ޚަބަރު

ރަމަޟާންމަސް ފެށިއްޖެ، ނަފްސު އިސްލާޙުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް


އަހަރަކު އެއްފަހަރު އަޅުގަނޑުމެންނާއި ބައްދަލު ކުރާ މާތްވެގެންވާ ރަމަޟާންމަސް މިހާރު މިވަނީ ފެށިފައެވެ. މި މަހަކީ ސުވަރުގޭގެ ދޮރުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުވާ މައްސަރެވެ. އަދި ޝައިތާނުން ކަސްތޮޅު އަޅުވާފައިވާ މައްސަރެވެ.

އެހެންކަމުން މި މާތް މައްސަރުގައި ގިނަ ގިނައިން ހެޔޮ ޢަމަލުތައްކޮށް ދަރުމައާ ޘަވާބު ހޯދުމަށް އަވަސްވެގަންނާށެވެ. މިއީ އަޅުގަނޑުމެންގެ ނަފުޞް ޠާހިރުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ދުވާލުގެ ވަގުތުތަކުގައި ނުކައި ނުބޮއި ހޭދަކުރާ ވަގުތުތަކަކީ ހަމައެކަނި ކުޅިވަރާއި މަޖަލުގައި ހޭދަކުރާ ވަގުތުތަކަށްވުރެ ބޮޑަށް އަޅުކަމުގައި ހޭދަކުރާ ވަގުތުތަކަށް ހަދަމާ ހިނގާށެވެ.

ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެންގެ ނަފުސު ހޭލަންޖެހެއެވެ. ގަވާއިދުން ފަރުޟު ނަމާދުތައް ޤާއިމުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަ ކުރަންޖެހެއެވެ. ތަރާވީޙް ނަމާދު ކުރުމަށް އިސްކަންދޭން ޖެހެއެވެ. ރޭ އަޅުކަމުން ލިބޭ ޘަވާބުގެ މަތިވެރިކަން ހިތަށް ގެނެސް، ރޭ އަޅުކަމުގައި މަސްއޫލްވާންޖެހެއެވެ. ދުވަހުގެ ތާވަލުގައި ހިމަނައި ޤުރުއާން ކިޔެވުމުގައި ވަގުތުތައް ހޭދަކުރަންޖެހެއެވެ.

އެދުވަހެއްގައި ކިޔެވުމަށް ހަމަޖެހިފައިވާ މިންވަރު ދުވަހުގެ އެކި ގަޑިތަކަށް ބަހާލެވިދާނެއެވެ. އެގޮތުން ކޮންމެ ނަމާދެއްގެ ކުރިން އަދި ފަހުން 2 ޞަފްޙާ ކިޔަވާނަމަ، ރަމަޟާން މަސް ނިމެންވާއިރަށް މާތް ﷲ ގެ އިރާދަފުޅާއެކު ޚަތިމެއް ކުރުމަށް މަގު ތަނަވަސް ވާނެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިންކަން ބޮޑު ޢަމަލަކީ ކިތަންމެ މަދުންވިޔަސް ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލުކަން ސުންނަތުން އެނގެން އޮވެއެވެ. ރަމަޟާން މަހުގައި ޞަދަޤާތް ކުރުމަކީވެސް ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގެންދާނެކަމެކެވެ. ޞަދަޤާތް ކުރުމަށްޓަކައި ވަކި މިންވަރެއް ރައްކާކޮށް، ﷲ ގެ މަގުގައި ހޭދަކުރާށެވެ. ލިބޭ މިންވަރަކުން ދާއިމީ ގޮތެއްގައި ހޭދަކުރެވޭތޯ ބަލާށެވެ.

ރޯދަމަހުގެ ވަގުތުތައް ބަހާލައި، ހެނދުނާއި ހަވީރުގެ ޒިކުރުތައް އަދި އެހެނިހެން ޒިކުރުތަކާއި ދުޢާތައް ކިޔުމުގައި ދެމިހުރުމަށް ޢަޒުމް ކަނޑައަޅާށެވެ. މިނޫނަސް ރަނގަޅު އާދަތަކަށް ތިމާގެ ނަފްސު ހޭނުވުމަށް ސަމާލުކަން ދިނުން މުހިއްމެވެ. ގޯސް އާދަތަކުން ދުރުވުމަށް މިހާރުއްސުރެ މަސައްކަތް ކުރާށެވެ.

"ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރައްވެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުއްވެއެވެ" އަދިވެސް ހަދީޘް ކުރެއްވިއެވެ. "އޭ މީސްތަކުންނޭ، ރަމަޟާންމަސް އަތުވެއްޖެއެވެ. އެއީ ވަރަށް ބަރަކާތްތެރި މައްޞަރެކެވެ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަރަށް ގިނަ ގޮތްގޮތުން ދީލަތި އެހީތައް އެ މައްސަރުގައި ދެއްވައެވެ"

ރޯދަ ހިފުމަކީ ކެތްތެރިކަން އަށަގެންނެވުމަށް ބާރު އަޅާ އައްޑަނައެކެވެ. މިމަތިވެރި އަޅުކަމުގެ ފުރިހަމަކަން އިތުރުކުރުމަށްޓަކައި، ކެތްތެރިކަމުގެ މަތިވެރި ނަމޫނާ ދައްކަންޖެހެއެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކުރިމަތިލާންވާނީ، އަޒުމާއި ހިތްވަރާއެކު ކެތްތެރިކަން އިސްކޮށްގެންނެވެ. ދަތި ޙާލަތްތަކުގައިމެ، އުއްމީދު އާލާކޮށް، ދިރިއުޅުމާއިގެން ކުރިއަށްދާނެ ގޮތްތައް ރޭވުމަކީ އެހާމެ މުހިންމުކަމެވެ.

އިސްލާމްދީނަކީ ސަމާޙަތުގެ ދީނެވެ. ކޮންމެ ކަމަކަށް، ކޮންމެ ޙާލަތަކަށް، ކޮންމެ ޒަމާނަކަށް އެންމެ ހެޔޮ އެންމެ އެކަށޭނަ ދީނެވެ. އެހެންކަމުން، ބަރަކާތްތެރި ރަމަޟާން މަހާ އަޅުގަނޑުމެން ކުރިމަތިލާއިރު، ޙާލަތަށް ރިޢާޔަތްކޮށް، ހެޔޮކަންތަކުގައި މަޝްޣޫލުވުމަށް އިސްކަންދޭންޖެހެއެވެ. ގިނަ ގިނައިން ތައުބާވެ އިސްތިޣްފާރު ކުރާންޖެހެއެވެ. ތިބާގެ ރޫޙާނީ ހަކަތައިން ނަފްސުތަކަށް ދިރުން ގެންނާށެވެ. މީގެ އިތުރުން ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންނަށް އެހީވުމުގެ ގޮތުން ފިތުރު ޒަކާތް ދައްކާށެވެ.