ޚަބަރު

ރަމަޟާން މަހާއި ދިމާކޮށް ޕްރޮމޯޝަން ލިބޭކަމަށްބުނެ ލިންކުތައް ފޮނުވަނީ، ސަމާލުވޭ!


ރަމަޟާން މަހާއި ދިމާކޮށް، މަކަރާއި ހީލަތުން ރޯދަ ހަދިޔާ ދިނުމަށްކަމަށްބުނެ ލިންކުތަކެއް ދައުރުކުރަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ، އެކި ކުންފުނިތަކުގެ ފަރާތުން ރަމަޟާން މަހާއި ދިމާކޮށް ކުރިއަށްގެންދާ އެކިއެކި އިނާމް ލިބޭ ޕްރޮމޯޝަންތަކުން އިނާމް ލިބެނީ ލިންކު މެދުވެރިކޮށްކަމަށްބުނެ ލިންކުތައް ފޮނުވަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށެވެ. އެހެންކަމުން މިފަދައިން ލިބޭ ލިންކުތަކަށް ކްލިކްކޮށް، އޭގައި ހިމެނޭ ޒާތީ މަޢުލޫމާތުތައް ފުރަމުން ނުދިޔުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ޝައްކުކުރެވޭ މިފަދަ ލިންކެއް ލިބިއްޖެނަމަ އެކަން ފުލުހުންނާއި ހިއްސާކުރުމަށްވެސް ފުލުހުންވަނީ އެދިވަޑައިގަންނަވާފައެވެ.


ރަމަޟާން މަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ކުންފުނިތަކުން އަދި ވިޔަފާރިތަކުން އެކި އިނާމް ލިބޭ ޕްރޮމޯޝަންތައް ކުރިއަށްގެންދެއެވެ. އެހެންނަމަވެސް މިފަދަ ޕްރޮމޯޝަނެއްގައި ބައިވެރިވުމުގައި އިނާމު ލިބޭ ގޮތާއި އަދި އިނާމު ލިބުމުން އެކުންފުންޏަކުން ޢަމަލުކުރާ އުސޫލު ބެލުމަކީ ޕްރޮމޯޝަންގައި ބައިވެރުވުމުގެ ކުރިން ބެލުން މުހިއްމުކަމެކެވެ.

ތިމާ ބައިވެރިނުވާ ޕްރޮމޯޝަނަކުން އިނާމު ދޭކަމަށް ބުނަނީ އޮޅުވާލުމަށްކަން ދަންނަންޖެހެއެވެ. ކުންފުނިތަކުގެ ނަމުގައި ފޮނުވާ ލިންކުތަކާއި، ކުރާ ސްކޭމް ކޯލްތަކުގައި އަމިއްލަ ޒާތީ މަޢުލޫމާތު ހިއްސާ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ.