ޚަބަރު

ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ރައްކާތެރިކަންވެސް ކަށަވަރުކުރަންޖެހޭ: ރައީސް


ރައްޔިތުންގެ ދިފާޢުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދަރުބާރުގޭގައި 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސް ހުޅުވައި ދެއްވައި ވާހަކަފުޅުދައްކަވުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޖްތަމަޢާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައްތައް ތަފާތުވެ، ބަދަލުވަމުންދާކަމަށެވެ. އަދި އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅިވެސް ބަދަލުވަމުންދާކަމަށެވެ. އެފަދަ ކުށްތައް ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި، އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު، ޤާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ވެސް ބަދަލުވެ، ތަފާތުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މިކަންކަމާއި ކުރިމަތިލުމަށް ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައި ދުނުމަކީ ފާއިތުވެދިޔަ 4 އަހަރުގައި އެންމެ ބޮޑު އިސްކަމެއްދެއްވި އެއްކަންތައްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ ސަލާމާތައި ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.

"ކުރީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަކީ، އޭގެ ތެރެއިން ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް ކަމުގައި އަޅުގަނޑު ދެކެން. ރައްޔިތުންގެ ދިފާޢުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް ކުރަންޖެހޭ ކަމެއް. ޤާނޫނީ ރައްކާތެރިކަން ވެސް އަދި ޖިސްމާނީ ރައްކާތެރިކަން ވެސް ކަށަވަރުކުރަންޖެހޭ." ރައީސް ވިދާޅުވިއެވެ.

ފުލުހުން އަލަށް ބޭނުން ކުރަން ފަށާފައިވާ ޓޭޒާ ގަން އާއި ގުޅޭގޮތުން ރައީސް ޞާލިޙު ވިދާޅުވީ، މިއީ ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު، އެ ކުށްވެރިޔާގެ ވެސް އަދި ފުލުސް މީހާގެވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެއް ކަމަށެވެ. ފަހަރެއްގައިވެސް މިއީ، ކުށްވެރިންނަށް ޙަމަލާދޭން ބޭނުންކުރާ ހަތިޔާރެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މިހާރު ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގ ދެމެހެއްޓުން ކަމަށެވެ. ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން އެންމެން ޤަބޫލުކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ސިޔާސަތު ތަންފީޒުކުރުމުގައި މިހާތަނަށް ކުރެވުނު ކަންތަކާއި، ދެން ކުރަންވީ ކަންތަކާއި، އަމާޒު ހިފަންވީ މިސްރާބަށް، މި ކޮންފަރެންސުން މަގު ދައްކާނެ ކަމަށް އުންމީދު ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފުލުހުންގެ ޚިދުމަތަކީ ގޮންޖެހުން ބޮޑު ޚިދުމަތެއް. އެ ގޮންޖެހުންތައް ކަޑައްތުކޮށް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ވަގުތާއި ޙާލަތާ އެކަށޭނަ ގޮތަށް ޢަމަލުކުރާނީ ކިހިނެއްކަން ދެނެގަތުން، އެއީވެސް މިފަދަ ކޮންފަރެންސެއްގެ ވަރަށް މުހިންމު ބޭނުމެއް. މި ކޮންފަރެންސްގައި ހުށަހަޅާ ޢިލްމީ ދިރާސާތަކުން، އެކަންކަމަށް ޖަވާބެއް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން." ރައީސް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް، މި މަހުގެ 29 ވަނަ ފާހަގަކުރާއިރު، މިދިޔަ 90 އަހަރުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. ފުލުހުންގެ ޢަދަދާއި، ޚިދުމަތުގެ ވައްޓަފާޅިއާއި، ބޭނުންކުރާ ވަސީލަތްތަކަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއ އައިސް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން އޮތް ކަމަކީ ތައުލީމީ ފުލުހުންގެ މުވައްސަސާއެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.