ޚަބަރު

ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެމްއާރުއެމްގެ އިސްބޭފުޅުންނާއި ރައީސް މަޝްވަރާކުރައްވައިފި


މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމް.އާރް.އެމްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި އެމް.އާރު.އެމްގެ ފަރާތުން ޕާޓީގެ ޒައީމް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އިތުރުން ޕާޓީގެ ރައީސް ފާރިސް މައުމޫނާއި، ނައިބް ރައީސް ޝަޒައިލްގެ އިތުރުން ސެކްޓްރީ ޖެނެރަލް އަބްދުލް ޢަލީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން އެމް.އާރް.އެމްއިން ބުނީ މިއަދުގެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާއި މެދު ވަކި ގޮތެއް ނިންމިފައި ނުވާކަމަށެވެ.

އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއިލާއި، ޕާޓީގެ އެންމެ އިސްލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގެންނެވި މިބައްދަލުވުމުގައި ދެކެވުނު ވާހަތަކަށްފަހު އިތުރަށް މަޝްވަރާ ކުރުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އިތުރު ބައްދަލުވުމެއް ބާއްވާނެ ވަކި ތާރީޚެއް ހާމަކޮށްފައި ނުވެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީން ވަނީ އެމް.ޑީ.ޕީއާއި ކޯލިޝަން ހަދަން ނިންމާފައެވެ. ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ އެޕާޓީން ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނެރޭގޮތަށެވެ.