ސްޕޭނުގެ ފުޓްބޯޅައިގެ ސްޓައިލާއި އެ މީހުންގެ ކާމިޔާބީ އަކީ ނެދަލޭންޑްސް އަށް ނަމޫނާއެއް ކަމަށް އެ ގައުމުގެ އައު ކޯޗު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.
1978ގެ ފަހުން ނެދަލޭންޑްސްގެ ގައުމީ ޓީމާ ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗު ބުނީ މި އަހަރުގެ ސްޕޭނުން ވޯލްޑް ކަޕް ކާމިޔާބު ކުރި ގޮތް ނެދަލޭންޑްސް މިސާލަކަށް ބަލަން ޖެހޭ ކަމަށެވެ. އަދި ކާމިޔާބު ލިބޭނީ ފަސް ޕީއެއްގެ މައްޗަށް ވިސްނުން ބަހައްޓައިގެން ކަމަށެވެ. އުމުރުން މިހާރު 46 އަހަރުގެ ޒަވީ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ނެދަލޭންޑްސް ބަލިކުރި ސްޕޭނުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.
"މޮޅުވަންޏާ ފުރަތަމަ ބޯޅަ އަތުގައި ބާއްވަން ޖެހޭ. ހާއްސަކޮށް ރަނގަޅު ވަގުތުގައި. ބޯޅަ ގެއްލުނީމާ ބޮޑަށް ޕްރެސް ކުރަން ޖެހޭ. އަދި މެޗުގެ ކަންހިނގާ ގޮތް ދެނެގަންނަން ޖެހޭ. އެކަމަކު ޕެޝަން ނެތި މޮޅެއް ނުވެވޭނެ. މީގެ އެންމެ މުހިންމު ކަމަކީ ޕޮޒިޝަން، ޕޮސެޝަން، ޕްރެސިން، ޕާސެޕްޝަން އަދި ޕެޝަން ހުރުން،" ޒަވީ ބުންޏެވެ.
އޭނާ ބުނީ ނެދަލޭންޑްސްގެ ފުޓްބޯޅަ ބަދަލު ކުރުމުގެ ގާބިލްކަން ކުޅުންތެރިންގެ ކިބާގައި އެބަހުރި ކަމަށާއި އޭނާ މަސައްކަތް ކުރާނީ ކުޅުންތެރިންނާ ގުޅިގެން ކަމަށެވެ.
ޒަވީ މިހާތަނަށް ކޯޗު ކޮށްދިން ހަމައެކަނި ބޮޑު ކުލަބަކީ އޭނާ ކުޅެ، ކެޕްޓަންކަން ކުރި ސްޕޭނުގެ ބާސެލޯނާ އެވެ.
އޭނާގެ ކޯޗިން ސްޓައިލާ ބެހޭ ގޮތުން ނެދަލޭންޑްސްގެ މިޑްފީލްޑަރު ޓިއާނީ ރެއިންޑާސް ބުނީ ޒަވީގެ ވާހަކަ އަޑުއަހާފައި ފުރަތަމަ ވެސް ބޭނުންވީ ދަނޑަށް ނުކުންނަން ކަމަށެވެ.
"މުޅިން ތަފާތު ވިސްނުމަކާއި ސްޓައިލެއްގެ ވާހަކަ އޭނާ ދެއްކީ. މިއާއެކު އަހަރެން ބޭނުންވީ އަވަހަށް ދަނޑަށް ނުކުންނަން. ޒަވީގެ ވިސްނުމާއި ވާހަކަތައް ވަރަށް ފުރިހަމަ. ވަރަށް ޒަމާނީކޮށް ހުރީ،" ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި މެންޗެސްޓާ ސިޓީ އަށް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.
ނެދަލޭންޑްސް މިހާރު ތައްޔާރުވަމުން ދަނީ އެކުވެރިކަމުގެ މެޗުތަކަކާއި ނޭޝަން ލީގުގައި ކުޅުމަށެވެ.