ޚަބަރު

މާ ހަލުވިކޮށް އޭއައި ތަރައްގީ ކުރާތީ ކުންފުނިތަކުގެ ކަންބޮޑުވުން


އިންސާނުންގެ ތޫނިފިލިކަމަށްވުރެ ކުރިއަރާފައިވާ އާދަޔާޚިލާފަށް ތޫނުފިލި ކޮމްޕިއުޓަރު ނިޒާމުތަކާ މެދު އޮތް ކަންބޮޑުވުންތައް އިތުރުވަމުންދާތީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން ޓެކްނޮލޮޖީ ތަރައްޤީކުރުން ކޮންމެ ވެސް މިންވަރަކަށް މަޑުޖައްސައިލުމަށް އޭއައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑޭ އޭއައި ކުންފުނިތަކަށް ގޮވާލައްވައިފިއެވެ.

އޭނާގެ އަމިއްލަ ވެބްސައިޓުގައި ޝާޢިއުކުރި ލިޔުމެއްގައި އަމޯޑޭ ވިދާޅުވީ އޭއައި މޮޑެލްތަކަށް ލިބިފައިވާ ޤާބިލުކަން ތަރައްޤީކުރާ ދުވެލި މަޑުޖައްސައިލަން ޖެހޭ ކަމަށެވެ. އެ ގޮތަށް އެ މަސައްކަތް މަޑުޖައްސައިލި ނަމަވެސް އޭއައިގެ ދާއިރާ ހަލުވިކަމާއެކު ތަރައްޤީވަމުންދާ ކަމުގެ އިޙްސާސް އަދިވެސް ކުރެވޭނެ ކަމަށާއި، އެ ގޮތަށް ޢަމަލުކުރުމުން ލިބޭ އިތުރު ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭއައިއަކީ ވަރަށް ބާރުގަދަ ޓެކްނޮލޮޖީއެއް ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ވަސީލަތުގެ ސަބަބުން ކުރިމަތިވާ ހިރާސްތަކާއި ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށެވެ. އަދި ތަރައްޤީ މަޑުޖައްސައިލުމުން ލިބޭ އިތުރު ވަގުތުގެ ބޭނުން ހިފައި އެ ގޮންޖެހުންތަކަށް ތައްޔާރުވުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަމޯޑޭ އިތުރަށް ވިދާޅުވީ އޭގެ މާނައަކީ އޭއައި ތަރައްޤީކުރުން އެއްކޮށް ހުއްޓައިލުން ނޫން ކަމަށެވެ. ނަމަވެސް މާ ހަލުވިކޮށް ކުރިއެރުން ހޯދުމުން އޭއައި ދާއިރާގެ އައު އީޖާދުތައް އަނެއްކާ ވެސް ތަޢާރަފްވުމުގެ ކުރިން އެ ބަދަލުތަކަށް ދުނިޔެ ހޭނުމަށް މާ ބޮޑު ވަގުތެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އޭއައި ތަރައްޤީކުރަން ވާނީ މެދުމިނަށް ފެތޭ ގޮތަށް ކަމަށާއި، އެންމެ ހިކުމަތްތެރި ގޮތަކީ އޭއައިއާ ގުޅިފައިވާ ނުރައްކާތަކާ މެދު ދުރާލާ ވިސްނައި ފިޔަވަޅު އެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަމޯޑޭ މި ފަދަ މޭރުމަކުން ޚިޔާލުފާޅުކުރައްވާފައި މި ވަނީ އޭއައި ތަރައްޤީކުރާ މިންވަރު މަޑުޖައްސައިލުމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް އެންތްރޮޕިކްއިން ގޮވާލާފައި ވަނިކޮށެވެ. އޭގެ ފަހުން، ޖުލައި މަހުގެ ތެރޭގައި، އެންތްރޮޕިކްއާ އެންމެ ގާތުން ވާދަކުރާ އޯޕަންއޭއައިގެ ވެރިޔާ ސޭމް އޮލްޓްމަން ވެސް ވަނީ ހަމަ އެ ފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ. ހަމަ އެ ދުވަސްވަރު، އޭއައި ކުންފުނިތަކުގައި ވަޒީފާ ޢަދާ ކުރާ 1،000އަށްވުރެ ގިނަ މުވައްޒަފުން ވެސް ވަނީ އޭއައި ތަރައްޤީކުރުން މަޑުޖެއްސޭނެ ގޮތެއް ހަދައިދިނުމަށް އެދި އެމެެރިކާގެ ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ.