ޚަބަރު

އައްޑޫ ބިންހިއްކާ ސަރަޙައްދުތަކުން 24000 މުރަކަ އެހެން ސަރަޙައްދުތަކަށް


އައްޑޫ ސިޓީ ބިން ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން ބިން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް 24000 އެއްހާ މުރަކަ އެކި ސަރަޙައްދުތަކަށް ބަދަލުކޮށްފިއެވެ.

މިއީ އައްޑޫ ސިޓީގައި ބިން ހިއްކުމަށް ކުރިޔަށްގެންދާ މަޝްރޫޢުގެ ސަބަބުން އެސަރަޙައްދުގެ ތިމާވެއްޓަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާއެވެ. އެކުންފުނިންގ އައްޑޫގެ 6 ސަރަޙައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު އުފެދުނު އެންމެ ބޮޑު ކަންބޮޑުވުމަކީ ގުދުރަތީ ގޮތުން މުއްސަނދި މުރަކަތަކުގެ ބަގީޗާތަކެއް ހުރި އައްޑޫ ސިޓީގެ އެކި ސަރަޙައްދުތަކުން މިރީތިކަން ގެއްލި ދިޔުމުގެ ކަންބޮޑުވުމެވެ. އެހެންކަމުން މިކަމުގައި ކުރެވުނު މަޝްވަރާތަކަށްފަހު ނިންމީ ހިއްކަން ފެށުމުގެ ކުރިން ހިއްކާ ސަރަޙައްދުގައި ހުރި މުރަކަތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަސައްކަތުގެ ކޮންޓްރެކްޓަރ އާއި ޙަވާލާދީ އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން ގާތްގަނޑަކަށް 24000 ގާތްކުރާ ޢަދަދަކަށް މުރަކަތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރެވިފައިވާކަމަށެވެ. މިގޮތުން މިމުރަކަތަށް ބަދަލުކުރެވިފައިވަނީ ހިއްކާ ސަރަޙައްދު ތަކުގެ ތެރެއިން 3 ސަރަޙައްދަކުންނެވެ. އޭގެތެރޭގައި ހިތަދޫގެ ޕޯޓްގެ އުތުރުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދާއި، މަރަދޫއާއި މަރަދޫ ފޭދޫގެ ހުޅަނގުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދު ހިމެނެއެވެ. މީގެއިތުރުން އައްޑޫގެ ފަޅުން ހިއްކައިގެން ހުޅުމީދޫގެ ހުޅަނގުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރިސޯޓް ހިމެނޭ ސަރަޙައްދެވެ.

އައްޑޫ ބިންހިއްކަން ފެށުމަށްވާންޖެހޭ ތައްޔާރީތަކުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ ތެރޭގައެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މިވީ މުއްދަތުގެ ތެރޭގައި މިހާރު އޮތް ލިންކް ރޯޑްގެ ދެކުނުން ހިލަ ޖަހައިގެން ޙިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އަދި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުރަތަމަ ރިސޯޓު ހިމެނޭ ސަރަޙައްދުގައި ޖިއޯބޭގް ޖެހުމެވެ. އަދި އައްޑޫގެ ބިންހިއްކުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިވެސް އައްޑޫއަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫގެ ހިތަދޫ އިން ދެސަރަޙާއްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަރަދޫއާއި މަރަދޫ ފޭދޫގެ ހުޅަނގު ހިމެނޭހެން ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މީގެ އިތުރުން ރިސޯޓު ތަރައްޤީ ކުރުމަށް އައްޑޫގެ ފަޅުތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ. މީގެތެރެއިން ދެރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އިރު އުތުރުންނެވެ. އަދި އަނެއް ރަށް ތަރައްޤީކުރަނީ ހުޅުމީދޫ ހިމެނޭ ހިސާބުންނެވެ. މިއީ އައްޑޫގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމަށާއި އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.