙިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށެވެ. އަދި ކުންފުނީގެ ބްރޭންޑް ލޯގޯ އިފްތިތާޙް ކޮށްފައިވާއިރު، ބްރޭންޑުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަޤީގަތަކަށް ހަދާ ދޭނެ ބައިވެރިއަކީ "އަރބަންކޯ" ކަމުގައިކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން، ކުންފުނީގެ އައު މޮބައިލް އެޕްލިކޭޝަން، އަރބަންކޯ އެޕްވެސް ވަނީ މިއަދު ލޯންޗްކޮށްފައެވެ. މިހާރު ކުންފުނިން ދޭ ހުރިހާ ޙިދުމަތެއް ފަސޭހަކަމާއެކު އެއްތަނަކުން ހޯދޭނެ މަގު މި އެޕްލިކޭޝަން މެދުވެރިކޮށް ފަހިވެގެންދާނެއެވެ.


ޒަމާނީ ތަރައްޤީއާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތް ކުރުމަކީ އަރބަންކޯގެ އަމާޒުކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ. އަދި މި އެ ކޯރޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ، ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ގޮތްތައް އިސްކޮށްގެންކަމަށްވެސް ވިދާޅުވިއެވެ.

އެޗް.ޑީ.ސީ ވުޖޫދުވެގެން އައީ މާލޭ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއިއެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުންނެވެ.

ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓުގެ ނަމުގައި މަދު މުވައްޒަފުން ކޮޅަކާއެކު ފެށުނު މި މަސައްކަތް ފުޅާވެ އޭރު ދެކެމުން އައި ހުވަފެންތައް ހަޤީގަތަކަށް ހެދުމަށް މިއަދުގެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނުވަތަ އެޗް.ޑީ.ސީން މަސައްކަތްތައް ބަށްޓަން ކުރެވި ރޭވުންތެރިކަމާއެކު ކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު އެއް ސަރުކާރު ކުންފުނީގެގޮތުގައެވެ.