ޚަބަރު

ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރަން 5600 އޮފިޝަލުން ހޯދަނީ


2023 ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ މަސައްކަތަށް 5600 އޮފިޝަލުން ހޯދަންވަނީ އިޢުލާންކޮށްފައެވެ.

އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަކަށްވެސް މިއިންތިޚާބުގައި އޮފިޝަލަކަށްވުމަށް ކުރިމަތިލެވޭނެއެވެ. އޮފިޝަލަކަށް ވުމަށް ކުރިމަތިލާ ފަރާތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުމާއި،
ޞިއްޚީ ގޮތުން މިފަދަ މަސައްކަތަކަށް ޤާބިލް މީހަކު ކަމުގައިވުމާއި، ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން މިމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އޮފިޝަލްކަމަށް ކުރިމަތިލެވޭނީ މިކަމަށް ޚާއްޞަ ކުރެވިފައިވާ އޮންލައިން ފޯމު މެދުވެރިކޮށެވެ.

އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން ރިޔާސީ އިންތިހާބު ބާއްވާ ދުވަހު ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް އުޖޫރައިގެ ގޮތުގައި 1500ރ (ފަނަރަސަތޭކަ ރުފިޔާ) ލިބޭނެއެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200ރ (ބާރަސަތޭކަ ރުފިޔާ)، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000ރ (އެއް ހާސް ރުފިޔާ)، ރިސާރވް އޮފިޝަލަކަށް 500ރ (ފަސް ސަތޭކަ ރުފިޔާ) އުޖޫރައިގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެކޮމިޝަނުންވަނީ ހުޅުވާލާފައެވެ. އަދި ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.