ވިޔަފާރި

"ޒަކާތު ނަފާ" ގެ ދަށުން ނޮޅިވަރަމްގެ 4 ޢާއިލާއަކަށް ދަނޑުވެރިކަން ކުރާނެ ވަޞީލަތްތައް


"ޒަކާތު ނަފާ" ޕްރޮގްރާމްގެ ދަށުން އެގްރޯނެޓުން ހދ. ނޮޅިވަރަމްގައި ޤާއިމްކުރި 4 ގްރީންހައުސް އަދި އިރިގޭޝަން ނެޓްވަރކްގެ މަސައްކަތް ނިންމާލައިފިއެވެ. ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމެކެވެ.

ހދ. ނޮޅިވަރަމަކީ ޒަކާތު ނަފާ ޕްރޮގްރާމް ފަށާ ފުރަތަމަ ރަށެވެ. "ޒަކާތު ނަފާ" ޕްރޮގްރާމްގެ ދަށުން ނޮޅިވަރަމްގެ 4 އާއިލާއަކަށް ދަނޑުވެރިކަން ކުރަން މިހާރު މިވަނީ އެހީ ލިބިފައެވެ.

މި ދަނޑުތަކަކީ 5000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ދަނޑުތަކެކެވެ. މި 4 ގްރީންހައުސްއަކީ ފަރޓިގޭޝަން ސިސްޓަމްއާއެކު ބޮޑުމިނުގައި 16 ފޫޓް 50 ފޫޓުގެ ހިމެނޭ 4 ގްރީންހައުސްއެވެ. ބިމުގެ ބާކީބައިގައި ވަނީ ވަޅާއި ޕަންޕު ބަހައްޓާ ޒަމާނީ އިރިގޭޝަން ސިސްޓަމެއް ޤާއިމްކޮށްފައިކަމަށް އެގްރޯނެޓުން ބުނެއެވެ. އެހެންކަމުން ދަނޑުގެ ބޮޑުބަޔަކަށް ސެމީއޮޓޯމެޓިކްކޮށް ފެންދެވޭނެ ގޮތް ވަނީހަމަޖެހިފައެވެ. ދަނޑަށް ފެންދިނުމަށް ދަނޑުވެރިން 2 ގަޑިއިރާއި 3 ގަޑިއިރު ހޭދަކުރަންޖެހޭއިރު، މި އިރިގޭޝަން ސިސްޓަމްގެ އެހީގައި މަދުވެގެން 20 މިނެޓް ތެރޭގައި މުޅި ދަނޑަށް ފެންޖަހާ ނިންމާލެވޭނެކަމަށް އެގްރޯނެޓުން ބުނެއެވެ.

މިޕްރޮޖެކްޓްގެ ދަށުން ދަނޑުވެރިންނަށް ބޭނުންވާ ޓްރެއިންނިންގއާއި ދަނޑުވެރިކަން ކުރަން ބޭނުންވާ ގަސްކާނާ، މުޑުވަށް އަދި ބޭސްފަދަ ހުރިހާ ވަސީލަތެއް އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ. އަދި ފަރޓިގޭޝަން ސިސްޓަމްއާއިބެހޭ މަޢުލޫމާތާއި ދަނޑުވެރިކަމުގެ ފަންނީ އެހީތެރިކަންވެސް ވަނީ ދަނޑުވެރިންނަށް ދީފައެވެ.


ކުރިއަށް އޮތް 6 މަސަދުވަހުގެ ތެރޭގައި މިގްރީން ހައުސްތަކުގައި ދަނޑުވެރިކަންކޮށްގެން މާކެޓަށް ބައެއް ބާވަތްތައް ނެރެވޭނެކަމަށް ބެލެވެއެވެ. މި ދަނޑުތަކުގައި ދަނޑުވެރިން ހައްދާ ހުރިހާ ބާވަތްތަކެއް އެއްއަހަރު ވަންދެން އެގްރޯނެޓުން ގަންނާނެއެވެ. އަދި 1 އަހަރު ހަމަވުމުންވެސް ދަނޑުވެރިންނަށް އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގް ޕްރޮގްރާމް މެދުވެރިކޮށް ހައްދާ ބާވަތްތައް ވިއްކުމުގެ ފުރުސަތު އޮންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ޒަކާތު ނަފާ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއީ އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއެކު އިޤްތިޞާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމާާއި، ފަޤީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލުކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕޮގްރާމްގެދަށުން ދަނޑުވެރިކަމުގެ ހުރިހާ މަސައްކަތެއް ކުރިއަށްގެންދާނީ އެގްރޯނެޓްގެ ތަޖުރިބާއާއި އެހީތެރިކަމާއި އެކުގައެވެ.