ޚަބަރު

ޅ. ކުރެންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމަށް އެސްޖޭ އަށް


ޅ. ކުރެންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރަކާއި ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާއިއެވެ.

މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އަދި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލްއުސްތާޛް ޝިހާދް އިބްރާހީމެވެ.

މި މަޝްރޫޢު އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. މި މަޝްރޫޢަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުންނެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ކުރެންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައައް ހައްލެއް ލިބިގެން ދާނެކަމަށެވެ.

"މި މަޝްރޫއާއެކީ ކުރެންދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވެގެންދާނެ. އަދި ރަށަކީ ބިން ކުޑަ ބިން ބޮޑު ކުރެވެން ނެތް ރަށެއް" މެންބަރު ވިދާޅުވިއެވެ.

ކުރެންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވަނީ 10 ބުރީގެ އެއް އިމާރާތުގައިކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޢިމާރާތުގައި ލިފްޓު ހިމެނޭނެކަމަށާއި، އިމާރާތުގެ އެންމެ ތިރީގައި ވިޔަފާރިތަކަށް ކޮމަރޝަލް އޭރިއާއަކާއި، ބިލްޑިންގ ސަރވިސް އޭރިއާ ހިމެނޭގޮތަށްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިއިން ކޮންމެ ހަައުސިންގ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ. އަދި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި، އާއްމު ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެކަމަށާއި، ޕާރކަކާއި ވެހިކަލް ޕާކުކުރާނެ ސަރަޙައްދެއް ޤާއިމުކުރެވިގެންދާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކުރެންދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތަށް 95 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢު އެސް ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.