ވިޔަފާރި

މިނެކިރުމަށް ބޭނުންކުރާ ތަކެތީގައި ސީލް ޖަހާފައިވޭތޯ ބަލަނީ


މިނެކިރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރަނީ ސަރުކާރުގެ މަސްއޫލް މުއައްސަސާއިން ދޫކުރައްވާފައިވާ ސީލްޖަހައިގެން ޤަވާޢިދާ އެއްގޮތަށްތޯ ބައްލަވައި ފާސްކުރައްވަމުން ގެންދަވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮންޒިއުމަރ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން ވިޔަފާރީގެ ބޭނުމަށް މިނެކިރަން ބޭނުން ކުރާ ތަކެތި ބޭނުންކުރަންޖެހެނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓުން ޖައްސަވާ ޚާއްޞަ ސިއްކައެއްގެ ދަށުންނެވެ.

މިން އެޅުމާއި މިނެކިރުމާއި ބެހޭގޮތުން އަލަށް އެކުލަވާލި ޤަވާއިދުގެ ދަށުން ވިޔަފާރި ކުރަމުންދާ ތަންތަނުގައި ބޭނުންކުރެވޭ، މިން އަޅައި، މިނެކިރާ އެއްޗެހި ހުރީ މި ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަށްޓަކައި، ވިޔަފާރި ކުރަމުންދާ ތަންތަނަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ.

އަދި ބަލައި ފާސްކުރުމުގައި ފާހަގަ ކުރެވޭ މައްސަލަތައް، ޤަރީނާގެ ގޮތުން ރައްކާކުރުމަށްޓަކައި، ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމުގެ ބާރު، ބަލައި ފާސްކުރާ ފަރާތްތަކަށް ލިބިގެންވެއެވެ.

އެމިނިސްޓްރީން ވިދާޅުވީ މިން ހަމަކޮށްގެން ވިއްކާ ތަކެތީގެ ބަރުދަން ހަމަތޯ ބަލަންގެންގުޅޭ ކައްޓާ ފަދަ ތަކެއްޗާއި، ދިގުމިން ހަމަތޯ ބަލަން ގެންގުޅޭ ފަތިގަނޑު ފަދަ ތަކެތި އަދި ކޮޑިމިން ހަމަތޯ ބަލަން ގެންގުޅޭ ކޮންޓެއިނަރ ފަދަ ތަކެތި ބޭނުންކުރަން ވާނީ މި ގަވާއިދުގެ ދަށުން މިން ހަމަކޮށްގެންކަމަށެވެ.

މިން ހަމަކުރަން ގެންނަ އެއްޗެހީގެ މިން ހަމަ ކަމަށް ވާނަމަ، މިން ހަމަ ކަމުގެ ސެޓުފިކެޓެއް ނުވަތަ މިން ހަމަކަމުގެ ފާހަގައެއް ޖަހައި ދެވޭނެއެވެ. މި ފާހަގަ ނުވަތަ ސެޓްފިކެޓްގެ ސައްޚަކަމުގެ މުއްދަތަކީ އެއްއަހަރުކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. މިން އެޅުމަށާއި މިނެކިރުމަށް ބޭނުންކުރާ އާލާތްތައް ހަމަތޯ ބެލުމަށްފަހު މިނިސްޓްރީން ޖަހައިދޭ ފާހަގަ ނުވަތަ ސެޓްފިކެޓް ނެތި، މި ގަވާއިދާ ޚިލާފަށް އެ އާލާތްތައް ބޭނުންކުރާ ފަރާތްތަކާ މެދު، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

މި މާއްދާގައި ބުނަނީ މިޤާނޫނާއި ޚިލާފްވާ ފުރަތަމަ ފަހަރު ފައްސަތޭކަ ރުފިޔާއާއި އެއްލައްކަ ރުފިޔާއާއި ދެމެދު އަދި ކުށް ތަކުރާރު ކޮށްފި ނަމަ ފަސް ހާސް ރުފިޔާއާއި އެއްލައްކަ ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެމިނިސްޓްރީ އަށް ލިބިގެންވާކަމަށެވެ.

މީގެ އިތުރުން މިން އެޅުމާއި މިނެކިރުމަށް ކުރިން ނަގަމުން އައި ފީއަށް ވެސް ވަނީ މި ޤަވާއިދުގެ ދަށުން ބަދަލުގެނެސްފައެވެ. މިގޮތުން ކުރިން މިން އެޅުމާއި މިނެކިރުމަށް ނަގަމުން އައިސްފައިވަނީ 1 ރުފިޔާއާއި 5 ރުފިޔާއާއި ދެމެދުގެ އަގެކެވެ. ނަމަވެސް މިހާރު މި އަގުވަނީ، 100 ރުފިޔާ އާއި 750 ރުފިޔާއާއި ދެމެދުގެ އަގުތަކަށް ބަދަލުވެފައެވެ.

އިކޮނިމިކް ޑިވެލޮޕްމަންޓްގެ ފެއަރ ޓްރޭޑް ސެކްޝަންގެ ޑިރެކްޓަރ އަޙްމަދު މިޤްދާދް ވިދާޅުވީ ފީގެ އަގަށް މިގޮތަށް ބަދަލުއައީ މިނެކިރުމުގައި ބޭނުންކުރާ އާލަތްތަކަށާއި ސިސްޓަމަށް އައި ބަދަލުތަކާއި ގުޅިގެންކަމަށެވެ. މިން އެޅުމާއި މިނެކިރުމާއި ބެހޭ ޤަވާއިދުގެ ދަށުން، މިން ހަމަ ކުރުމުގެ ޚިދުމަތް ދޭ މަރުކަޒަކަށް، ނުގެނެވޭ ފަދަ ތަކެތިނަމަ، މިނިސްޓްރީން ކަނޑައަޅާ މީހަކު އެ އެއްޗެއް ހުރިތަނަކަށް ގޮސްގެން އެ ޚިދުމަތް ދެވިދާނެއެވެ.

މިގޮތުން މިން ހަމަ ކުރުމަށް ބޭނުންވާ އެތި ހުރި ތަނަށް ގޮސްގެން ދޭ ޚިދުމަތަށް، މިން ހަމަ ކުރުމަށް ނަގާ ފީގެ އިތުރަށް ނަގާ އަގަށް އެއްހާސް ރުފިޔާ ނަގާގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ. ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން މިނެކިރަން ބޭނުންވާތަކެތި ސީލްޖަހައިގެން ބޭނުންކުރުމަށް ލާޒިމްކުރެއެވެ.