ޚަބަރު

ޝަހީދެއްގެ ހަށިގަނޑުން ބިމަށްޖަހާ ލޭތިއްކަކީ ގައުމިއްޔަތު އުފެދި، އާރާސްތުކޮށްދޭ ގަހެއް: ޝާހިދު


ޝަހީދެއްގެ ހަށިގަނޑުން ބިމަށްޖަހާ ލޭތިއްކަކީ ގައުމިއްޔަތު އުފެދި އާރާސްތުކޮށްދޭނެ ގަހެއްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ބ.ތުޅާދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިޔާތުގައި ވާހަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޝަޙީދުންގެ ސަބަބުން ގައުމުގައި ގައުމިޔަތު އާލާވާކަމަށާއި އެފަދަ ކަންކަމުން އިބްރަތް ހާސިލްކުރަންޖެހޭކަމަށެވެ.

ޝާހިދު ވިދާޅުވީ އަޅުގަނޑުމެން ދަސްކުރަންވީ ދިވެހި ރައްޔިތަކަށްވީތީ ރާއްޖެއަށް ކުރިމަތިވަމުންދާ މިފަދަ ނުރައްކާތެރި ހާދިސާތަކުގައި ޝަހީދުވާ އަބްތާލުންގެ ޒިކުރާ އާކޮށް، ފަހުރުވެރިވާންކަމަށެވެ.

"އަޅުގަނޑުމެން ދަސްކުރަންވީ ގައުމިއްޔަތުގައި ބިނާވެފައިމިވަނީ އެކަތިގަނޑަކަށް ވުމުގެ މައްޗައްކަން އަޅުގަނޑުމެން ދަސްކުރަންވީ އަޅުގަނޑުމެންގެ މަތިވެރި އަބުތާލުން އެދެއްކެވި މަތިވެރި މަގުން ކުރިއަށްދިއުމުގައި އެކަކު އަނެކަކަށް އިނގިލި ދިއްކުމުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް އަތުހިފައިގެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދިއުމަށް " ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ މިނިވަން ހިމާޔަތް ކުރުމަށް ޝަހީދުވި އަބުތާލުންގެ ޒިކުރާ އާކުރައްވަމުން މިނިސްޓަރ ވިދާޅުވީ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބ.ތުޅާދޫ ހުސެއިން މުހައްމަދުގެ ހަނދާން އާކުރައްވާކަމަށެވެ. އަދި އޭނާ ނިސްބަތްވާ ތުޅާދޫގައި ޝަހީދުންގެ ދުވަހުގެ ހަނދާންއާކޮށް ބާއްވާ ރަސްމިއްޔާތެއް ޝަރަފްވެރިކޮށްދެއްވުމުގެ ފުރުސަތުދެއްވީތީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.

"ޝަހީދުންގެ ދުވަސް" ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލް އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ.

އަލި ރަސްގެފާނު ޝަހީދުވެވަޑައިގަތީ ހިޖްރީ ސަނަތުން ނުވަސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރުގެ ޝަޢުބާންމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ މައްޗަށް ވެރިވެގަތުމަށް އައި ޕޯޗުގީޒް މީހުންނާއި ހަނގުރާމަ ކުރައްވަން ހުންނަވަނިކޮށް، މާލޭ ހުޅަނގުފަރާތު އަތިރިމަތީގައެވެ..