އެތެރޭގެ އުދުހުންތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގެން ދިއުމުގެ އެންމެ މުހިންމު ޚިދުމަތެވެ. އެކަމަށްޓަކައި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއަރޕޯޓްތައް ތަރައްޤީކުރަމުންނެވެ.
ރާއްޖެ އުފެދިފައި އޮތްގޮތުން، ވައިގެ ދަތުރުފަތުރުގެ ނިޒާމު ވެފައިވަނީ އެންމެ މުހިންމު އެއް ޚިދުމަތަށެވެ. ފަސޭހަ ދެމެހެއްޓެނިވި ނިޒާމަކުން ރާއްޖޭގެ ރަށްތަށް ގުޅާލުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްވެސްމެއެވެ. ރާއްޖޭގައި މިވަގުތު 19 އެއަރޕޯޓް ތަރައްޤީކޮށްފައި އެބައޮތެވެ. މީގެތެރެއިން 5 އެއަރޕޯޓަކީ އިންޓަނޭޝަނަލް އެއަރޕޯޓްތަކެވެ.
މި ސަރުކާރުން ޢަމާޒު ހިފާފައިވަނީ، ރާއްޖޭގެ ކޮންމެ ރަށަކުން 20-30 މިނެޓުން ދަތުރު ކުރެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކޮށް ޚިދުމަތް ދިނުމެވެ. މި އާމާޒު ފުރިހަމަކޮށް، ރާއްޖެއަކީ ގުޅިލާމެހިފައިވާ ވައިގެ ދަތުރުފަތުރުގެ ނިޒާމެއް އޮތް ޤައުމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް އެކުއެކީގައި އަންނަނީ ކުރަމުންނެވެ. އެގޮތުން އެކި މަރުހަލާތަކުގައި 10 އެއަރޕޯޓެއްގެ މަސައްކަތް މި 5އަހަރު ކުރިއަށް އެބަދެއެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ދެ އެއަރޕޯޓް ތަރައްޤީކޮށް ނިންމާ ޚިދުމަތަށް ގެނެސްފައެވެ. އެއީ ހޯރަފުށީ އެއަރޕޯޓާއި ފަރެސްމާތޮޑާ އެއަރޕޯޓެވެ. ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް ފެށީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި މިމަހު މިވަނީ ރާއްޖޭގެ ދެކުނުން ފަރެސްމާތޮޑާ އެއަރޕޯޓްގެ ޚިދުމަތް ފަށާފައެވެ.
މި މަސައްކަތުގެދަށުން އިތުރު ގިނަ އެއަރޕޯޓްތަކެއް މިއަހަރު ހުޅުވުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. މިވަގުތު 3 އެއަރޕޯޓެއްގެ ޢަމަލީ މަސައްކަތް އަަންނަނީ ކުރަމުންނެވެ. އެއީ މ. މުލި އެއަރޕޯޓް، ފ. މަގޫދޫ އެއަރޕޯޓް އަދި ރ. އަލިފުށި އެއަރޕޯޓެވެ. މި ތިން އެއަރޕޯޓް މިއަހަރު ޚިދުމަތަށް ގެނެވޭނެކަމުގެ ޔަގީންކަން ސަރުކާރުންދެއްވައެވެ.
މި އެއަރޕޯޓްތަކުގެ ތެރެއިން މުލީ އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް އޭޕްރިލްމަހު، މަގޫދޫ އެއަރޕޯޓްގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ޖޫންމަހު އަދި ރ.އަލިފުށީ އެއަރޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް މިއަހަރު އޮގަސްޓްގައި ކުރިއަށްގެންދާނެކަމަށް ކޮންޓްރެކްޓަރ އެމްޓީސީސީން މަޢުލޫމާތުދެއްވައެވެ.
މީގެއިތުރުން އިތުރު 4 އެއަރޕޯޓެއްގެ ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ތައްޔާރުވެފައެވެ. އެއީ ހދ. މަކުނުދޫ، ބ. ތުޅާދޫ، ތ. ވިލުފުށި އަދި ށ. ބިލެއްފަހި އެއަރޕޯޓްގެ މަސައްކަތެވެ. މިހާރު ކުރިއަށްދަނީ މި ޕްރޮޖެކްޓްތައް ކޮންޓްރެކްޓާރާ ހަވާލުކުރުމުގެ މަސައްކަތެވެ.
ރ.އަތޮޅު ދެކުނު ބިތުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ އެއަރޕޯޓްގެ މަސައްކަތްތައްވެސް ކުރިއަށްދާކަން، ފަރެސްމާތޮޑާ އެއަރޕޯޓް ހުުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވެއެވެ.
މީގެއިތުރުން ރާއްޖޭ އެންމެ އުތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި އަދި އެންމެ ދެކުނުން އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ޚިދުމަތް ފެށުމަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
މި ޕްރޮޖެކްޓްތަކާއެކު އެ ސަރަޙައްދުތަކަށް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ގެނައުމަކީ ސަރުކާރުގެ އެންމެ ބޮޑު ޢަމާޒެވެ. އަދި އެއީ ރައްޔިތުންގެ އެންމެ ބޮޑު އިންތިޒާރެވެ. އައްޑޫ އެއަރޕޯޓް ވެގެންދާނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ އެއަރޕޯޓަކަށެވެ. އަދި ހަނިމާދޫ އެއަރޯޓް ވެގެންދާނީ 1.3މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓަކަށެވެ.
އެއަރޕޯޓް މަޝްރޫޢުތަކާއެކު އެ ސަރަޙައްދުތަކުގައި މިހާރުވެސް އިޤްތިޞާދީ ހަރަކާތްތައް ވަނީ އިތުރުވާން ފަށާފައެވެ. ޚާއްސަކޮށް ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ޒުވާނުން އިތުރުވަމުން އަންނަކަން ސަރުކާރުން ފާހަގަކުރައްވައެވެ.
މި މަޝްރޫޢުތައް ނިމޭއިރު ސަރުކާރުގެ ޢަމާޒާ އެއްގޮތަށް، 20-30މިނެޓުން ދެވޭހާ ކައިރީގައި އެއަރޕޯޓެއް ނެތް ސަރަޙައްދެއް ރާއްޖޭގައި ނޯންނާނެއެވެ.