ޚަބަރު

ބަރލިން ފެއަރ: ރާއްޖޭގެ ސްޓޭންޑުން ރީތި ރަށެއްގެ ތަޖުރިބާ


"ދިވެހިރާއްޖެ"ނަމާއެކު ހިތަށް އަންނާނެ ތަސްވީރަކީ ތީރި ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ނޫ ފަރުތަކާއި ކަނޑު އަޑީގެ ރީތި ކުލަކުލަައިގެ ގުދުރަތީ ދިރުންތަކެވެ. އެކި ބައްޓަމަށް އުފެދިފައިވާ ކުދިކުދި ޖަޒީރާ ރަށްތަކެވެ.

ދުނިޔޭގެ 1 ވަނަ މަންޒިލްގެ ލަޤަބު ޖެހިޖެހިގެން ރާއްޖެއަށް ލިބުނީ، މި ގުދުރަތީ ރީތިކަމާއި ރާއްޖޭގެ ރީތި ރިސޯޓްތަކާއި ޚިދުމަތްތަކާއި، ދިވެހިންގެ މެހުމާންދާރީގެ ސަބަބުންނެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ހިސާބަކުން، ނޫނީ ގައުމަކުން ކުރެވޭނެ ތަޖުރިބާއެއް ނޫނެވެ. ޚާއްސަކޮށް ދެކުނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ މަގުބޫލުވަނީ މި ސަބަބައްޓަކައެވެ. މިއީ ދުނިޔޭގެ ދެކުނު ސަރަޙައްދުން ފެންނާނެ މަންޒަރެއް ނޫނެނެވެ.

ޖަރުމަނުގައި ކުރިއަށްދާ އައިޓީބީ ބަރލިން ފެއަރގެ ތެރެއިން، ދިވެހިރާއްޖެއިން ފުރުސަތު ފަހިކޮށްދިނީ ރާއްޖޭގެ ރަށެއް ތަޖުރިބާކޮށްލުމުގެ ފުރުޞަތެވެ. މި ފެއަރއަކީ ދުނިޔޭގައިވެސް ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރއެވެ.

މިފަހަރުގެ ފެއަރގައި 150 އަށްވުުރެ ގިނަ ޤައުމުން 5500 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ.

އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ސިފަކޮށްދެނީ ރާއްޖޭގެ ގުދުރަތީ ވެއްޓެވެ. ދެކުނު އޭޝިއާގެ އެންމެ ބޮޑު ސްޓޭންޑެވެ. މިއީ ރާއްޖޭގެ މިހާ ބޮޑު ޙިއްސާއެއް ފެނިގެންދާ ފުރަތަމަ ފަހަރެވެ.

މެސީ ބަރލިންގެ 5.2 ހޯލްގެ މެދުގައި ހަދާފައިވާ ސްޓޭންޑަކީ 450 އަކަމީޓަރުގެ ސްޓޭންޑެކެވެ. މިއީ މުޅި ބަރލިން ފެއަރއަށް ބަލާއިރުވެސް، ހުރިހާ ފަރާތަކުން ސްޓޭންޑަށް ކައިރިވެވޭގޮތަށް ހަދާފައިވާ މަދު ސްޓޭންޑްތަކުން ސްޓޭންޑެކެވެ.

ރާއްޖޭގެ ސްޓޭންޑުން މަރުހަބާ ކިޔުމަށް ހަދާފައިވާ ސަރަޙައްދުން ފެންނަނީ ރަށެއްގެ ގޮޑުދޮށެވެ. ރިސެޕްޝަން އޭރިއާއިން ފެންނަނީ ރަށު ފަޅުތެރޭ މޫދުގައި އަޅާފައި އޮތް އޮޑިއެކެވެ. ރަށެއްގެ މަލަމަތި ފެންނަހެން ރުއްޖަހާ އިތުރަށް ވަނީ ފުރިހަމަކޮށްފައެވެ. އަދި ރާއްޖޭގެ ސްޓޭންޑަށް މަރުހަބާ ކިޔުމުގެ ގޮތުން "ދިވެހި ކާނާ" ތަޖުރިބާ ކޮށްލެވޭގޮތަށް ސްޓޯލެއް ވަނީ ބަހައްޓާފައެވެ. އެގޮތުން ރޮއްޓާއި މަސްހުންޏާއި، ތެލުލި ބަނބުކެޔޮ، ކުޅި ރޮށި، ކުދި ބަޖިޔާފަދަ ލުއި ކާނާ ބެހުން ހިމެނެއެވެ.

"އެބަ ލިބޭ ކަށި ކެޔޮ ކަނދިފަދަ ދިވެހި ބުއިންތައްވެސް. އަދި ރޮއްޓާ މަސްހުރި އެއީ ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު ކެއުމެއް." ދިވެފި ޝެފް މަހާ ފާހަގަކުރިއެވެ.

2 ފަންގިފިލައަށް ހަދާފައިވާ ސްޓޭންޑުގެ އިމާރާތް ސިފަކޮށްދެނީ ރާއްޖޭގެ ރިސޯޓްތަކެވެ.

އެންމެ ޗާލު އެއް މަންޒަރަކީ ވޯޓާވިލާތަކުގެ ބިންމަތީގައި ބިއްލޫރި ޖަހާ، މޫދު އަޑި ފެންނަގޮތް ސިފަވާގޮތަށް ހަދާފައިވާ ލެޑް ސެޓަޕެވެ. ސްޓޭންޑަށް ވަންނަ ވޯކްވޭގެ ބިންމަތި ލެޑްއިން ހަދާފައިވާއިރު، ފެންނަނީ ކަނޑު އަޑިން ފެހުރިއްސާއި މަޑިއެވެ. މިއީ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަށްކުރި އެންމެންވެސް އެންމެ ބޮޑަށް ޝައުގުވެރިވި މަންޒަރެވެ.

ސްޓޭންޑްގެ އެތެރެއާއި ސްޓޭންޑް ވަށައިގެން ކައިރިވެވޭގޮތަށް، ކުންފުނިތަކަށް ޚާއްސަ ޑެސްކް އޭރިއާ ވަނީ ހަދާފައެވެ.

މީގެ އިތުރުން ފެއަރގައި އެކި ދުވަހު އެކި ވަގުތުގައި ދިވެހި ސަޤާފީ ހުށައެޅުންތައްވެސް ކުރިއަށްދެއެވެ.

"ބަނޑިޔާ، ތާރަ އަދި ފަތިގަނޑު ބޭނުންކޮށްގެން ސަޤާފީ ހުށައެޅުންތައް އެބަ ކުރިއަށްދޭ." ދިވެހި ކަލްޗަރަލް ޑާންސް ގްރޫޕުން ފާހަގަކުރިއެވެ.

މި ފެއަރއަކީ އެތައް ހާސް ބަޔަކު ޒިޔާރަތްކުރާ ފެއަރއެކެވެ. އަދި ރާއްޖޭގެ ސްޓޭންޑަށް އޮތް ތަރުހީބު ބޮޑެވެ. ރާއްޖޭގެ ސްޓޭންޑުން، ރާއްޖެ ވަންތަ އެތައް ކަމެއް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ޔޫރަޕަށް ފަހިކޮށްދިނެވެ.

މިއީ މި ފެއަރގައި ރާއްޖެއިން ބައިވެރިވާ 39ވަނަ ފަހަރެވެ.