ޚަބަރު

އުރީދޫ ސްޓެމް ފެއަރ: ސްކޫލު ދަރިވަރުންގެ އީޖާދީ ހައްލުތައް ދައްކާލަނީ


އުރީދޫއިން އިސްނަގައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ވިމެން އިން ޓެކް މޯލްޑިވްސްއާއެކު ކުރިއަށްގެންދާ އުރީދޫ ސްޓެމް ފެއަރ ފަށައިފިއެވެ.

އިއްޒުއްދީން ސްކޫލު ހޯލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއަރގައި 7 ސްކޫލަކުން 3 ކެޓެގަރީއެއްގައި ބައިވެރިވެފައިވެއެވެ. އެއީ ނޮވިސް، ޖޫނިއަރ އަދި ސީނިއަރ ކެޓެގަރީއެވެ. މިއީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނީރިންގ އަދި މެތެމެޓިކްސް ތަޢުލީމަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ފެއަރއެކެވެ.

މި ފައރގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލް ހިމެނެއެވެ. މި ފެއަރގެ ފުރަތަމަ ދުވަސް ޚާއްސަކޮށްފައި ވަނީ ފެއަރގައި ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓްތަކަށް ފަނޑިޔާރުން ބަލާ މާކްސް ދިނުމަށެވެ. ޖަޖުންގެ ފަނޑިޔާރުކަން މިއަދު މެންދުރުފަހު 2:30 އިން ރޭގަނޑު 10:00 ކުރިއަށްދާނެއެވެ.

މި ފެއަރ ބަލައިލުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލާނީ 4 މާރިޗު 2023 ވާ ހޮނިހިރު (މާދަމާ) ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. އަދި ފެއަރގައި ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން ހަވީރު 6:00 އަށް ބާއްވާ އެވޯޑް ހަފްލާގައެވެ.


މިފެއަރއާ ގުޅޭގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޑޮކްޓަރ ޢާއިޝަތު ޢަލީ ވިދާޅުވީ، ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ޢިލްމާއި ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި މި އުރީދޫ ސްޓެމް ފެއަރއަކީ ސްޓެމް ދާއިރާތައް ޕްރޮމޯޓްކޮށް މި ދާއިރާތަކުން ކުރިއަށްދިއުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެގޮތުން ކުރިއަށްގެންދާ ވަރަށް މުހިއްމު ފެއަރއެއްކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ޓެކްނޮލޮޖީއާއި ޑިޖިޓަލް ޙިދުމަތްތަކާއެކު ހުރިހާ ސިނާއަތްތަކެއްގެ މަސައްކަތުގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީ ކުރިއަރަމުން މިދާ ބާރު ސްޕީޑާއެކު މި ބަދަލުތައް އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ދުނިޔޭގެ މި ބަދަލުވަމުންދާ މާހައުލަށް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއްކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫ ސްޓެމް ފެއަރގެ މަޤްޞަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވުމާއި، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ބޭނުންކޮށްގެން ޙަޤީޤީ ދުނިޔޭގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބާރުއެޅުމާއި، ސްޓެމް މާއްދާތައް ތަޖުރިބާކުރުމަށް ދަރިވަރުންނަށް ތަޢުލީމީ ތަޖުރިބާއެއް ހޯދައިދިނުންކަމަށް އުރީދޫއިން ބުނެއެވެ.