ޚަބަރު

ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ޢަދަދު 130 އަށް އިތުރުކުރުމަކީ އަމާޒެއް: ޞަބްރާ


މިއަހަރު ނިމެންވާއިރަށް ތިމާވެށީގެގޮތުން ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގެ ޢަދަދު 130 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ "ސަސްޓެއިނަބަލް އޯޝަން މެނޭޖްމަންޓް އިން ދަ މޯލްޑިވްސް އެންޑް އިންޑިއަން އޯޝަން" މި ނަމުގައި ހޮޓެލް ޖެންގައި ކުރިއަށްދާ ޚާއްސަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއީ އެމްބެސެޑަރަ ޕީޓާ ތޮމްސަނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެފަދަ ތިމާވެށީގެގޮތުން ނާޒުކު ޤައުމަކަށް ކަނޑުފަޅުގެ ދިރުންތަކުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ޞަބްރާ ވިދާޅުވީ، ރާއްޖެއަށް ތިމާވެށީގެގޮތުން ކުރިމަތިވާ ގޮންޖެހުންތަކަކީ ކުއްލިއަކަށް ހިނގާކަމަކުން ނުވަތަ ޙާދިސާއަކުން އެކަނި ކުރިމަތިވާ ކަންތައްތަކެއް ނޫންކަމަށެވެ. އަދި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މުރަކައިގެ ފަރުތަކަށް ލިބޭ ގެއްލުންތައްފަދަ ދިގުދެމިގެންދާ ކަންތައްތަކުންވެސް އެތަކެއް ނުރައްކާތަކެއް ވެއްޓަށް ލިބެމުންދާކަމަށާއި މިއީ މިއަދު ސައިންސްގެ ހޯދުންތަކުގެ އަލީގައި ފެންނަން ހުރި ހަޤީޤަތްތަކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖުގެ ވާހަކަފުޅުގައި ތިމާވެށީގެ ރޮނގުން ސަރުކާރުން ކުރަމުންދާ ބައެއް މުހިއްމު މަސައްކަތްތަކާއި، ގެންގުޅުއްވާ ސިޔާސަތުތަކަށްވެސް ވަނީ ބައްލަވާލައްވާފައެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން މިހާތަނަށް ރާއްޖޭގެ 79 ސަރަޙައްދެއް ހިމާޔަތްކޮށްފައިވާކަމަށާއި، އެއީ ގާތްގަނޑަކަށް ރާއްޖޭގެ މުރަކައިގެ ފަރުތަކުގެ %13 އިންސައްތަކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ނިޔަލަށް ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ޢަދަދު 130 އަށް އިތުރުކުރުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ޞަބްރާ ވިދާޅުވިއެވެ.

ޞަބްރާގެ ވާހަކަފުޅުގައި ވަނީ ރާއްޖެއިން ކުރަމުންގެންދާ ދޮށީގެ މަސްވެރިކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖެއިން ދޮށީގެ މަސްވެރިކަން ކުރާގޮތަކީ ތިމާވެއްޓާ އެންމެ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްކަމާއި އަދި އޭގެ ސަބަބުން ކަނޑުއަޑީގެ ދިރުންތަކަށްވެސް އޭގެ ގެއްލުން ނުފޯރާކަމުގައި ޞަބްރާ ވިދާޅުވިއެވެ.

ސަރުކާރުގެ ނޫ އިޤްތިޞާދު ސިޔާސަތުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން 2023 ގެ ނިޔަލަށް ރާއްޖެއިން ހުއްޓާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި، 2030 ގެ ނިޔަލަށް ނެޓް ޒީރޯ އަމާޒަށް ވާޞިލުވުމަށް ކުރާ މަސައްކަތްތަކާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކުރާ މަސައްކަތްތައްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"ސަސްޓެއިނަބަލް އޯޝަން މެނޭޖްމަންޓް އިން ދަ މޯލްޑިވްސް އެންޑް އިންޑިއަން އޯޝަން" އަކީ ސަސަކާވާ ޕީސް ފައުންޑޭޝަންގެ އޯޝަން ޕޮލިސީ ރިސަރޗް އިންސްޓިޓިއުޓާއި، ވިމެން އިން ޑިމޮކްރަސީ ގުޅިގެން އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޚާއްސަ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ކަނޑަފަޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރެވި މަޢުލޫމާތު ހިއްސާކުރެވިގެންދާނެއެވެ.