ޚަބަރު

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގެ ކޮމެޓީ ހުރިހާ ބައްދަލުވުމެއް ސިއްރު


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ހިންގި ޢަމަލުތަކުގައި، ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ބާއްވާ ހުރިހާ ބައްދަލުވުމެއް ސިއްރު ކުރުމަށް ނިންމައިފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިމަހުގެ 20 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް ޢިމާރާތުގައި ބޭއްވެވި ޖަލްސާ ނިންމާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މުލިއާގެއަށް ވަޑައިގެންނެވުމަށް ދަތުރުކުރައްވަމުން ގެންދަވަނިކޮށް، ޕީޕީއެމްގެ މެމްބަރުންތަކެއް ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ.

މިކަން ހިނގަދިޔަ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241)އަށް ހުށަހެޅުމާއި ގުޅިގެން އެކޮމެޓީން ވަނީ މިކަމުގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތާއި، ފުލުހުންނާއި، ސިފައިންގެ ކޯޑިނޭޝަން އޮތް މިންވަރު ބެލުމަށް ސިޓީއަކުން ޖަވާބު ހޯދުމަށް އެދިފައެވެ. އަދި ސިފައިންނާއި ފުލުހުންނާއި ވަކިވަކިން ކޮމެޓީން ބައްދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެގޮތުން މިއަދު ކޮމެޓީން ވަނީ 11 ޖެހިއިރު ފުލުހުންނާ ބައްދަލުކޮށްފައެވެ. އަދި 12 ޖެހިއިރު ވަނީ ސިފައިންނާއި ބައްދަލުކޮށްފައެވެ. ނަމަވެސް ކޮމެޓިން މިބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކޮމެޓީން ބާއްވާ ހުރިހާ ބައްދަލުވުމެއްވެސް ސިއްރުކޮށްގެން ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެންބަރުން ހުރަސްއަޅައި ހިންގި ހަމަނުޖެހުން ބެލުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވަނީ ޚާއްޞަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައާ ގުޅިގެން މިހާރުވަނީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފްގައި ޢަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް ޢަބްދުالله އިބްރާހިމް މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން ވަނީ އެކަހެރިކޮށްފައެވެ. އަދި ޕްރެޒިޑެންޝަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރ އިބްރާހިމް ޙަލީމާ ވަނީ ހަވާލުކުރައްވާފައެވެ.