ޚަބަރު

އަސްވާރު: މަނަދޫ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް އިތުރު ފުރުޞަތެއް


ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ޢާމްދަނީ ހޯދޭނެ މަގު ވަނީ ތަނަވަސްވެފައެވެ. ކައުންސިލްތަކަށް ފަހިކޮށްދީފައިވާ މި ފުރުޞަތުގެ ދަށުން ބައެއް ކައުސިލްތަކުން އަންނަނީ ރަށު ފެންވަރުގައިވެސް އެކި މަޝްރޫޢުތައް ކުރިއަށްގެންގޮސް އެއިން އާމްދަނީ ހޯދަމުންނެވެ. އަދި ކައުންސިލަށް ލިބޭ މިފަދަ އާމްދަނީން ރަށުގެ ތަރައްޤީއަށް އެކިއެކި މަޝްރޫޢޫތައް ކުރިއަށްގެންދެއެވެ.

މަޝްރޫޢުތައް ކުރިއަށްގެންގޮސް އެކަމުން ޢާމްދަނީ ހޯދަމުން އަންނަ ކައުންސިލްތަކުގެ ތެރޭގައި ނ. މަނަދޫ ކައުންސިލްވެސް ހިމެނެއެވެ. އެ ކައުންސިލުން އާމްދަނީ ހޯދުމަށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުއަކީ "އަސްވާރު" މަޝްރޫއެވެ.

ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ކުރިއަށްގެންދާ ހަރަކަތްތައް ބާއްވާނެ އެކަށީގެންވާ ޖާގައެއް ނެތުމެވެ. މިގެއިތުރަށްވެސް ޤައުމީ ފެންވަރުގައި ބާއްވާ އެކި ޖަލްސާތަކާއި ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ޖަގާ ނެތުމުގެ މައްސަލައަކީ އަތޮޅުތަކުގައި މިފަދަ ޖަލްސާތަކާއި ބައްދަލުވުންތައް ނުބޭއްވޭ އެއް ސަަބަބެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރުވެސް އެކި ރަށްތަކުގައި ކޮމިއުނިޓީ ސެންޓަރުތައް ހެދުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ އިތުރަށް ރަށް ރަށުގެ ކައުންސިލްތަކުންވެސް އަންނަނީ ކޮމިއުނިޓީ ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ނ. މަނަދޫގައި ހުރި ކޮމިއުނިޓީ ސެންޓަރަކީ އެރަށުގެ ކުރީ ކައުންސިލުން ތަރައްޤީ ކުރަން ފެށި ތަނެކެވެ. އެހެންނަމަވެސް އެ މަސައްކަތް ނިންމާލާފައި ވަނީ މިހާރުގެ ކައުންސިލުންނެވެ. މަނަދޫ ކޮމިއުނިޓީ ސެންޓަރހެދުމުގެ މައިގަނޑު މަގްޞަދަކީ ބޮޑެތި ހަރަކާތްތަކާއި ސެމިނަރތައް ބާއްވާނެ ހޯލެއް އެރަށުގައި\ ނެތުމުގެ ސަބަބުން އެކަމަށް ހައްލެއް ގެނައުންކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުއްރަޙްމާން ޞަބީހް ވިދާޅުވިއެވެ.

ޞަބީހް ވިދާޅުވީ ކޮމިއުނިޓީ ސެންޓަރުގެ ހޯލުން އެއްފަހަރާ 300 މީހުންނަށް ޚިދުމަތް ދެވޭނެކަމަށެވެ. އަދި އެތަނުގައި ވަކިވަކި ކްލާސްތައް ކުރިއަށް ގެންދިޔުމަށްޓަކައި ކްލާސްރޫމަކާއި މީޓީން ރޫމެއް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށް ކައުންސިލުން މިހާރު އަންނަނީ އެތަނުގައި އިންޑޯ ޖިމެއް ހެދުމުގެ މަސައްކައްވެސް ކުރަމުންނެވެ.

"މިތަން ހަދަމުން އައިރުވެސް އަތޮޅު ފެންވަރުގެ ހަރަކާތްތައް ބާއްވަމުން އައި. މިއީ ވަރަށް މުހިއްމު ތަނެއް އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް. ކައުންސިލްގެ އާމްދަނީވެސް އިތުރުވާނެ." ރަށު ކައުންސިލްގެ ރައީސް އަބްދުއްރަޙްމާން ޞަބީހް ވިދާޅުވިއެވެ

"އަސްވާރު" ކުއްޔަށް ދޫކުރަނީ ބޮޑެތި ސެމިނަރތައް ބޭއްވުމަށް 300 ރުފިޔާއަށެވެ. އަދި ވަކިވަކި ދުވަހަށް ނަގާނަމަ، ދުވާލަކަށް 700 ރުފިޔާއެވެ.

ނ. މަނަދޫއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށަށްވުމުން އަތޮޅު ފެންވަރުގައި ބާއްވާ ބައްދަލުވުންތައް ގިނަފަހަރު ބާއްވަނީ އެރަށުގައެވެ. މާޒީގައި އެފަދަ ބޮޑެތި ބައްދަލުވުންތައް ބާއްވަން ޖެހިފައި އޮތީ އެރަށު ސްކޫލްގައެވެ. އެހެންނަމަވެސް އަސްވާރާއެކު މިފަދަ ބައްދަލުވުންތައް ބޭއްވުމަށް ޖަގަ ލިބި ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ފުރުޞަތެއް ލިބޭނެއެވެ.