ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވާއިރު އެއަރޕޯޓަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ


ފަރެސްމާތޮޑާ އެއަރޕޯޓް މިމަހު ހުޅުވާއިރު އެރަށުން، އެއަރޕޯޓަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

ހުވަދު އަތޮޅު ދެކުނު ބުރީ ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓު މިމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ފަރެސްމާތޮޑާއާއި ވަކިން އޮންނަ އެއަރޕޯޓަށް ދިއުމަށް، ތަރައްޤީކުރާ ބްރިޖްގެ މަސައްކަތް އެހާތަނަށް ނުނިމޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓް ބްރިޖްގެ މަސައްކަތްލަސްވީ ކުރިން ޕްލޭންކުރި ވަރަށްވުރެ ބޮޑެތި ތަނބުތައް އެސަރަޙައްދަށް ފައްތަން ޖެހުމުންކަމަށެވެ.

އާޒިމް ވިދާޅުވީ ބްރިޖުގެ މަސައްކަތް ނުނިމުނަސް، ފަރެސްމާތޮޑާއިން އެއަރޕޯޓަށް ދާނެ މަގެއް ހަދަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

"ބްރިޖްގެ މަސައްކަތް އަދި ނުނިމޭތީ ފަރެސްމާތޮޑާއިން އެއަރޕޯޓަށް އައުމަށް، ވަގުތީ މަގެއް އެބަ ހަދަން. އަދި ކައިރި ރަށްރަށުންނާއި ކައިރި ރިސޯޓުތަކުން އަންނަ މީހުންނަށް އާދެވޭނެހެން ބަނދަރެއްމިވަނީ ނިންމާފައި. ކީވޯލްގެ މަސައްކަތް މިހާރުވަނީ ނިމިފައި." އާޒިމް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓާއެކު ތަރައްޤީކުރާ ބްރިޖްގެ މަސައްކަތް އަންނަ މޭއިމަހުގެ ނިޔަލަށް ނިމޭނެކަމަށް އެމްޓީސީސީން ވަނީ ކުރިން ބުނެފައެވެ.

އެމްޓީސީސީން އަންނަނީ އެއަރޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމައި، އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ކަމާބެހޭ އިދާރާތަކުން އަންނަނީ އިންސްޕެކްޝަންގެ މަސައްކަތްތައްވެސް ކުރަމުންނެވެ. އަދި އެއަރޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ އެރަށުގެ ފަޅުތެރޭގައި ހުރި ރަށްތައް ހިމެނޭހެން 19 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއެއް އޮންނަ މި އެއަރޕޯޓަކީ 144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.