ޚަބަރު

ބޮޑުތަކުރުފާނުގެ "ޤައުމީ ޖިހާދު" މިފަހަރު ކިޔައިދޭނީ ރޭޑިޔޯ ޑްރާމާއަކުން


ދިވެހި ޤައުމީ ބަޠަލް ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަށް ޚާއްސަކޮށް ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އުފައްދާ "ޤައުމީ ޖިހާދު" ޑްރާމާ ސިލްސިލާ ދިވެހިރާއްޖޭގެ އަޑުން ފޮނުވަން ފަށައިފިއެވެ.

މިއީ މަޝްހޫރު ތާރީޚު ލިޔުންތެރިޔާ ކަށިމާ އަޙުމަދު ޝާކިރު ލިޔުއްވާފައިވާ ސްކްރިޕްޓަކަށް އުފައްދާ ޑްރާމާއެކެވެ. މި ސިލްސިލާ ދިވެހިރާއްޖޭގެ އަޑުން ފޮނުވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ހޯމަ މި ދެދުވަހުގެ މެންދުރުކުރި 11:30 ގައެވެ.

މި ޑްރާމާ އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، "ޤައުމީ ޖިހާދު" ފޮތް ލިޔުއްވި ކަށިމާ އަޙުމަދު ޝާކިރު މި ޑްރާމާއާއި ގުޅޭގޮތުން ވިދާޅުވީ، މިއީ މީގެ ކުރިންވެސް ނެރެން މަސައްކަތް ކުރެއްވި ޑްރާމާއެއް ކަމަށެވެ. ޝާކިރު ސިފަކުރެއްވި ގޮތުގައި މި ޑްރާމާއަކީ ފިލާވަޅެކެވެ. އޭނާ ވިދާޅުވީ، މިއީ ބޮޑުތަކުރުފާނުގެ ހަޔާތްޕުޅާ ކުރެއްވި ޤައުމީ ޖިހާދާ ގުޅިގެން މީހުންގެ ހިތުގައި އުފެދިފައި ހުރި ބައެއް ސުވާލުތައް ޖަވާބެއް ހޯދުމުގެ ގޮތުން ކުރެއްވި މަސައްކަތެކެވެ.

ބޮޑުތަކުރުފާނުގެ ވާހަކައަކީ އެންމެ އެޕިސޯޑެއް ދެ އެޕިސޯޑަކުން ނިމޭނެ ވާހަކައެއް ނޫންކަމަށާއި، އެ ވާހަކައަކީ ދިވެހިންގެ ދިރިއުޅުމާއި ދިވެހިންގެ ސަގާފަތާއި ގުޅިފައިވާ ވާހަކައެއްކަމަށް ޝާކިރު ވިދާޅުވިއެވެ.

"ޤައުމީ ޖިހާދު"ގެ ނަމުގައި ގެނެސްދޭން ފެށި މި ޑްރާމާއަކީ ބޮޑުތަކުރުފާނުގެ ހަޔާތްޕުޅަށް ބިނާކޮށް މިހާތަނަށް ގެނެސްދޭ ފުރަތަމަ ރޭޑިއޯ ޑްރާމާ ސިލްސިލާއެވެ.

މި ސިލްސިލާގައި އެޒަމާނުގެ ދިވެހިންގެ ދިރިއުޅުން ހުރިގޮތާއި، އާދަކާދަޔާއި ސަޤާފަތް ދައްކުވައިދޭނެއެވެ. އަދި ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ބޮޑުތަކުރުފާނު ރޭއްވެވި ރޭއްވެވުންތަކާއި، ކުރެއްވި ޤައުމީ ޖިހާދުވެސް ދައްކުވައިދޭނެއެވެ.

މިޑްރާމާ ބައިތައް ކުޅުމުގައި ދިވެހިރާއްޖޭގެ އަޑުގެ އޭރާއި މިހާރުގެ ޕްރެޒެންޓަރުން ބައިވެރިވެއެވެ. އަދި މި ފަންނުގެ ކުޅަދާނަ ބޭބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މި ސިލްސިލާގެ ދަށުން 27 މިނެޓުގެ 15 އެޕިސޯޑު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. މި ޑްރާމާ ރޭޑިޔޯއިން ފޮނުވާ ގަޑީގައި ދިވެހިރާއްޖޭގެ އަޑުގެ ފޭސްބުކް ޕޭޖުންވެސް ލައިވްކޮށް އަޑުއަހާލެވޭނެއެވެ.