ވިޔަފާރި

ބީއެމްއެލްއިން އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުޑަކުދިންނަށް ކޯޑިން ޕްރޮގްރާމެއް


އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ޚާއްސަކޮށްގެން ކޯޑިންގ އަދި އިންޖިނިއަރިންގ ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްއިން ތަޢާރަފްކޮށްފިއެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދީންނަށެވެ. މި ޕްރޮގްރާމުގައި ޖުމްލަ 30 ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯލޫޕް ކޯޑިންގ އެކަޑަމީ އިންނެވެ. މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި، ބްލޫޓޫތު ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރެއްގެވެސް މާރިޗުމަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ. މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ ޑިޖިޓަލް މާހައުލުތަކުގައި އަންހެނުން ބާރުވެރިކުރުވާ، ސްޓެމް ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް މަގުފަހި ކުރުމެވެ.

މިކަން ޙާސިލުކުރުމަށްޓަކައި ކުޑަކުދިން މިދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެން ކުދިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަކީ މުހިންމު ކަމެއްކަމަށް ބީ.އެމް.އެލްއިން ވަނީ ބުނެފައެވެ.