ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ތަރައްޤީ އެއްވެސް ތަފާތުކުރުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގެނެސްދެއްވައިފިކަން ރައްޔިތުން ގަބޫލު ޤަބޫލުކުރާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ މޫސަ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް އެރުމުންވެސް މިއަދު ފެނިގެންދަނީ ތަރައްޤީގެ ބޮޑެތި މަސައްކަތްތައް ނިމި، އަދި ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާތަން ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ހިނގަމުންދާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ގިނަ ދުވަސްތަކަށް އެމްޑީޕީއާއި ދުރުގައި ހުރުމަށްފަހު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތީ އެމްޑީޕީގެ މިދައުރުގައި ރާއްޖެއަށް ގެނެސްދެމުންދާ ހެޔޮ ބަދަލުތަކާއިއެކު، ރައީސް ޞާލިހަށް އިތުރު ދައުރެއް ހޯދައިދެއްވުމަށް މަސައްކަތް ކުރުމަށްކަމަށެވެ.
ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރާއްޖޭގެ ރަށްތަކަށް ކުރި ދަތުރުތަކުން ރައްޔިތުން ރައީސް ޞާލިހުގެ ތަރައްޤީ ބަލައިގެންފައިވާ މިންވަރު ހާމަވާކަމަށް މޫސަ ވިދާޅުވިއެވެ. އާބާދީ ކިތަންމެ ކުޑަވިޔަސް އަދި އާބާދީގެ ގޮތުން ކިތަންމެ ބޮޑު ރަށެއް ކަމުގައި ވީނަމަވެސް ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އެއްވެސް ތަފާތެއްނެތި ކޮށްފައިވާތަން ކޮންމެ ރަށަކަށް އެރުމުންވެސް ފެނިގެން ދިޔަކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.
"މިހާތަނަށް އެމްޑީޕީއަށް ނުހޯދޭ އެކައްޗެއް ރައީސް ޞާލިހު އެބައިން އެމްޑީޕީއަށް ހޯދައި ދީފަ. އެއީ ރާއްޖޭގެ ވަކި ރަށެއް ނުބަލާ ހުރިހާ ރަށެއްގައި ތަރައްޤީގެ މަސައްކަތް ކުރުން. އަޅުގަނޑުމެން ދިޔަ އެންމެ ކުދިކުދި ރަށްރަށުގައި ދަނީ ބަނދަރު ހަދަނީ، ނަރުދަމާ އަޅަނީ އެމީހުންނަށް ބޭނުންވާ އެހެން ތަރައްޤީގެ ކަންކަން ކުރަނީ. އަޅުގަނޑަށް ދަތުރުކުރެވިފަ އެބަހުރި ޕީޕީއެމްގެ މީހުންނާއިއެކީގަވެސް. އޭރުވެސް މި ރަށަކަށް އަރާލީމަ ބުނަނީ ކަލޭމެން މިވެނިކަމެއް ނުކުރެއޭ، އެހެރީ އަދި ބަނދަރުވެސް ނުނިމެއޭ. މިހާރު ބުނަނީ ކީކޭތޯ؟ ރައީސް މި ބަނދަރު އިނީ ނިމިފައޭ ނަމަވެސް ތޮށި ގަނޑު މިހެން ޖައްސަލާ ދޭށޭ. އެމީހުންނަށް ހީވާ ކަހަލަ އެއްކަލަ ފުރޮޅުލީ އެއްޗެއް އަރިކޮށްލާ ކަހަލައޭ. އެވަރަށް ރައީސް އެބަ ކަންކަން ކޮށްދެއްވާ." މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ކަނޑައަޅައި، ޕާޓީތަކާއި މަޝްވަރާ ކުރާނެ ބާރު ރިޔާސީ ކެނޑިޑޭޓަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ދީފައިވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށް އަދި ޤައުމީ މަޖިލީހުގެ ނިންމުންތަކާއި ޚިލާފަށް ޕާޓީ ތެރެއިން ބަޔަކު އެމްޑީޕީއަށް ނޭގި އެހެން ޕާޓީތަކާއި މަޝްވަރާކުކުރުމަކީ އަސާސީ ގަވާއިދާއި ޚިލާފަށް ކުރެވޭ ކަންތައްތަކެއް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެފަދަ މަސައްކަތް ކުރައްވާ ބޭފުޅުން އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީން ވަކިވާނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މެނިފެސްޓޯއެއް ހަދާފަ އެބައޮތް. އަޅުގަނޑުމެން ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅާފަ އެބަތޮތް. މިހެން މިކަން އޮއްވާ އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހަދަން އެބަދޭ. އެހެންނަމަވެސް އެއީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފްކަމެއް. އަސާސީ ގަވާއިދު ބުނާގޮތުން އެމަސައްކަތް ކުރާ މީހުން ތިބޭނީ ޕާޓީން ވަކިވެފަ." މޫސަ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިހާއި ޚިޔާލު ތަފާތުވުމަކީ އެކަމުން އެމްޑީޕީއަށް ފައިދާ ކުރާނެ ކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގައި ދެބޭފުޅުން އެކީގައި ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވެ މޫސާ މަނިކު ވަނީ، ގޮތުން ދޫކުރައްވައި ރައީސް ނަޝީދުވެސް އެމްޑީޕީއާއި އެކު ކުރިއަށް ދިއުމަށް ގޮވާލައްވާފައެވެ،.