ޚަބަރު

ހޫނު މޫސުމާއި ދިމާކޮށް ސަޢުދީގެ ފްލައިނާސް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް


ހޫނު މޫސުމާއި ދިމާކޮށް ސަޢުދީ ޢަރަބިއްޔާގެ ފްލައިނާސް އެއަރލައިންއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ދަތުރުކުރަނި ހަމައެކަނި އެޤަމުގެ ޤައުމީ އެއަރލައިން އެކަންޏެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން ވިދާޅުވީ، ފްލައިނާސް އެއަރލައިންއިން ރާއްޖެއަށް ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 1 ވަނަ ދުވަހުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅާއި ހަމައަށެވެ.

އެމް.އޭ.ސީ.އެލްއިން ވިދާޅުވީ، ފްލައިނާސް އެއަރލައިންއިން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ކުރާނެކަމަށެވެ. މިދަތަރުތައް ކުރާނީ ރިޔާޟްގެ އެއަރޕޯޓްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ސަޢުދީ ޢަރައްބިއްޔާއިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަނީ އެޤައުމުގެ ޤައުމީ އެއަރަލައިން "ސަޢުދިއާ" އެކަންޏެވެ. މިއެއަރލައިން ކޯވިޑަށް މެނދުކަނޑާލުމަށްފަހު ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުއެވެ.

ސަޢުދީގެ އިތުރު އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެފައިވާއިރު، ބައިނަލްއަޤްވާމީ 35 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާރިޗުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 393839 (ތިން ލައްކަ ނުވަދިހަ ތިން ހާސް އަށް ސަތޭކަ ތިރީސް ނުވައެއް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %24.2 އިތުރު ޢަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ރާއްޖެއަށް ދުވާލަކު އެވެރެޖްކޮށް 6790 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި ދުވަހު 8029 ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ މަދުން ފަތުރުވެރިން އައި ދުވަހު ރާއްޖެއަށް 5318 ފަތުރުވެރިން ވަނީ އައިސްފައެވެ.