ޚަބަރު

"އެންދެރި" ޕްރޮޖެކްޓުގެ ފުރަތަމަ އެހީ ލ.އަތޮޅުގެ 9 ރަށަކަށް


ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފަށާފައިވާ މަޝްރޫޢު "އެންދެރި ޕްރޮޖެކްޓް"ގެދަށުން 9 ފަރާތަކަށް އެހީ ދީފިއެވެ. މީގެތެރޭގައި ޖަލމިއްޔާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ސްކޫލްތައް ހިމެނެއެވެ.

"އެންދެރި" އަކީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސުލްމާލު ވަޒަންކޮށް، މިވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޝްރޫޢެކެވެ.

މި ޕްރޮޖެކްޓްގެދަށުން ހަވާލުކުރާ ފުރަތަމަ އެހީ ލ.އަތޮޅުގެ 9 ރަށަކަށް ވަނީ ދީފައެވެ. މީގެތެރޭގައި ދަނޑުވެރިކަން ކުރުމާއި، ދަނޑުތަކުން އުފައްދާ ތަކެތި މާކެޓްކުރުމަށް އެހީވުމާއި، ރާއްޖޭގެ ތިމާވެށީގެ ޙާލަތާއި ގުޅޭ ރިޕޯޓް ތައްޔާރުކުރުމާއި، ސްކޫލް ފެންވަރުގައި ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުންވެސް ހިމެނެއެވެ. އަދި އެހީ ލިބުނު ފަރާތްތަކަށް ވަނީ އެކަމުގެ ލިޔުންވެސް ހަވާލުކޮށްފައެވެ.

"އެންދެރި ޕްރޮޖެކްޓް"ގެ ދަށުން ހޮވިފައިވާ މަސައްކަތްތައް ކުރުމަށް ޖުމްލަ 1.8 މިލިއަން ރުފިޔާ އެ ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ.

އެހީ ހަވާލުކުރުމަށް ލ.އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި، އެހީ ލިބުނު ފަރާތްތަކާއި ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ޑރ.އަބްދުﷲ ނަޞީރެވެ. މި ރަސްމިއްޔާތުގައި އެހީ ލިބުނު ފަރާތްތަކާއި ކައުންސިލްތަކާއި، އަތޮޅު ކައުންސިލުން ބައިވެރިވިއެވެ.

"އެންދެރި ޕްރޮޖެކްޓް"ގައި އެހީ ލިބުނު ފަރާތްތައް:

* ގަމު ޒުވާނުންގެ ޖަމްޢިއްޔާ: މިންވަރަށް ވުރެ ގިނައިން ކެމިކަލް ބޭނުންކޮށްގެން ކުރާ ދަނޑުވެރިކަން ނައްތާލުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން އަދި އައު ޓެކޮނޮލޮޖީގެ އެހީގައި ކުރާ ދަނޑުވެރިކަމާއި، ކާނާ އުފެއްދުން.
* ލާމު ފާމާސް އެސޯސިއޭޝަން: ދަނޑުވެރިކަމުގައި ޝާމިލްވާ ކަނބަލުންނަށް ދެމެހެއްޓެނިވި އަދި ސްމާޓް ދަނޑުވެރިކަމުގެ އެހީގައި ކާނާ އުފައްދާ ލާމު ކާނާގެ ނަމުގައި ބްރޭންޑެއް އުފެއްދުން.
* ހިތަދޫ އ.ތ.މ ކޮމިޓީ: ދެމެހެއްޓެނިވި ސްމާޓް ދަނޑުވެރިކަމުގެ ވަޞީލަތްތަކާއެކު ނަމޫނާ ދަނޑެއްގައި ކިއުކަންބާ އަދި މެލަން ހައްދާ ބާޒާރަށް ނެރެ އޯގަނިކް ކާނާގެ ގޮތުގައި ލޭބަލްކޮށްގެން ވިއްކުން.
* ކުނަހަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ނަމޫނާ ދަނޑުގައި ކިއުކަންބާ ހައްދާ ވިއްކުމާއި، ރަށުގައި ހައްދާ ކައްޓަލަ ބާވަތްތައް ތެލުލުމަށްފަހު ޕެކިން ގައި ވިއްކުން.
* މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ: ހައިޑްރޯޕޯނިކްސް ސިސްޓަމްގައި ދަނޑުވެރިކަން ކުރުން.
* އިސްދޫ އ.ތ.މ ކޮމިޓީ: ލ. އިސްދޫގައި އަންހެނުންގެ ދަނޑުވެރި ހިޔާ ޤާއިމްކުރުން.
* ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ: ރާއްޖޭގައި ނެތެމުންދާ ބޭސްވެރިކަމުގެ ގަސްތައް ހައްދާ އާލާކޮށް ބެލެހެއްޓުން.
* މާވަށު އ.ތ.މ ކޮމިޓީ: މާވަށު ކުޅި އިޔާދަކުރުން.
* މާމެންދޫ ސްކޫލް: ބެރިއަރ ކޮރަލް ގާޑެން.

މިއީ މި އެހީ ހަވާލުކުރި ފުރަތަމަ ފަހަރެވެ. ކުރިއަށްއޮތްތާނުގައި މި ޕްރޮޖެކްޓްގެ ދަށުން އިތުރު އަތޮޅުތަކަށްވެސް ފުރުޞަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.