ދިވެހި ސްޕޭސް މިޝަނުން ތައްޔާރުކުރި ފުރަތަމަ ސެޓެލައިޓް ޓެސްޓުކޮށްފިއެވެ. މިއީ ދިވެހި ސްޕޭސް މިޝަން 'އަޒުމް'އިން ޑިޒައިންކުރި ޖައްވީ ފުރަތަމަ ސެޓެލައިޓެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި ސްޕޭސް މިޝަން 'އަޒުމް'ގެ ފަރާތުން މި ސެޓެލައިޓް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މިސެޓެލައިޓްގެ މަސައްކަތުގައި ޙަރަކާތްތެރިވީ ސްޕޭސް ޓީމުގެ އޭރޯސްޕޭސް އިންޖިނިއަރު ހުސެއިން އަސްޢަދު އާއި، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރ މުޙައްމަދު ޖުނައިދުގެ އިތުރުން މެކޭނިކަލް އިންޖިނިއަރު އަޙްމަދު އިޖާޒު ޢަބްދުﷲއެވެ.
މިޓީމުން ފަރުމާކޮށް ތަރައްޤީކުރި މި ސެޓެލައިޓު ކުޑަނަމަވެސް، ފަރުމާކޮށްފައިވަނީ ސެޓެލައިޓްގެ ބޭނުންކުރުމަށް ހަމަޖެހިފައިވާ މިޝަނަކާއި ގުޅޭގޮތަށް ބޮޑުކުރެވޭ ގޮތަށްކަމަށް އެޓީމުން ފާހަގަކުރެއެވެ. އަދި މި މިޝަންގެ ދަށުން އެ ޒުވާނުންވަނީ އޭގެ ހާޑްވެއާވެސް އުފައްދާ ތަރައްޤީކޮށްފައެވެ. އަދި ސެޓެލައިޓް ޕްރޮގްރާމްކޮށް، ޓެސްޓުތައް ނިންމީ އިއްޔެއެވެ.
ސެޓްލައިޓް ޓެސްޓްކުރިނަމަވެސް މިކަމާއި ގުޅޭ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑީއޯއެއް ލިބިފައެއް ނުވެއެވެ. ސްޕޭސް ޓީމުން މައުލޫމާތުދޭ ގޮތުގައި މިކަމާއި ގުޅޭ ފޮޓޯ/ވީޑިއޯ އަދި މައުލޫމާތުތައް އާއްމުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެއެވެ.
އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސެސްއިން 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޕޭސް މިޝަން އެކުލަވާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގައެވެ.
މިޓީމުންވަނީ ނެނޯސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަކޮށްފައެވެ. އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދިޔަ މިކޯހުގައިވަނީ ސެޓެލައިޓް ޑިޒައިންކުރުމާއި، ތަރައްޤީކުރުމާއި، ލޯންޗްކޮށް ސައިންޓިފިކް ރިސާޗް ހަދަންވަނީ ދަސްކޮށްދީފައެވެ. މިސްޕޭސް މިޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ތަރައްޤީކޮށް ލޯންޗްކުރުމެވެ.
މިސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށް ތަރައްޤީކުރާ ސެޓެލައިޓެކެވެ. މިސެޓެލައިޓް ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައިކަމަށް މީގެކުރިން އެމިޝަންއިންވަނީ ހާމަކޮށްފައެވެ.