ޚަބަރު

މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ފަށައިފި، އަމާޒަކީ އޮގަސްޓަށް ނިންމާލުން


ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅަކީ ފާފު އަތޮޅެވެ. ހާހަކަށްވުރެ އިތުރު އާބާދީއެއް އޮތް އެ އަތޮޅުގައި މީހުން ދިރިއުޅެނީ 5 ރަށުގައެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުން ދަތުކުރެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ފ.އަތޮޅުގައި ފުރަތަމަ ފަހަރަށް އެއަރޕޯޓެއް ތަރައްޤީކުރަން ނިންމާ އެ މަސައްކަތް އެމްޓީސީސީން ހަވާލުކޮށް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މި އެއަރޕޯޓް ތަރައްޤީކުރަނީ ހާހަކަށްވުރެ ކުޑަ އާބާދީއެއް އޮތް ފ.މަގޫދޫގައެވެ. 22 ހެކްޓަރުގެ މަގޫދޫގައި ކުރިއަށް ގެންދާ އެއަރޕޯޓް މަޝްރޫޢާއެކު ރަށުގެ އިޖްތިމާޢީ ބޭނުމަށް ބޭނުންވާ ބިން ހިއްކުންވެސް ހިމެނެއެވެ.

އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށްފައިވަނީ އެ ރަށުން 52 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މީގެތެރެއިން އާއްމު ބޭނުމަށް 17 ކެހްޓަރު ޚާއްސަ ކުރާނެއެވެ. އެއަރޕޯޓް ތަރައްޤީކުރަނީ 35 ހެކްޓަރުގެ ބިމެއްގައެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަޙީދު ވިދާޅުވީ ބިންކާ، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ، ރަށުގެ ރައްޔިތުންގެ އެތައް ޝަކުވާތަކަކަށް ނިމުން ގެންނާނެ މަޝްރޫޢުތައްކަމަށެވެ.

ވަހީދު ވިދާޅުވީ މި މަޝްރޫޢުގައި ރަށުގެ އިޖްތިމާޢީ ބޭނުމަަށް ކަނޑައަޅާ 17 ހެކްޓާރު ޚާއްސަ ކުރާނީ ގޯތި ދިނުމާއި، ސިނާޢީ މަސައްކަތްތަކަށްކަމަށެވެ. ރަށުގައި ހުރި ކުދި ހުސް ބިންތަކުން މިދިޔަ ދެ އަހަރު ތެރޭ 50 ގޯތި ދޫކުރިއެވެ. ނަމަވެސް އެކަށީގެންވާ ގޮތުގައި ރަށުގައި ބޯހިޔާވަހިކަމާއި ގުޅޭ މަސައްކަތެއް ނުކުރެވޭތާ 17 އަހަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެންމެ ބޮޑު އިންތިޒާރެއް ކުރެވެނީ މި މަޝްރޫޢުތަކާއެކު، ރަށުގެ އިޤްތިޞާދީ ޙާލަތަށް އަންނާނެ ހެޔޮ ބަދަލަށްކަމަށެވެ.

މަގޫދުއަކީ ފަތުރިވެރިކަމުގެ ވިޔަފާރި ފުޅާވަމުން އަންނަ ރަށެކެވެ. މިހާރުވެސް އެރަށުގެ 5 ގެސްޓްހައުސްގައި، 150އެނދުގެ ކެޕޭސިޓީ އެބަހުއްޓެވެ. މަގޫދުގެ އިތުރުން ފ.އަތޮޅުގެ އެހެން ރަށްތަކާއި، އަދި ކައިރި އަތޮޅުތަކުގައިވެސް މި ވިޔަފާރި އަންނަނީ ފުޅާވަމުންނެވެ.

ކައުންސިލް ރައީސް ވިދާޅުވީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބަރޯސާ ވެވޭ ދަތުރުފަތުރުގެ ނިޒާމެއް ނެތުންކަމަށެވެ.

"އެއަރޕޯޓް މަޝްރޫޢުއާއެކު ބިމުގެ ވެލިއު ވަރަށް ބޮޑަށް އުފުލިއްޖެ. ރަށުގައި އިންވެސްޓް ކުރަން ގިނަ ބަޔަކު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުން. ހިއްކާ ބިމުގެ، ގޮނޑުދޮށް ފަޅި، އެއްކޮށް ދޫކޮށްލާނީ ގެސްޓް ހައުސް ވިޔަފާރިއަށް." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، މަގޫދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރިއަށްދާކަމަށެވެ. އެގޮތުން އެއަރޕޯޓްގެ ރަންވޭ 1800މީޓަރަށް ބޯޑުކޮށް، ޖެޓް ޕާކިން އޭރިއާއަކާއި، ތެޔޮ ލިބޭނެ ގޮތާއި އަދި ސީޕްލޭން ޖެއްސޭނެ ޕްލެޓްފޯމެއް ހެދުމާއި ގުޅޭ ކުރެހުންތަކެއް ސަރުކާރަށް ހުށައަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފ.އަތޮޅުގެ ރައްޔިތުން ދަތުރުކުރުމަށް މިހާރު ބަރޯސާ ވަނީ، ކައިރި އަތޮޅުތަކުގެ އެއަރޕޯޓްތަކާއި، އަދި ހަފްތާއަކު ދެ ދުވަހު ބާއްވާ ލޯންޗު ފެރީއަށެވެ. މިއީ ތަކުލީފު ބޮޑު އަދި ޚަރަދުވެސް އިތުރަށް ބޮޑުވާ ކަމެއް ގޮތުުގައި ރައްޔިތުން ފާހަގަކުރެއެވެ.

"ކިތަންމެ ބޮޑު ކަމެއް ދިމާވިއަށް، މާލެއައި ހަމައަށްވެސް މި ދަތުރުކުރެވެނީ ހަފްތާއަކު ދެ ދުވަހު އޮންނަ ފެރީގައި. ކަނޑު ގަދަވާ ދުވަސްވަރު ވަރަށް ދަތި. ބިން ހިއްކުމާއެކު ދަތުރުފަތުރުގެ މި ލުއިކަމުގެ އިތުރުން، ގޯދި ގެދޮރުގެ މައްސަލައަށްވެސް ބޮޑު ޙައްލެއް ލިބޭނެ." ރަށުން ވާހަކަދެއްކި މީހަކު ފާހަގަކުރިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަގޫދޫ އެއަރޕޯޓް އިންޓަނޭޝަނަލް ދަތުރު ކުރެވޭ ފެންވަރަށް ގެނައުމުގެ މަޝްވަރާތަކެއް ހިނގަމުންދާކަމަށާއި ނަމަވެސް އެކަމާމެދު މިހާތަނަށް ސަރުކާރުން ގޮތެއް ނިންމާފައިނުވާކަމަށެވެ.

އާޒިމް ވިދާޅުވީ ބިން ހިއްކުމުގެ %50 މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތާއި އެކުއެކީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައިކަން އާޒިމް ފާހަގަކުރެއްވިއެވެ.

"ހިއްކުމުގެ މަސައްކަތް 24ގަޑިއިރު ކުރިއަށްދޭ. މިހާރު ޓައިމްލައިނަށްވުރެ ކުރިން، އެއަރޕޯޓް ފަޔަރ ބިލްޑިން މަސައްކަތް ފެށިއްޖެ. ޓަރމިނަލްގެ ޢަމަލީ މަސައްކަތްވެސް ފަށައިފިން." އާޒިމް ވިދާޅުވިއެވެ.

މަގޫދޫ އެއަރޕޯޓްގެ ބިންހިއްކުމާއި ގުޅޭ މަސައްކަތްތައް ޖުލައި މަހަށް މުޅިން ނިމޭނެކަމަށާއި މިހާރު ވަނީ ރަންވޭއަށް ބޭނުންވާ ބިން ތައްޔާރުކުރަން ފަށާފައިކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި މުޅި މަޝްރޫޢު މަސައްކަތް މިއަހަރުގެ އޮސްޓްމަހަށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްވައެވެ.

މި މަޝްރޫއަކީ ސަރުކާރުން 450 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.