ޚަބަރު

400 ހައުސިންގ ޔުނިޓް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަނީ


ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ފައިސާއިންކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ކޮންސަލްޓެންސީ ޚިދުމަތުގެ ތެރޭގައި، ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުމާއި އީ.އައި.އޭ ރިޕޯޓް ތައްޔާރުކުރުމާއި ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުމާއި ކޮންޓްރެކްޓަރގެ މަސައްކަތް ސުޕަރވައިޒް ކުރުން ހިމެނޭކަމަށެވެ. އަދި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ "ގައިޑްލައިން ފޯ ޔޫސް އޮފް ކޮންސަލްޓަންޓްސް" އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުންކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިއަލަށްވަނީ ހުޅުވާލާފައެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދޭންޖެހެއެވެ. އެގޮތުން މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖްރިބާ އާއި މަސައްކަތަށް ހުށައަޅާ ފަރާތްތަކަށް ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މަޢްލޫމާތު ހުށަހަޅަން ޖެހެއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޖޮއިންޓް ވެންޗަރއެއްނަމަ، މިމަސައްކަތަށް އެފަރާތެއް ހޮވިއްޖެނަމަ، އެ ޖޮއިންޓް ވެންޗަރގައި ހިމެނޭ ހުރިހާ ފަރާތްތަކުން ކޮންޓްރެކްޓުގައި ބަޔާންކުރާ އެންމެހާ ޒިންމާތައް އަދާކުރަންވާނެކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރުޢޫތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ފަންތީގެ މީހުންނަށް ޚާއްސަކޮށް ހައުސިން މަޝްރޫޢުތައް ކުރިއަށްގެންދިއުމަށެވެ. މީގެ ތެރޭގައި ސޯޝަލް ހައުސިން އާއި މިޑް ރޭންޖް އަދި މިކްސްޑް ރެޒިޑެންޝަލް މަޝްރޫޢުތައް ހިމެނެއެވެ. އެގޮތުން މިހާރުވެސް މާލެ ސަރަޙައްދުގައި 6000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ގިރާވަރު ފަޅު ހިއްކައިގެންނާއި ގުޅީ ފަޅުންވެސް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.