ޚަބަރު

ކަމަދޫ ނަރުދަމާ ކޮޅުތައް ގެތަކަށް، މިހާރު ކުރިއަށްދަނީ ފެންހޮޅި އެޅުމުގެ މަސައްކަތް


ބ.އަތޮޅު ކަމަދޫގައި ސަރުކާރުން ޤާއިމްކުރާ ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ތެރެއިން ފެން ރައްކާކުރުމަށް ބަހައްޓާ ތާންގީތަކުގެ މަސައްކަތް ނިންމާލާފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޑަބްލިއުއެސްސީން ވިދާޅުވެއްޖެއެވެ. އެކުންފުނިން އަމާޒު ހިފާފައި ހުރީ ބާރު ދުވެލީގައި މަސައްކަތް ކުރިއަށްގެންގޮސް މިއަހަރުގެ މެދެއްހާހިސާބަށް މަސައްކަތް އެއްކޮށް ނިންމާލުމަށެވެ.

ކަމަދޫގައި ޤާއިމުކުރާ ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ތެރެއިން ޕްލާންޓުތަކުން އުފައްދާ ފެން ރައްކާކުރުމަށްޓަކައި ބަހައްޓާ 200 އަކަމީޓަރުގެ ދެ ޓޭންކް ބަހައްޓާ ވަނީ ނިންމާލާފައެވެ. އަދި ވާރޭފެން ރައްކާކުރުމަށްޓަކައި ބަހައްޓާ 520 އަކަ މީޓަރުގެ ތާނގީ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. މީގެއިތުރުން ފެނާ ނަރުދަމާއަށް ބޭނުންވާ މައިހޮޅި އެޅުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް ކަމަދޫ ކައުންސިލުންކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ނަރުދަމާ ކޮޅުތައް ގެތަކަށް މިހާރު ވައްދާފައިވާކަމަށާއި، ފެނުގެ ކަނެކްޝަން އަދި ގުޅައި ނުނިމޭކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ބިމުގެ އަޑިން ފެން ނެގުމަށް ބޭނުންކުރާ ބޯހޯލްގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރަމުންދަނީ އާރުއޯ އިމާރާތުގެ ފިނިޝިން މަސައްކަތްކަމަށް، މި މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަމުން އެރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވިއެވެ.

މިހާރު އެރަށުގައި ނުފެށިވަނީ ޕަންޕް ސްޓޭޝަން ތަކުގެ މަސައްކަތްތަކެވެ. އެ މަސައްކަތް އެމްޑަބްލިއުއެސްސީން ވަނީ އެހެން ބަޔަކާހަވާލުކޮށްފައެވެ. އެރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު އަދި ރަށަށް ނާންނަކަމަށެވެ. އަދި ސީ އައުޓްފޯލް އެޅުމުގެ މަސައްކަތްވެސް ނުފެށޭކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށަށް ފެންފޯރުކޮށްދިނުމަށް ދުވާލަކު ފަންސަވީސް ހާސް ޓަނުގެ ފެން އުފެއްދޭ ޕްލާންޓަކާއެކު 4،387 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމްކުރާނެއެވެ.

ޕްލޭނިންގ މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ މިދެމަސައްކަތް ޙަވާލުކުރައްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 14ވަނަ ދުވަހުއެވެ. 540 ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މިމަސައްކަތަށް 56.6 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. މިމަސައްކަތް މިދިޔަ އަހަރު ނިންމުމަށް އެމްޑަބްލިއުއެސްސީން ކަނޑައެޅިނަމަވެސް އެކަން ނުވީ މަސައްކަތް ކުރުމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ނުލިބުމުންނެވެ.

ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތަކީ އެރަށަށް މިހާރު ބޭނުންވާ އެންމެ މުހިންމު އަސާސީ ޚިދުމަތެވެ. ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ މިރަށުގެ ފެން ތަޣައްޔަރުވެ ފާޚާނާ ޖަންގްޝަންތައް ގެތަކުގައި ހަދައިގެން ގެއިން ބޮޑުޖާގައެއް ގެއްލިގެންދިއުމަކީ އެރަށު ރައްޔިތުން ކަންބޮޑުވާކަމެކަން އެރަށު މީހުން އަބަދުވެސް އަންނީ ބުނަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން އަންނަނީ ކުރަމުންނެވެ. ކަމަދޫގެ އިތުރުން ބ.އަތޮޅުގައި މި ޚިދުމަތް ނެތް 11 ރަށުގައި މި ޚިދުމަތް މިސަރުކާރުން ވަނީ ޤާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އަދި ނިމުނީ ބ.ގޮއިދޫ މަސައްކަތް އެކަންޏެވެ. އަނެއް 10 ރަށުގައި މިމަސައްކަތް އަންނަނީ ކުރަމުންނެވެ.