ޚަބަރު

ރައްޔިތުންގެ އިތުބާރު ހޯދުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތަކީ ގޮންޖެހުން ބޮޑު ދިގު ރާސްތާއެއް: ޢިމްރާން


ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްޔިތުން އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތަކީ ގޮންޖެހުން ބޮޑު ދިގު ރާސްތާއެއް އޮތް މަސައްކަތެއް ކަމަށާއި، އެކަން ކާމިޔާބު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ފުލުހުންގެ ބޯޑުން އިސްނަގައިގެން ޕޮލިސް ރިސާރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޢިމްރާން ވަނީ ފުލުހުންގެ ޚިދުމަތަށް ނިޒާމީ ގޮތެއް ގެންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ ޕޮލިސް ރިފޯމް ކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިންތިޚާބީ ވަޢުދުފުޅެއް ކަމަށެވެ. އަދި ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ފުލުހުންގެ ޚިދުމަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ ޚިދުމަތަށް ހެދުމަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ. ފުލުހުންގެ ޚިދުމަތަށް މުޅިން އައު ޤާނޫނެއް ވުޖޫދުވެ ޤާނޫނުގެ ތެރެއިންވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ، މި މަސައްކަތް މި ސަރުކާރުން ފެށީވެސް ކަމުގެ ޙަޤީޤަތް އެނގިތިބި ކޮޅެއްގައި ޖެއްސުމުގެ އަޒުމާއިއެކުގައި ކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތާއި އަދި މިފެށުނު ޕޮލިސް ރިސާރޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ ފުލުހުން މިމަގަށް ގެންދާނެ ކޮންފަރެންސެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޕޮލިސް ރިފޯމް ކުރުމުގެ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އިންތިޚާބީ ވައުދެއް. ދިވެހި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި، އިޚްތިރާމާއި ލޯބި ހޯދުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ވަރަށް ތަރުތީބު ކުރެވިގެން ކުރަން ޖެހިފައިވާ ދަތި ގޮންޖެހުން ބޮޑު އުދަނގޫ މަސައްކަތެއް. އެ މަންޒިލަށް ވާސިލް ވުމަށްޓަކައި ދިގު ރާސްތާއެއް، ކަޑައްތު ކުރަންޖެހޭ ކަށިތަކުން ފުރިގެންވާ ދިގުމަގެއް. ރައީސް ޞާލިހުގެ ސަރުކާރުން މި މަސައްކަތް ފެށީ ކަމުގެ ހަޤީޤަތް އެނގިތިބެ މިބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމުގައި" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިކޮންފަރެސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ އައު ޤާނޫނާއިއެކު އުފެއްދި ޕޮލިސް ބޯޑުން ފުލުހުންގެ ޚިދުމަތުގެ ހިންގުމަށް ހެޔޮ ބަދަލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ފުލުހުންނަކީ ތަޢުލީމީ ހުނަރުވެރި ބަޔަކަށް ހެދުމަށް ޕޮލިސް ބޯޑުން އިސްނަންގަވައިގެން މިފަދަ ކޮންފަރެންސެއް ބޭއްވުމަކީ ފުުލުހުންގެ ޚިދުމަތަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމެއްކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ މަސައްކަތަކީ ޒަމާނާއި އެއްގޮތަށް ބަދަލުކުރަންޖެހޭ، އަދި އުނގެނެންޖެހޭ ކަންތައްތަކެއްކަމަށް ސީޕީ ވިދާޅުވިއެވެ. ކުށްވެރިންގެ އުކުޅުތައް ޒަމާނާއެކު ބަދަލުވަމުންދާއިރު، މިކަންކަމާއި ކުރިމަތިލާ މީހުންވެސް އެކަންކަމަށް އަހުލުވެރި ވުމަކީ ބޭނުންތެރި ކަމެއްކަމަށް ސީޕީ ވިދާޅުވިއެވެ.

"މިކޮންފަރެންސްގެ އަލީގައި ފުލުހުންގެ މަސައްކަތާއި އެނޫންވެސް ކަންކަމާއިމެދު ޢިލްމީ ނަޒަރަކުން ބަހުސް ކުރެވި، ބަސްބުނެ ރަނގަޅުކުރަންވީ ކަންކަމާއިމެދުވެސް ބަހުސް ކުރެވިގެންދާނެ. ފުލުހުންގެ މަސައްކަތަށް ދިރާސާއާއި، ޢިލްމީ ބަހުސްތަކަކީ މިއަދު ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކަށް ބަލައި ލުމުން މުހިންމު އެއްޗެއްކަން ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެއް" ސީޕީ ހަމީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމަށްޓާއި ދިރާސީ ފެންވަރެއްގައި 3 ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިކޮންފަރެންސުގައި 10 ކަރުދާހެއް ހުށަހެޅިގެންދާނެއެވެ. ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ޔުނިވާރސިޓީތަކާއި، އެކި ދާއިރާތަކުގެ ފަންނީ ޤާބިލު މީހުންނާއިއެކު ކުރިއަށްދާ މިކޮންފަރެސުގައި މުހިންމު މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.