ޚަބަރު

ސްޕާތައް ހިންގުމާއި އިޝްތިހާރުކުރުމަށް ހަރުކަށި ޤަވާއިދެއް


ރާއްޖޭގެ ސްޕާތައް ހިންގާ ބަލަހެއްޓުމާއި އިޝްތިހާރުކުރާނެ ގޮތް ކަނޑައަޅާ ޤަވާއިދެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މި ޤަވާއިދު ގެޒެޓްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، ރާއްޖޭގައި ހިންގާ ސްޕާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، އެސްޕާއެއްގެ ފޮޓޯ، ވީޑީއޯ އަދި އޯޑިއޯ އަމިއްލަ ގޮތުން އާންމުކުރުމަކީ މަނާކަމެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޤާވާއިދުގައި ވަނީ ސަޕާތައް އޝްތިހާރުކުރާނެ ގޮތުގެ މިންގަނޑުވެސް ބަޔާންކޮށްފައެވެ. އެގޮތުން، ސްޕާތައް އިޝްތިހާރުކުރުމުގައި މުޖުތަމަޢުގެ އިޖުތިމާޢީ އަޚްލާގީ މިންގަނޑުތަކަށް ފެތޭގޮތައް އިޝްތިހާރުކުރުމަށް ބަޔާންކޮށްފައިވެއެވެ. އަދި މި އިޝްތިހާރުތަކުގައި އެއްވެސް މީހެއް ނުހިމެނުމަށް އިކޮނޮމިކް މިނިސްޓްރީގެ ޤަވާިއދުގައި ވަނީ މަޖުބޫރުކޮށްފައެވެ.

ސްޕާތައް އިޝްތިހާރުކުރުމަށް ޤަވާއިދެއް އެކުލަވާލުމުގެ އިތުރުން، ސްޕާތައް ރަޖިސްޓްރީކުރުމާއި، ހިންގުން އަދި އިންސްޕެކްޓްކުރުމަށްވެސް ވަނީ ގިނަ އުސޫލުތަކެއް އެކުލަވާލާފައެވެ. އެގޮތުން، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ސްޕާގެ ވިޔަފާރިކުރެވޭނީ އިކޮނޮމިކް މިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ދަށުން ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހުކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އިކޮމިނިސްޓްރީން ވަނީ މިހާރު ރާއްޖޭގައި ހިންގާ ސްޕާތައް ރަޖިސްޓްރީކުރަން 90 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މިސްޕާތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންނަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ސްޕާގެ ޚިދުމަތްދޭނެ ހުއްދަ އޮތް އަދި ހިދުމަތްދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާގެ ދަށުން ދޫކޮށްފައިވާ ވޯކް ޕާމިޓެއް އޮތް ފަރާތްތަކަށް ވާންޖެހޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ސްޕާތައް ހިންގުމާއި ބެލެހެއްޓުމަށް އިކޮނޮމިކް މިނނިސްޓްރީން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ޚިލާފުވާ ފަރާތްތައް 10،000 ރުފިޔާ ޖޫރިމަނާ ކުރާނެއެވެ. މީގެ އިތުރުން ޤަވާއިދާއި ޚިލާފްވާ ތަންތަން ރަޖިސްޓްރީ ބާޠިލުކުރުމާއި ރަޖިސްޓްރީ ބާޠިލުކުރުމުގެ ބާރުވެސް މި ޤަވާއިދުގެ ދަށުން ރަޖިސްޓްރާއަށް ވަނީ ދީފައެވެ.