ޚަބަރު

ފުވައްމުލައް އައު ހޮސްޕިޓަލު: ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް ޚާއްސަ


ރާއްޖޭގެ އަތޮޅުތެރޭގެ ރަށްތަކުގެ ޞިއްޙީ ޚިދުމަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. ހޮސްޕިޓަލްތަކާއި ޞިއްޚީ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ ހޮސްޕިޓަލުތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން ބައެއް ރަށްތަކުގައި އައު ހޮސްޕިޓަލު އިމަރާތްތައްތައް އެޅުމުގެ މަސައްކަތްތަކާއި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ބަދަލުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިގޮތުން މިވަގުތުވެސް ބައެއް ހޮސޕްިޓަލްތައް އެޅުމަށްޓަކައި ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކުރެހުންތައް ފައިނަލް ކުރުމުގެ މަރުހަލާގައި ފުވައްމުލައް ސިޓީގައި ތަރައްޤީ ކުރާ އައު ހޮސްޕިޓަލް ޢިމާރާތްވެސް ހިމެނެއެވެ.

އާބާދީގައި 12000 އެއްހާ މީހުން ދިރިއުޅެމުން އަންނަ ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް ވަކިން އޮންނަ ރަށެކެވެ. ރަށުގެ ރައްޔިތުން ހުރިހާ ކަމަކަށްވެސް ބަރޯސާވަނީ ރަށުގައި ޤާއިމްކޮށްފައިވާ ޚިދުމަތްތަކަށެވެ. ވަކިން ޚާއްސަކޮށް ސިއްޙީ ޚިދުމަތް ހޯދުމަށް ދާންޖެހެނީވެސް އެރަށުގައި ހުންނަ ހޮސްޕިޓަލަށެވެ. އަވަސްއަވަހަށް ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ފުރައިގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށްވެސް ވަކި ލުއިކަމެއް ނޫނެވެ.

އެހެންނަމަވެސް ރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމަށް ދާންޖެހޭ ފުވައްމުލައް ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން އޮތީ ވަރަށް ބޮޑު ކަމަކަށްވެފައެވެ. ޖާގައިގެ ދަތިކަން ހައްލުކޮށް އިތުރު ޚިދުމަތްތައް ތަޢާރަފްކުރުމުގެ ގޮތުން 2021 ވަނަ އަހަރު ވަނީ އައު ޢިމާރާތުގެ މަސައްކަތް ފަށާފައެވެ. އަދި އެ ޢިމާރާތުގެ މަސައްކަތް މިދިޔަ އަހަރު ނިންމާ އެތަނުން މިވަގުތު އަންނަނީ ލެބޯޓްރީގެ ޚިދުމަތާއި، ޑެންޓަލް ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތް ދެމުންނެވެ.

މި ޢިމާރާތުގެ އިތުރަށް ސަރުކާރުން ވަނީ އެރަށުގައި 5 ފަންގިފިލާގެ މުޅިން އައު ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ.

އައު ހޮސްޕިޓަލުގެ ކުރެހުމަށް ބަލާއިރު މުޅިން ތަފާތު ޑިޒައިންކަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެއްކަން ފާހަގަކޮށްލެވެއެވެ. މި ހޮސްޕިޓަލަކީ 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލް ޢިމާރަތްކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ފުވައްމުލައް ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތާއި އިންވެގެންނެވެ.

މިހޮސްޕިޓަލަކީ ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ސްޕްޝެލިޓީ ޚިދުމަތްތައް ހިމަނައިގެން ތަރައްޤީ ކުރާނެ ހޮސްޕިޓަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ މިދިޔަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ. ކުވައިތު ފަންޑުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢަށް މިއަހަރުގެ ބަޖެޓްގައި 805,434 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހޮސްޕިޓަލްތައް ޢިމާރަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ލަސްތަކެއް ނުވެ 7 ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

ޒަމާނީ ފެންވަރަށް ހޮސްޕިޓަލް އަޅަން ހަމަޖެހިފައިވަނީ ހދ .ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލީގެ އިތުރުން ނ. ވެލިދޫ އާއި ތ. ވިލުފުށީގައެވެ. މިރަށްތަކުގައި އަޅާ ހޮސްޕިޓަލްތަކަކީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ. ސަރުކާރުގެ އަމާޒަކީ މިގޮތަށް ތަރައްޤީކުރާ ހޮސްޕީޓާތައް ކޮންމެވެސް އެއް ޚިދުމަތަކަށް ޚާއްސަކުރުމެވެ.

ޓާޝަރީ ހޮސްޕިޓަލްތަކާއި، ހޮސްޕިޓަލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭނުންވާ ޢިމަރާތްތައް އެޅުމުގެ މަސައްކަތުގެ އިތުރުން، މީހުން ތަމްރީންކޮށް އެތަންތަނުން ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރަށްރަށުގައި މި ޢިމާރާތްތައް އަޅަނީ ސިއްޙީ ޚިދުމަތް ހޯދުމަށް ރައްޔިތުން މާލެއަށް ބަރޯސާވުން ކުޑަކޮށް ޞިއްޙީ ނިޒާމް ލާމަރުކަޒު ކުރުމަށެވެ.