ގދ. ތިނަދޫގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރރޭޝަން އާރް.ޑީ.ސީއާއި ޙަވާލުކުރީ 2021 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ.
މި ޕްރޮޖެކްޓްގައި ތިނަދޫގެ 6.5 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ. ޕްރޮޖްކްޓްގެ މަސައްކަތް ޙަވާލުކުރީ 15 މަސްދުވަހުން ނިންމާގޮތަށް ނަމަވެސް، ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގައި ލަސްތަކެއް ވަނީ އައިސްފައެވެ. މަސައްކަތް އޭރު ލަސްވެގެންދިޔައީ، މަގުގެ އަޑީގައި ކޭބަލް ނެޓްވޯކްގެ މަސައްކަތްތަކެއް ކުރިއަށްގެންދަން ޖެހުމާއި ގުޅިގެންނެވެ.
މި މަސައްކަތް އަވަސްކުރުމަށް ކުރާ މަސައްކަތުގައި، މިހާރު މަސައްކަތްތައް ނުހުއްޓި ކުރިއަށްދާކަމަށް އާރް.ޑީ.ސީން މަޢުލޫމާތުދެއެވެ. މި ޕްރޮޖެކްޓްގައި ތިނަދޫގެ 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.
ޕްރޮޖެކްޓް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޙިއްސާކުރަމުން އާރް.ޑީ.ސީއިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތާއި، ކޭބަލް ޑަކްޓްތައް ހެދުމަށް ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ކޭބަލް ޖަންކްޝަންތަކުގެ މަސައްކަތް ހިމެނެއެވެ.
އާރް.ޑީ.ސީއިން މިހާރު ފެށުމަށް ތައްޔާރުވަމުން ދަނީ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތަށެވެ. އެގޮތުން މިހާރު ވަނީ ތާރު އެޅުމަށް ބޭނުންވާ ސާމާނާއި މެޝިނަރީ އެރަށަށް ގެންގޮސްފައެވެ. މަގުތަކުގައި ވަރަށް އަވަހަށް ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް އާރް.ޑީ.ސީއިން މަޢުލޫމާތުދެއެވެ.
އާރް.ޑީ.ސިން ވިދާޅުވެފައިވަނީ މަގުގެ މަސައްކަތް އަދިވެސް އަވަސްކުރުމަށް މަޝްވަރާތައް ކުރިއަށްދާކަމަށެވެ. ނަމަވެސް ބައެއް މަގުތަކުގެ މަސައްކަތްތައް ބަދަލުގެންނަންޖެހުމާއި، އަދި ޕްރޮޖެކްޓް ސްކޯޕަށް ބައެއް މަސައްކަތްތައް އިތުރުވެގެން ދިއުމަކީވެސް މަސައްކަތް ލަސްވާން ދިމާވާ ސަބަބެއްކަމަށް އެކޯރޕަރޭޝަނުން ފާހަގަކުރެއެވެ.
މި ޕްރޮޖެކްޓްގައި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމާއި، އަދި މަގުތަކުގައި ޓްރެފިކް ނިޝާން ހަރުކުރުން ހިމެނެއެވެ. މި ޕްރޮޖެކްޓަކީ 78 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ތިނަދޫގައި މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުގައި 9.2 ކިލޯމީޓަރުގެ މަގުގައި މީގެކުރިން ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ. އެ މަސައްކަތްވެސް ކޮށްފައިވަނީ އާރް.ޑީ.ސީއިންނެވެ.
ގދ. ތިނަދުއަކީ ހުވަދު އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއްރަށެވެ. ރަށުގެ އާބާދީ 7400 އިން މައްޗަށް އަރައެވެ.