ޚަބަރު

ހިރިލަންދޫ ބިން ހިއްކުމުގެ މުޅި މަޝްރޫޢު އޮގަސްޓަށް ނިމޭނެ


ރާއްޖޭގެ ގިނަ ރަށްރަށުގައި، ރަށަށް އާމްދަނީ ވަންނަނީ ރަށުން ބޭރުގައި އެކި ސިނާއަތްތަކުގައި ރަށުގެ ރައްޔިތުން ވަޒީފާ އަދާކޮށްގެންނެވެ. ނަމަވެސް ތ.ހިރިލަންދޫ ފާހަގަކުރެވެނީ، އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތައް ހޯދާފައިވާ މަދު ރަށްތަކުގައި ތެރެއިން ރަށެއްގެ ގޮތުގައެވެ.

ހިރިލަންދުއަކީ ފައިބަރު މަސައްކަތާއި، މަސްވެރިކަމާއި މަސް ކައްކާ އެއިން ނަފާ ހޯދުމުގައި އަތޮޅަށްވެސް ނަމޫނާ ރަށެކެވެ. މަސް ކައްކާ ހިއްކުމުގެ މަސައްކަތަށް މިހާރުވެސް 15 އަށްވުރެ ގިނަ ބިން ރަށުން ދޫކޮށްފައިވެއެވެ. ހިރިލަންދޫގެ އާބާދީގެ %95 މީހުންނަކީ، އަމިއްލަ ރަށުގައި ތިބެގެން ސިނާޢީ އެކިއެކި މަސައްކަތްތަކުން އާމްދަނީ ހޯދާ މީހުންނެވެ.

26 ހެކްޓަރުގެ ހިރިލަންދޫގެ އާބާދީ 1200އިން މައްޗަށް އަރައެވެ. މިރަށަކީ، ރަށުގައި ދިރިއުޅޭ އާބާދީ އިތުރުވަމުން އައުމާއެކު، ރަށުގައި ތިބެގެން ދިރިއުޅުން ބައްޓަން ކުރެވޭނެ އިތުރު ގޮތްތަކެއް ހޯދަންޖެހިފައިވާ ރަށެކެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލް ވިދާޅުވީ ރަށް ތަރައްޤީވެގެން އައުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ޖާގަކަމަށެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކާއެކު ރަށް އޮތީ ފުރިފައެވެ. ފައިބަރު މަސައްކަތާއި މަސް ކެއްކުމުގެ ވިޔަފާރި ކުރަނީ، ޖާގައިގެ ގޮތުން ކުދި ބިންތަކެއްގައެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، ރަށުގައި ހުސް ބިންތައް ނެތުމުން އިތުރަށް ދޫކުރާނެ އެއްވެސް ޖާގައެއް ނެތްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން އޮތްތާ ގާތްގަނޑަކަށް 10 އަހަރަށްވުރެވެސް ދިގު މުއްދަތެއް ވެފައިވާކަމަށާއި، އެންމެ ފަހުން ރަށުން ގޯއްޗަށް ހުޅުވާލި ފުރުޞަތުގައިވެސް 200އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިކަމަށް އޭނާ ވިދާޅުވިއެވެ.

"ގެތައްވެސް ކުދި ކުދި ތަންކޮޅުކޮޅަށް ބަހައިގެން ދިރިއުޅެނީ އާއިލާތައް. ބިން ހިއްކުން ވެގެންދާނީ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން، ރަށުން ސިނާޢީ މަސައްކަތްތަކަށް އިތުރު ބިންތައް ދޫކޮށް އިގްތިޞާދު ފުޅާ ކުރެވޭނެ ކަމަކަށް." ޖަލާލު ވިދާޅުވިއެވެ.

އެކި ސަރުކާރުތަކުން ހިރިލަންދޫގެ ބިން ހިއްކައިދިނުމަށް ވަޢުދުވިއެވެ. ނަމަވެސް ދިގުމުއްދަތެއް ޙައްލެއް ނުލިބި އޮތް މި މައްސަލައަށް ޙައްލު ހޯދައިދިނުމަށް ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މޭ މަހުއެވެ.

ރަށުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، ބިން ހިއްކުމާއެކު ރަށުގެ ރައްޔިތުން އެތައް އަހަރުތަކެއްވަންދެން އިންތިޒާރުކުރަމުން އައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބި، އަދި އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތައް އަމިއްލަ ރަށުގައި ތިބެގެން ފަހިވެގެންދާނެއެވެ.

"އަހަރުމެންގެ އޮތީ 7 ބަޔަށް ބަހާފައި. ކުދިކުދި ކޮޓަރި ހަދައިގެން ދިރިއުޅެނީ." ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"މަސް ކައްކަން މިހާރު ހަރުގެއެއް މި ލިބެނީ 2 އަހަރަށް. ޖާގަ އެހާ ކުޑަ". މަސް ކައްކާ ރިހާކުރު ވިއްކުމުގެ މަސައްކަތްކުރާ ހިރިލަންދޫގެ ރައްޔިތަކު ފާހަގަކުރިއެވެ.

އެމްޓީސީސީއާއި ހަވާލުކުރީ ހިރިލަންދޫ ފަޅުން 25 ހެކްޓަރު ހިއްކުމަށެވެ.

މި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާ އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ހިރިލަންދޫގެ ބިން ހިއްކާ ސަރަޙައްދުގެ މަސައްކަތްތައް ފެށި، ބައުންޑް ވޯލްގެ މަސައްކަތް ނިމިފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ ހިއްކާ ސަރަޙައްދަށް ވެލި އަޅާނީ، އެ ސަރަޙައްދު ޙިމާޔަތްކުރުމަށް ހަދާ ބޮޑު ހިލައިގެ ރިވެޓްމަންޓަށް ފަހުގައިކަމަށެވެ. އަދި އެކަމަށް ބޭނުންވާ ހިލަ މަރޗް މަހުގެ ތެރޭގައި ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މަސައްކަތްތަކުގައި ކޮންމެވެސްވަރެއްގެ ލަސްކަމެއް އުޅެނީ، ހިލަ ގެންނަ ބާޖު ރަށާއި ކައިރިކުރަން އިތުރު ނެރެއްވެސް ކަނޑަން ޖެހޭތީކަމަށެވެ.

"މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން މުޅި މަޝްރޫޢު އޮގަސްޓަށް ނިންމާނަން. މިހާރު ބޭނުން ނުވޭ ހަމައެކަނި ފަސް އަޅާ ހިއްކާކަށް. ހިއްކާ ބިން ޙިމާޔަތް ކުރުމަށް ރަނގަޅު ރިވެޓްމަންޓެއްވެސް ޖަހަން. ރިވެޓްމަންޓްގެ މަސައްކަތް ނިމި، ޖުލައި މަހު ޑްރެޖަރު އައިސް ވެލި އަޅަން ފަށާނަން." އާޒިމް ވިދާޅުވިއެވެ.

ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1200 މީޓަރުގެ ތޮއްޓެއް ލާނެއެވެ. އަދި ރަށުގައި މޫދަށް އެރިލުމަށް ބީޗް އޭރިއާއެއްވެސް ތަރައްޤީކުރާނެއެވެ.

މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 18މަސް ދުވަހުން ނިންމާގޮތަށް، 105 މިލިއަން ރުފިޔާއަށެވެ.