ޚަބަރު

ޖުލައި މެދުތެރޭގައި ގއ، ގދ ގައި އާރްޓީއެލްގެ ޚިދުމަތް ފެށޭނެ: އަސްލަމް


ސަރުކާރުން މިހާރު ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ޚިދުމަތް އަންނަ ޖުލައިމަހުގެ މެދުތެރޭގައި ގއ، ގދގެ ރަށްތަކުގައި ފަށާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި އަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އާރް.ޓީ.އެލްގެ ނިޒާމުން ގުޅައިލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން ރާއްޖޭގެ ރަށްތައް ކަނޑުމަގުން ގުޅާލުމަށް އާރް.ޓީ.އެލްގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްގެންދާކަމަށެވެ. އަދި އާރް.ޓީ.އެލްއާއެކު ހެޔޮ އަގުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ނިޒާމު ފަހިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، މިހާރު އެ ޚިދުމަތް ފަށާފައިވާ އަތޮޅުތަކުން މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާކަމަށެވެ. އަދި ދެކުނުގައި ހިމެނޭ ގއ، ގދ.ގެ ރަށްތަކުގައި ޖުލައި މަހުގެ މެދުތެރޭގައި ޚިދުމަތް ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަ ލޯންޗް ބަނދެ ނިމި އެއަށް ވަނީ އެޕްރޫވަލް ދީފައި. ދެން އޮތޯ ބާރަށް ބަނުން. އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މި ސަދަން ރީޖަން އެކީގައި ދަތުރުފަތުރުގެ ޚިދުމަތް ފެށުން. އޭރުން މިއިން ކޮންމެ އެއަރޕޯޓަކަށް ޖައްސާ އެއް ރަށުން އަނެއް ރަށަށް އަގުހެޔޮކޮށް ދެވޭނީ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެ އާރިޓީއެލް ފެރީ ނިޒާމުން ގުޅުވާލުމަކީ ސަރުކާރުގެ އަމާޒެކެވެ. އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ކުރިއަށް ގެންދަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު، ޒަމާނީ ފެރީގެ ޚިދުމަތް ދޭ 82 އުޅަނދެއް އޮންނާނެކަމަށްވެސް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި 188 ފެރީ ޓާރމިނަލް ހުންނާނެކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، މި ސަރުކާރުން ރާއްޖެ ތަރައްޤީކުރުމުގެ ފުރިހަމަ ޕްލޭނެއް އެބައޮތްކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްޤީކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުން ކަމަށެވެ.

އެގޮތުން މިހާރުވެސް އެއަރޕޯޓްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާތަނަށް އައިއިރު ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ 80 ޕަސެންޓު ނިންމާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހަރު ކުރިއަށްދާ މަޝްރޫޢުތަކާއި، ފެށުމަށް ނިންމާފައިވާ މަޝްރޫޢުތަކާއެކު އިތުރު އެއަރޕޯޓެއް ރާއްޖޭގައި ހަދާކަށް ނުޖެހޭނެކަމަށެވެ. ނަމަވެސް އިތުރު އެއަރޕޯޓްތައް ހަދަން ނުޖެހުނަސް، އެންމެ ކުރިން ރާއްޖޭގައި ހަދާފައިވާ އެއަރޕޯޓްތައް މަރާމާތު ނުވަތަ އައު ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެބަހުރި އެންމެ ފުރަތަމަ އެޅުނު އެއަރޕޯޓުތައް ވަރަށް ހާލުގައި. އެ ތަން ތަން ތަރައްޤީކުރަން ޖެހޭ. ރީޑިވެލޮޕް ކުރަން ޖެހޭ. އެކަން ޤުބޫލުކުރަން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، އައްޑޫސިޓީ ގަމާއި ކޫއްޑޫއާ ދެމެދު ފްލައިޓްތައް ބޭވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެކުނުގައި އޮތް 6 އެއަރޕޯޓް ގުޅުވާލެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.