ޚަބަރު

ރަސްމާދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުތެރޭ ނިމޭނެ


ރ. ރަސްމާދޫގައި ސަރުކާރުން ޤާއިމްކުރާ ފެނުގެ ނިޒާމަކީ އެރަށަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސީ ޙިދުމަތެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފެން ތަޣައްޔަރުވެފައިވާ ރަށްތަކުގެ މީހުން ރައްކާތެރި ފެނަށް އެދޭ އުޞޫލުން މިރަށު ރައްޔިތުންގެ އުންމީދަކީވެސް ރައްކާތެރި ފެނުގެ ނިޒާމެއް ޤާއިމްވެގެންދިއުމެވެ.

ރައްކާތެރި ފެނަކަށް އެދި ތިބި ރ. ރަސްމާދޫ ރައްޔިތުން އެރަށު ބިމުން ނަގާފެން މިހާރު ބޭނުން ކުރަނީ އޮކްސިޖަން ޕަންޕް ގުޅައިގެން އެފެނުން ވަސްކަނޑުވައިގެންނެވެ. އެކަމު އެއީ އެންމެ ރައްކާތެރި ގޮތްނޫކަމަށާއި، އެފެން ބޭނުން ކުރަނީ އެނޫންގޮތެއް ނެތުމުން ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވިއެވެ.

އެނޫންގޮތެއް ނެތް ކަމަށް އުންމީދުކޮށްގެން ތިބި އެރަށު މީހުންނަށް އެކަން ޔަގީންވީ މިސަރުކާރު ހަވާލުވެ ފެނާ ނަރުދަމާގެ ޤާނޫނެއް ވުޖޫދުވެގެން އަައި ހިސާބުންނެވެ. އަދި މި ފަސްއަހަރުތެރޭގައި އެޙިދުމަތްނެތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެދެހިދުމަތް ޤާއިމް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދެއްވުވާ ގުޅިގެންނެވެ. ތަޣައްޔަރު ވެފައިވާ ފެނުން ފެންވަރާށާ ޒަރޫރީ ބޭނުންތައް ފުއްދަމުން އައި ރ.ރަސްމާދޫ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު މިހާރު އެދަނީ ފުރިހަމަވަމުންނެވެ. އެރަށުގައިވެސް އަންނީ ރައްކާތެރި ފެނުގެ ޚިދުމަތް ޤާއިމްކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ރަސްމާދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އަމަލީ މަސައްކަތް އެރަށުގައި އެކުންފުނިން ފެށީ ދެހާސް އެކާވީސް ވަނައަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ކުރީ އާރުއޯ އިމާރާތުގެ މަސައްކަތެވެ. އެމަސައްކަތައް ބަލާއިރު އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމާ ޕްލާންޓައް ބަހައްޓާ ބެޑްތައް އަޅާވަނީ ނިމިފައެވެ. މީގެ އިތުރުން ފެންނެގުމަށް ބޯހޯލް އެޅުމާ ފެންރައްކާކުރުމަށް ބަހައްޓާ ތިންތާންގީގެ ބުޑުތައްވެސް ވަނީ އަޅާނިންމާފައެވެ. މިހާރު ކުރަމުންދަނީ ފެނުގެ މައިހޮޅި އެޅުމުގެ މަސައްކަތެވެ. އެމަސައްކަތުގެ 30 އިންސައްތަ ނިމިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ރަސްމާދޫގެ ފެނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ މުޅިރަށުގެ ފެނުން ނުބައިވަސްދުވުމާ ބައެއް ސަރަހައްދުތަކުގެ ފެންލޮނުކަމަށެވެ. އަދި ރައްކާތެރި ފެންނެތުމުން ސިއްޙީ މައްސަލަތަކާ ކުރިމަތިވަމުންދާކަމަށެވެ. މީގެ އިތުރުން ރަސްމާދޫ އަކީ އިރުވައި މޫސުމުގެ ހޫނުގަދަ ދުވަސްތަކުގައި ފެނަށްވެސް ޖެހޭ ރަށަކަށްވުމުން މި ނިޒާމް ޤާއިމްވެގެން ދިއުމުން އެކަމަށްވެސް ހައްލުލިބިގެން ދާނެކަމަށް ރަސްމާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ޚިދުމަތުގެ ދަށުން އެރަށުގައި ގޭބިސީ ތަކާއި، ސަރުކާރު މުއައްސަސާތައް ހިމެނޭގޮތަށް 286 ކަނެކްޝަނެއް ގުޅުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަށް ނުދިއުމަކީ ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ މަސައްކަތް އެކަށީގެވާ ހަލުވިމިނެއްގައި ކުރިއަށް ނުދަނީ ރަށުގެ މަގުތައް ހަނިވުމުންނާ، ކަރަންޓާ އެނޫންވެސް ކޭބަލްތައް މަގުތަކުގައި އަޅާފައި ހުރުމުން އަތުން ކޮންނަން ޖެހުމުގެ ސަބަބުންކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޚިދުމަތް މިއަހަރުތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށޭނެއެވެ. ރައްޔިތުންގެ އުއްމީދަކީ މަސައްކަތް ނިމި ވީއެންމެ އަވަހަކަށް ޚިދުމަތް ލިބެންފެށުމެވެ.