ޚަބަރު

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ޚިދުމަތްތައް ހުޅުމާލެ އޮފީސް ޢިމާރާތަށް


މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ޚިދުމަތްތައް ހުޅުމާލޭގައި ހުންނަ ސަރުކާރުގެ އޮފީސް ޢިމާރާތަށް ބަދަލުކޮށްފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، އެ މިނިސްޓްރީއިން ދެމުން ދިޔަ ހުރިހާ ޚިދުމަތްތައް މިއަދުން ފެށިގެން ހުޅުމާލޭ ފޭސް 1ގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތަށް ބަދަލުކޮށްފައިވާކަމަށެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ޚިދުމަތްތައް ބަދަލުކޮށްފައިވަނީ، އޮފީސް ޢިމާރާތުގެ 5 ވަނަ ފަންގިފިލާއަށެވެ. މިނިސްޓްރީއިން ދެމުން ދިޔަ ހުރިހާ އާއްމު ޚިދުމަތްތަކެއް، އެ ޢިމަރާތުގެ އެންމެ ތިރީ ފަންގިފިލާގައި މިހާރު ޤާއިމުކޮށްފައިވާ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ކައުންޓަރުން އާއްމުންނަށް ލިބޭނެކަމަށް މިިނިސްޓްރީއިން ވިދާޅުވެއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ކުރިން ހިންގަމުން ދިޔައީ ފެން ބިލްޑިންގްގައެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއެކު 3 މިނިސްޓްރީއެއްގެ ޚިދުމަތް މިވަނީ ހުޅުމާލޭގައި ހުންނަ އޮފީސް އިމާރާތަށް ބަދަލުކޮށްފައެވެ.

އެ އިމާރާތަށް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސެސްގެެ ޚިދުމަތާއި، މިނިސްޓްރީި އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޚިދުމަތްތައް ބަދަލުކޮށްފައެވެ. ޖެންޑަރ މިނިސްޓްރީ ހިންގަމުންދަނީ އިމާރާތުގެ 2 ވަނަ ފަންގިފިލާގައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަނީ އިމާރާތުގެ 3 ވަނަ ފަންގިފިލާގައެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސް ޢިމާރާތެއް ތަރައްގީކުރުމަށް މި ސަރުކާރުން ނިންމެވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގުމަށްޓަކައި، ބޮޑު ހޭދައެއްކޮށްގެން އަމިއްލަ މީހުންގެ ޢިމާރާތްތައް ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައެވެ.

އޮފީސް ޢިމާރާތުގެ މަސައްކަތް ނިންމާ ފެބްރުއަރީ 15 ވަނަ ދުވަހު، ޢިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްޤީކޮށްފައިވާ މި އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންގއަށް ބޭނުންކުރުމަށެވެ. ޢިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާއާއި ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތި 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.