ޚަބަރު

މާއުނގޫދޫ ގޮނޑުދޮށް ޙިމާޔަތްކުރުން އެމްޓީސީސީއަށް


ށ. މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕާރމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ.

އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން، މާއުނގޫދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 450 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓްއެއް ޖަހާނެއެވެ.

މާއުނގޫދޫ ގިރާ މައްސަލައާއި ގުޅޭގޮތުން އެރަށު ކައުންސިލްގެ ނާއިބު ރައީސް މޫސާ ހަސަން ވިދާޅުވީ ރަށްގިރުމުގެ މައްސަލައަކީ އަބަދުވެސް އެރަށަށް ކުރިމަތިވަމުން އަންނަ މައްސަލައެއްކަމަށެވެ. ރަށްގިރުމުގެ މައްސަލަ އެރަށް ކުރިމަތިވާން ފެށީ 1997 ހިސާބުގައި އެރަށުގައިބަނދަރެއް ތަރައްޤީކުރި ހިސާބުންކަމަށް ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި، ރަށުގެ ބޮޑުބައެއް ކޮންމެ އަހަރަކުވެސް ގިރަމުންދާކަމަށެވެ. ރަށް ގިރުމުގެ މައްސަލައަށް ހައްލެެއް ހޯދައިދިނުމަށް ކުރީ ސަރުކާރުތަކުގައިވެސް އެދިފައިވީނަމަވެސް އެކަމަށް އެއްވެސް އެދެވޭ ހައްލެއް ހޯދައިދެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މޫސާ ހަސަން ވިދާޅުވީ މިސަރުކާރުން މިކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރުމަކީ ރައްޔިތުން އެކަން ބަލައިގަންނާނެކަމެއްކަމަށެވެ. އަދި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ވެގެންދާނެކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމަޝްރޫޢަކީ 93.14 މިލިއަން ރުފިޔާއަށް 120 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.