ޚަބަރު

ހއ. ދިއްދޫ ބަނދަރު ހެދުމާއި، ޖެޓީ ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް


ހއ. ދިއްދޫ ބަނދަރު ތަރައްޤީކުރުމާއި، ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަމާ ގާތްވެފައިވާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީއިން ވިދާޅުވެއްޖެއެވެ.

ހއ. ދިއްދުއަކީ ރާއްޖޭގެ އެންމެ އުތުރުން އެންމެ އާބާދީ ބޮޑު އެއްރަށެވެ. އުތުރުގެ ރަށްތަކުގެ ތެރެއިން އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ބަޔަކު ޒިޔާރާތްކުރާ އެއް ރަށެވެ. ސިއްޙީ ޚިދުމަތް ހޯދުމާއި، ވިޔަފާރިއާއި ސަރުކާރުގެ އޮފީސްތަކުން ހޯދާ ޚިދުމަތްތަކަށް އެތަށް ބަޔަކު ދިއްދުއަށް ދަތުރުކުރެއެވެ.

މިއާއެކުއެކު ދިއްދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމާއި ބަނދަރުގެ ޖާގައިގެ މައްސަލަަ ޙައްލުކުރުމަށް އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް ފެށީ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ރަށުގެ ބަނދަރު ބޮޑުކޮށް ޖާގައިތުރުކުރުމާއި، ޖެޓީ ތަރައްޤީކުރުމެވެ. ރަށުގައި ބޭނުންކުރަމުން އައި ބަނދަރަކީ ގާތްގަނޑަކަށް 300 މީޓަރު ދިގު 250 މީޓަރ ފުޅާ ބަނދަރެކެވެ. ބަނދަރަށް އިތުރުކުރާ ބަޔާއެކު ދިއްދޫ ބަނދަރުގެ ސައިޒު ދެގުނަ އިތުރުވާނެއެވެ. އަލަށް ހަދާ ބަނދަރަކީ 600 މީޓާރުގެ ބަނދަރެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން އެމް.ޓީ.ސީ.ސީއިން ވިދާޅުވީ، މި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތްވެސް ނިމިފައިވާކަމަށެވެ. ހަމައެހެންމެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 92 އިންސައްތަ ފުރިހަމަކޮށްފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ދިއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.

ދިއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢަށް ލަސްތަކެއް އައީ މަސައްކަތް ފެށިފަހުން މަޝްރޫޢުގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެންނަންޖެހުމުންކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ. އެގޮތުން މަޝްރޫޢުގެ ޑިޒައިންނަށް ބޮޑު 4 ބަދަލެއް ގެނެސްފައިވެއެވެ. މަސައްކަތް ފަށައިގެންއިރު ލަސްތަކެއް ދިމާވިނަމަވެސް މިހާރު މި މަޝްރޫޢުގެ މަސައްކަތް އެކުންފުނިން ވަރަށް ބާރަށް ދަނީ ކުރަމުންނެވެ.

އެމް.ޓީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ޖުލައި ނުވަތަ އޮގަސްޓްމަހުގެ ނިޔަލަށް މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މިއީ ގާތްގަނޑަކަށް 70.59 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.