ޚަބަރު

ލަންކާގައި އުޅޭ ދިވެހިންނަށް ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި


އަވައްޓެރި ސްރީލަންކާގައި ސަރުކާރުން ހިންގަމުން އަންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ނުވަތަ ސޯސަންވިލާއިން ލަންކާގައި އުޅޭ ދިވެހިންނަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މުބާރާތަކީ ލަންކާގައި ދިރިއުޅެމުންދާ، ވިސާ އޮތް ކޮންމެ ދިވެއްސަކަށްވެސް ފުރުޞަތު އޮތް މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ސޯސަންވިލާ އިން މިހާރު ދަނީ ދޫކުރަމުންނެވެ. އަދި ސޯސަންވިލާގެ ފޭސްބުކް ޕޭޖުން ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

އެމް.އީ.ސީ.ސީގެ ގިނަ ދަރިވަރުންނާއި ލަންކާގައި އުޅޭ އާންމުންވެސް ބައިވެރިވާ މިމުބާރާތް އޮންނާނީ އަންނަ މެއި މަހުގެ 13,14 މި ދެ ދުވަހުއެވެ. ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭ މި މުބާރާތުގައި ބައިވެރިވުމުގެ އުމުރުފުރާ ތަކަކީ 7 އަހަރުންދަށް، 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް، 18 އަހަރުންދަށް އަދި 18 އަހަރުން މައްޗެވެ. މުބާރާތުގެ މުޤައްރަރާރާއި ގަވައިދުވެސް ސޯސަންވިލާއިން މިހާރު ވަނީ އާންމުކޮށްފައެވެ.

ކޮންމެ އަހަރަކު ސޯސަންވިލާއިން ބާއްވާ މި މުބާރާތުގައި ލަންކާގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ދިވެހިން ބައިވެރިވެއެވެ.