ޚަބަރު

އައިޓީބީ ފެއަރގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ރާއްޖެއަށް


ޖަރުމަންވިލާތުގައި ކުރިއަށްދިޔަ އައިޓިބީ ފެއަރގައި އޭޝިއާ، އޮސްޓްރޭލިއާ އަދި އޯޝެނިއާގެ ގައުމުތަކާއި ވާދަކޮށް، ފެއަރގެ އެންމެ ރަނގަޅު އެގްޒިބިޓަރުގެ މަޤާމު ރާއްޖެއިން ހޯދައިފިއެވެ.

މިފަހަރުގެ އައިޓީބީ ފެއަރގައި 150އަށްވުރެ ގިނަ ގައުމުން ބައިވެރިވެފައިވެއެވެ. އަދި ރާއްޖެ ވަނީ މުޅި ފެއަރގެ ގަދަ 10ގައި ހިމެނިފައެވެ.

މީގެކުރިންވެސް ރާއްޖެއިން ވަނީ ފެއަރގެ އެންމެ ރަނގަޅު އެގްޒިބިޓަރުގެ މަޤާމު ހޯދާފައެވެ.

މިއަހަރަކީ ރާއްޖެއިން އެންމެ ބޮޑު ކޮންޓިންޖެންޓާއެކު މި ފެއަރގައި ބައިވެރިވި އަހަރެވެ. އެގޮތުން ރާއްޖޭގެ 91 ކުންފުންޏަކުން 233 އެގްޒިބިޓަރުން ފެއާރގައި ބައިވެރިވިއެވެ. އަދި ރާއްޖޭގެ ސަޤާފީ ކެއުންތަކާއި، ނެށުންތައް ފެއަރގެ ތެރެއިން ވަނީ ދައްކާލާފައެވެ.

ބެސްޓް އެގްޒިބިޓަރުގެ އެވޯޑް ރާއްޖެއިން ހޯދާފައިވަނީ އެންމެ ރަނގަޅަށް ގައުމުގެ ވާހަކަތައް ކިޔައިދިނުމާއި، ގައުމުގެ ސަޤާފަތް ފެއަރގައި ދައްކުވައިދީފައިވާތީއެވެ. މީގެ އިތުރުން ކިއުއާރް ކޯޑް ފަދަ ޓެންކޮނޮޖީތައް ބޭނުންކޮށްގެން ރާއްޖޭގެ ރީތިކަން ދައްކާލުމާއި، ޕްލާސްޓިކާއި ދެކޮޅަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މި ފެއަރގައި ރާއްޖޭގެ ސްޓޭންޑަކީ މިހާތަނަށް ރާއްޖެއިން ހެދި އެންމެ ބޮޑު ސްޓޭންޑެވެ. ސްޓޭންޑުން ދައްކުވައިދިނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކެވެ.