ޚަބަރު

މާފުށި ހިއްކި ބިމުން ދޫކުރާ 308 ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


ކ. މާފުށި ހިއްކި ބިމުން ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު މާފުށި ކައުންސިލުން ހުޅުވާލައިފިއެވެ.

މާފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 308 ބަންޑާރަ ގޯތިކަމަށް މަފުށީ ކައުންސިލުން ވިދާޅުވެއެވެ.

މާފުށީ ހިއްކި ބިމުން ގޯތި ބޭނުންވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ނުވުމާއި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮތްނަމަ އެތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ގޯއްޗަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ސަރުކާރުގެ ގެޒެޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މާފުށި ކައުންސިލް އިދާރާއިން އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އާ ހަމައަށް ފޯމް ލިބެން ހުންނާނެއެވެ. މާފުށި ކައުންސިލުން ވިދާޅުވީ ފޯމް ބަލައިގަތުން އޮންނާނީ އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށް ކަމަށެވެ.

އަލަށް ހިއްކި ބިމުން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ކައުންސިލްގެ ވަރަށް މުހިއްމު އެހެން ވިސްމުމެއްވެސް އެބައޮތެވެ. އެއީ މިހާރު ފެންނަ މާފުށި ގޮތަށް ބޮޑެތި އުސްއިމާރާތްތަކުން ފުރިފައި އޮތް ސަރަހައްދަކަށް އައު ސަރަހައްދު ނެހެދުމެވެ. ކައުންސިލްގެ ވިސްނުމަކީ ޖަޒިރާވަންތަ ދިވެހިވަންތަކަން ފެންނަ ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްޤީކުރުމެވެ.

ރަށުގެ ބިން ހިއްކުމުގެ ތެރެއިން އެރަށު ރައްޔިތުން ދަތުރު ދިޔުމަށް ސަރުކާރުންވަނީ ޕިކްނިކް އައިލެންޑެއްވެސް ހަދާދީފައެވެ. ފަޅުތެރެއިން 2 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި ރަށް މާފުށީ ކައުންސިލާއި ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އެއާއެކު އެރަށަށް ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް ކައުންސިލުން ވަނީ އެފުރުސަތުވެސް ހުޅުވާލާފައެވެ.

ކ.މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް 2021 އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާފައެވެ. މިމަޝްރޫޢުގެ ދަށުން އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައެވެ. އަލަށް ހިއްކި ސަރަހައްދާއި މާފުށި ގުޅާލާނީ ކޯޒްވޭއަކުންނެވެ. މި ކޯޒްވޭ ހެދުމަށްޓަކައި މިހާރު އީއައިއޭގެ މަސައްކަތްތައްވެސް ވަނީ ނިންމާލާފައެވެ.