ޚަބަރު

އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ ޕްލާންޓްތައް ގުޅީފަޅަށް


މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއިން ބޯފެއް އުފައްދާ ނިޒާމު، ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ. އެމްޑަބްލިއެސްސީން އުފައްދާ ފެނުގެ ތެރެއިން، ތާޒާ ބްރޭންޑުގެ ފެނުގެ ޑިސްޓްރިބިއުޝަން މަސައްކަތްތައް ކުރަނީ، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއިންނެވެ.

އެމްޑަބްލިއުއެސްސީގެ މާލޭގެ ފެން އުފައްދާ ކާރުޚާނާ ހުންނަނީ ހުޅުމާލޭގައެވެ. އެތަނުގައި އުފައްދަނީ އެ ކުންފުނިން އުފައްދާ 500މިލިލީޓަރާ، 1.5 ލީޓަރުގެ ފެނެވެ. ފުޅީގައި ބަންދުކުރާ ރީޔޫސަބަލް، 5ލީޓަރުގެ ފުޅީފައި ފެން ބަންދުކުރަނީ، މާލޭގައި ހުންނަ ޕްލާންޓްގައެވެ. މި ޕްލާންޓް ހިންގަނީ އެމްޑަބްލިއުއެސްސީގެ ފެން ބިލްޑިންގްގެ އެންމެ ތިރީ ފަންގިފިލާގައި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް އައިބީއެމްއިންނެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވީ، މާލޭގައި ބޯފެން އުފައްދާ ރައްކާކުރުމަކީ، އެކަމަށް ވަރަށް ބޮޑު ޖާގައެއް ބޭނުންވާކަމެއްކަމަށެވެ. ނަމަވެސް ފެނުގެ ޑިމާންޑް އިތުރުވަމުންދިއުމާއެކު، ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެ ކުންފުންޏަށް ކުރިމަތިވެފައިވާކަމަށް ޝާހް ވިދާޅުވިއެވެ.

ޚާއްސަކޮށް އެކި ދުވަސްވަރު ރާއްޖޭގައި ފެން ގަންނަ މިންވަރު އިތުރުވާކަމަށާއި، މިއާއި ގުޅިގެން ފެން އުފައްދާ މިންވަރު އިތުރުކުރިނަމަވެސް ސްޓޮކް ބަހައްޓާނެ ޖާގަ ނެތްކަން ޝާހް ފާހަގަކުރެއްވިއެވެ.

އެމްޑަބްލިއުއެސްސިއިން ދާދި ފަހުން ވަނީ "އާރޯ"ގެ ނަމުގައި، ބިއްލޫރި ފުޅީގައި ފެން ބަންދުކޮށް މާކެޓަށް ނެރެންވެސް ފަށާފައެވެ.

ޝާހު ވިދާޅުވީ ޖާގައިގެ ދަތިކަން ޙައްލުކޮށް، ކުންފުނި އިތުރަށް ފުޅާކުރުމަށް ގުޅީފަޅުގައި ފެން ބަންދުކުރާ ޕްލޭންޓެއް ހެދުމަށް ނިންމާފައިވާކަމަށެވެ. އަދި އެކަމުގެ ޢަމަލީ މަސައްކަތް ގުޅީފަޅުގައި ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށް ޝާހް ވިދާޅުވިއެވެ.

"ކުންފުނީގެ ސިޔާސަތުތައް ހުރީ ސަރުކާރުގެ މިސްރާބަށް. ތިލަމާލެ ބްރިޖުން ސަރަޙައްދު ގުޅިގެން އަންނައިރު، ގުޅީފަޅަށް ބޯފެން އުފައްދާ ނިޒާމު ބަދަލުވާނެ. ޚާއްސަކޮށް އެމްޑަބްލިއުއެސްސީގެ ފެން ބިލްޑިންގް ތިރީގައި ހިންގަމުން އަންނަ އައިބީއެމްގެ ޚިދުމަތްތަކާއި، ވެއަރހައުސްތައް ގުޅީފަޅަށް ބަދަލުކުރާނަން." ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ފެން ބަންދުކުރުމުގެ އިތުރުން، އެކި ކަހަލަ ފްލޭވަރޑް ބުއިންތައް ތައްޔާރުކޮށް ވިއްކުމަކީވެސް ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގައި ހިމެނޭ މުހިންމު އަމާޒެއްކަމަށެވެ.

އެމްޑަބްލިއުއެސްސީއިން ދާދިފަހުން ވަނީ ގުޅީފަޅުގައި އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. މި މަސައްކަތް ކުރަނީ ޖަޕާނުގެ ކުންފުންޏަކާއި ގުޅިގެންނެވެ.

ޝާހު ބިދާޅުވީ ބޯފެއް އުފައްދާ ވިއްކުން ފުޅާކުރުމަށް ގުޅީފަޅުގައި ތަރައްޤީ ކުރާ ޕްލާންޓްގެ މަސައްކަތް ގުޅިގެން އަންނަނީ އެ މަޝްރޫޢުއާކަމަށެވެ.