ޚަބަރު

ޓީވީއެމް: ފޫހިކަމެއް ވަރުބަލިކަމެއްނެތި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި 45 އަހަރު


ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުގެރޭ 9 ޖެހިއިރު ފެށީ އިންސާނީ ވަޞީލަތް މަދުވެފައި، ފަންނީ ޤާބިލުކަމާއި ފުދުންތެރިކަން ކުޑަވުމުގެ ސަބަބުން، ދިމާވި އެތަކެއް ގޮންޖެހުމަކާއެކުވެސް، މާލެއާއި މާލެ ކައިރީގެ 30 ކިލޯމީޓަރ ރޭޑިއަސްގެ ސަރަޙައްދަކަށެވެ.

އޭގެ މާކުރީއްސުރެ ރޭޑިއޯގެ ޚިދުމަތް ދެމުންދިޔަ ނަމަވެސް އަވައްޓެރި އެހެން ޤައުމުތަކާއި އެއްގޮތަށް ޓީވީގެ ޚިދުމަތް ފަށައިގަތުމަކީ އޭރު ރާއްޖެއަށް މާފަސޭހަކަމެއް ނޫނެވެ. އެދާއިރާއިން ތަމްރީނުވެފައިވާ މީހުން މަދުވުމާއި ކޮންމެ އެއްޗެއްވެސް ރާއްޖެއަށް އެތެރެކޮށް ބޭނުންވާ ތަމްރީނުތައް ބޭރުން ހޯދަން ޖެހުމަކީ އޭރުވެސް ދިމާވި ގޮންޖެހުންތަކެކެވެ. އެތަކެއް އުނދަގޫތަކާއެކު ފެށި މި ޚިދުމަތަށް 45 އަހަރު ފުރިގެންދާއިރު މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންނަނީ މި ޚިދުމަތް ލިބެމުންނެވެ.

އެންމެ ކޮންޓްރޯލް ރޫމަކާއި ސްޓޫޑިއޯއެއް ބޭނުންކޮށްގެން އެންމެ 9 ލައިޓާއި 2 ކެމެރާއާއެކު، ޖުމްލަ 8 މުވައްޒަފުންނާއެކު ޓީވީގެ ޚިދުމަތް ފެށުންވެގެންދިޔައީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް އައި އިންޤިލާބީ ބަދަލަކަށެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ އިސްނެންގެވުމާއެކު ފެއްޓެވި ޓީވީއެމްގެ ޚިދުމަތް ޒަމާނަށް އައި ބަދަލުތަކާއެކު މިހާރު ރާއްޖޭގެ މުޅި އާބާދީއަށް އަންނަނީ ލިބެމުންނެވެ.

ޚަބަރާއި މަޢުލޫމާތު ފެތުރުން، މުނިފޫހިފިލުވައިދިނުމުގެ ބައިވެރިޔާ

ޓީވީއެމްގެ ޚިދުމަތް މުޅި ރާއްޖޭގެ އިތުރުން ސަރަޙައްދީ ޤައުމުތަކަށް ފުޅާވެގެންދިޔައީ 1990 ގައި ރާއްޖޭގައި ބޭއްވި ސާކް ސަމިޓްގެ ކަވަރޭޖާއެކުގައެވެ. އެއާއެކު ރާއްޖޭގައި ހިނގާ މުހިންމު އެކި ކަންކަމާ ގުޅޭ މަޢުލޫމާތު ޓީވީއެމް މެދުވެރިކޮށް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަގުތުން ޓެލެކާސްޓް ކުރަން ފެށުނެވެ.

ޓީވީ މޯލްޑިވްސްގެ ޚިދުމަތަށް ބައި ޤަރުނާއި ގާތްވެފައިވާއިރު، ޓީވީއެމްގެ ޚިދުމަތް މިއަދު ދެމުންމިދަނީ ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ބްރޯޑްކާސްޓަރުން ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އަދި ޚިދުމަތް ފެށުނުއިރާ އަޅާބަލާއިރު، ޓީވީއެމްގެ ކޮންޓެންޓްވެސް ވަނީ އެތައް ގުނައެއް ފެންވަރު ރަނގަޅުވެ ކުރިއަރާފައެވެ. މިއަދު ޓީވީއެމްގެ ބްރޯޑްކާސްޓް ކުރުމުގެ ފެންވަރު މަތިކޮށް މިހާރު ދަނީ އެޗްޑީކޮށްވެސް ބްރޯޑްކާސްޓް ކުރަމުންނެވެ.

އެތައްދުވަހެއްގެ ތަޖުރިބާތަކާއެކުވެސް ކޯވިޑް-19ގެ ތެރެއިން ޓީވީއެމްގެ މުވައްޒަފުންވެސްވަނީ މުޅިން އާ ތަޖުރިބާތަކެއް ކޮށްފައެވެ. ކޯވިޑްއާ ގުޅިގެން ފުރަބަންދެއްގައި ތިބެން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ޕްރޮގްރާމްތައް ތައްޔާރުކުރަން ޖެހުނީ ގޭގައި ތިބެގެންނެވެ.

މަޤުބޫލު އެތައް ޕްރޮގްރާމްތަކަކާއެކު ފޮނި ހަނދާންތަކެއް!

ޓީވީއެމްގެ 45 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި އާއްމުންނާއި ހަމައަށް ގެނެސްދިން ޕްރޮގްރާމްތަކަކީ އަދިވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ޕްރޮގްރާމްތަކެކެވެ.

"ހޭޔަންބޯ"، "ފިލްމީ އުދަރެސް"، "ރަހަތަފާތު"، "ހެނދުނު ހެނދުނާ" "މެންދުރުފަސް" ފަދަ ޕްރޮގްރާމްތަކަކީ އަދިވެސް ދިވެހިންގެ މެދުގައި މަޤްބޫލު ޕްރޮގްރާމްތަކެކެވެ. ވަކިން ޙާއްސަކޮށް ކޮންމެ ރަމަޟާންމަހެއްގައި ގެނެސްދޭ "މުޙައްމަދު ރަސޫލުﷲ" ސީރީސްއަކީ ގިނަ ބައެއްގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ސީރީސްއެކެވެ. މިއީ ޢަރަބި ސީރީސްއެއް ދިވެހި ބަހަށް ތަރުޖަމާކޮށް ޑަބްކޮށްގެން ގެނެސްދޭ މިފަދަ އެންމެ ބުރަ އެއް މަސައްކަތަކެވެ.

ޒަމާނީ ވިސްނުންތަކާއެކު އެކި އުމުރުފުރާގެ މީހުން ގަޔާވާނެފަދަ އެތައް ޕްރޮގްރާމްތަކަކާއި ވެރައިޓީ ޝޯވތަކެއް މިވީ އަހަރުތަކުގެ ތެރޭގައި ޓީވީއެމުން އާއްމުންނާއި ހަމައަށްގެނެސްދީފައިވެއެވެ. ސްކޫލްކުދިންގެ ލަވަ މުބާރާތާއި، އޮފީސްތަކުގެ ޓެލެޓްރާމާ މުބާރާތް އަދި ތުއްތުކުދިންގެ ގުރުޢާން ކިޔެވުމުގެ މުބާރާތްފަދަ މުބާރާތްތަކާއެކު، ފަންނީގޮތުންނާއި ޢިލްމީގޮތުން ކުރިއަށްދާން ބޭނުންވެފައިވާ އެތައް ޒުވާނުންނަކަށް އެމީހުންގެ ކުރިމަގު ބައްޓަން ކުރެވޭނެ މަގު ޓީވީއެމުން ވަނީ ކޮށައިދީފައެވެ. އަރަމުން އަންނަ ތަރިން، ފަންނުގެ މާހިރުންނާއި ވަނީ ގުޅުވައިދީފައެވެ.

ޒަމާންވީ އުފެއްދުންތަކަކާއެކު އެންމެ މުއްސަނދި އެއް އާކައިވް

ޤައުމީ ޓީވީގެ ގޮތުގައި ޤައުމަށް ދިމާވާ ބޮޑެތި ކާރިސާތަކާއި، ފާހަގަކުރާ ތަފާތު މުނާސަބަތުތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރޮގްރާމްތަކާއި، ލައިވް ކަވަރޭޖްތައް ގެނެސްދިނުމުގައި ޓީވީއެމްގެ ހީވާގި ޓީމުން މަސައްކަތް ކުރަމުންދަނީ އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ.

މިފަދަ އެތައް ކަވަރޭޖަކާއެކު ޓީވީއެމްގެ ލައިބްރަރީވެފައިވަނީ ރާއްޖޭގައި މިވަގުތު އޮތް އެންމެ މުއްސަނދި އެއް އާކައިވަށެވެ. ދަޢުލަތުގެ މީޑިއާގެ ހައިސިއްޔަތުން ޕީ.އެސް.އެމްގެ ކުޑައިގެ ދަށުން ޓީވީއެމުން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، ރާއްޖޭގެ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ކާމިޔާބު 3 ސީޒަން ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވެއެވެ.

މީގެ އިތުރުން ކީރިތި ޤުރުޢާން ކިޔެވުމަށް ޒުވާނުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަޤްޞަދުގައި "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި"ގެ ނަމުގައި ގެނެސްދިން ޙާއްސަަ މުބާރާތާއި، ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން ކިޔެވުމުގެ މުބާރާތް "އައްނޫރުލް މުބީން"ވެސް އާއްމުންނާއި ހަމައަށް ގެނެސްދީފައިވަނީ ޓީވީއެމުންނެވެ.

ޒަމާނީ އޮއިވަރާއި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މިހާރު އޮތް ވާދަވެރިކަމުގެ ތެރެއިންވެސް ވަސީލަތްތައް ތަންދިން މިންވަރުން، ބެލުންތެރިން ގަޔާވާނެފަދަ އުފެއްދުންތަކެއް ގެނެސްދިނުމަށް ޓީވީއެމްގެ ޓީމް އޮތީ ތައްޔާރަށެވެ. ހުރި ގޮންޖެހުންތަކާއެކުވެސް ޤައުމަށް ޚިދުމަތް ކުރުމައިގެން ކުރިއަށްދާންތިބީ އަތުކުރި އޮޅާލައިގެންނެވެ.