ޚަބަރު

ގާދިއްފުށި ގޮނޑުދޮށް ޙިމާޔަތްކުރުން، ޒަމާންވީ ތަކުލީފަކަށް ޙައްލު


ތ. ގާދިއްފުއްޓަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވާތާ ވިއްސަކަށް އަހަރު ވަނީ ވެފައެވެ. ގާދިއްފުއްޓަކީ 13 ހެކްޓަރުގެ ކުޑަ ރަށަކަށް ވުމާއެކު ރަށުގެ ހޭޅިފަށާއި ކައިރި ސަރަޙައްދުތަކުންވެސް އޭރު ގޯތި ދޫކުރިއެވެ.

ނަމަވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެ، ރަށުތެރެއަށް 25 ހަކަށް ފޫޓުގެ ސަރަޙައްދެއް ވަނީ ގިރާލާފައެވެ. އެއާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މީހުން ދިރިއުޅޭ ގޭގެއާއި ހަމައަށްވެސް ރާޅު އަރައެވެ.

"އަހަރެންގެ ގެއާއި ދިމާލުންވެސް ރާޅުއަރާއިރު ގޭގެ ފޫޓުތެރެއާ ހަމައަށްވެސް ރާޅު އާދޭ. އެހެންވެ އަމިއްލައަށް ސިމެންތިންވެސް ތޮއްޓެއް ރާނައިގެން މި އުޅެނީ" ރަށުން ވާހަކަދެއްވި މީހަކު ބުންނެވެ.

ގާދިއްފުށީގެ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް މިހާރު އެ މަސައްކަތް ދަނީ ކުރިއަށެވެ.

ގާދިއްފުށިން ވާހަކަދެއްކި އިތުރު ރައްޔިތަކު ބުނިގޮތުގައި ރަށް ގިރުމުގެ ސަބަބުން ބައެއް ގޭގޭގެ އިންވެސް ގެއްލިފައިވާކަމަށެވެ. އަދި ކުނި ގޮނޑުގެ ގޮތުގައި ރަށުގައި ބޭނުންކުރި ސަރަޙައްދުވެސް ގިރާ، އެކަމުގައިވެސް ބޮޑެތި ދަތިކަން ކުރިމަތިވިކަމަށެވެ.

"ގޮނޑުދޮށް ޙިމާޔަތް ކުރަމުންދާއިރު ފަސް އެޅިމާ، މިހާރު ބައެއް ގޭގެއަށް އިން ފާރުވެސް ލިބުނީ. ދިޔަވަރު ބޮޑުވާއިރު މުޅި ކުނި ގޮނޑުވެސް ގިރާލާ، ރަށު ތެރެއަށް ކުނިތައް އަރައިގެންދޭ" އޭނާ ބުންޏެވެ.

ގާދިއްފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ގާދިއްފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވެސް އެކުންފުނިން ވަނީ ނިންމާފައެވެ.

މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާ އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ ކުންފުންޏާ ހަވާލުކޮށް 500 މީޓަރުގެ ސަރަޙައްދެއް ޙިމާޔަތް ކުރަމުންދާކަމަށެވެ. އެގޮތުން 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތް މީގެތެރޭގައި ހިމެނެއެވެ.

"އީ.އައި.އޭއިން ހުއްދަ ލިބުނު ހިސާބަށް ވެލި އަޅާ، މަސައްކަތް ކުރިއަށްދަނީ. މަސައްކަތް ނިމެމުންދާވަރަކަށް އެ ސަރަޙައްދު މިހާރު ވަނީ ހުޅުވާލާފައި. މަސައްކަތްތައް މި މަރޗްމަހު ނިމޭނެ" އާޒިމް ވިދާޅުވިއެވެ.

ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ ހާވާލުކޮށްފައިވަނީ 18.8 މިލިއަން ރުފިޔާއަށެވެ.