ޚަބަރު

އިތުރު އައު އޮފީސް ޢިމާރާތެއް އެޅުމަށް ޕްލޭން އެބައޮތް: ރައީސް


ސަރުކާރު އޮފިސްތައް ހިންގުމަށް އިތުރު އައު އޮފީސް ޢިމާރާތެއް އެެޅުމަށް ސަރުކާރުގެ ޕްލޭން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން ހުޅުމާލޭގައި ޢިމާރާތްކުރި އައު އޮފިސް ޢިމާރާތް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްކަމަށްވާ ނ.އ.އ.ވ ޢުމަރު ޒާހިރުގެ ނަންފުޅުން ނަންދީފައިވާ އެ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިދަ ނަންގަވައިދެއްވާފައެވެ. ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ތަރައްގީކުރުމަށް މި ސަރުކާރުން ނިންމެވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށްގެން އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2019 ވަނަ އަހަރު ނިންމެވި ނިންމެވުމާއި ގުޅިގެންނެވެ.

އައު އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވީ އައު އޮފިސް ޢިމާރާތެއް ޤާއިމްކުރުމުން އޮތް އެންމެ ބޮޑު ފައިދާއަކީ ކުލީ ޢިމާރާތްތަކުގައި ދައުލަތުގެ އޮފީސް ހިންގުމަށް ކުރާ ޚަރަރދުތަކުގެ ބޮޑުބައެއް ސަލާމަތްވުންކަމަށެވެ.

މިއީ ޒަމާނީ ވަޞީލަތާއެކު މުވައްޒަފުންނަށް ހިތްހަމަޖެހިލައިގެން މަސައްކަތްކުރާނެ ޖާގަ ތަނަވަސް އޮފީސް ޢިމާރާތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ޢިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި ހިންގާނީ އެންމެ މިނިސްޓްރީއެއް ކަމަށެވެ. އެކަމުގެ ސަބަބުން މުވައްޒަފުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މާލޭގެ ހަލަބޮލިކަމުންނެއްޓި ހިތްހަމަ ޖެހިގެން މަސައްކަތްކުރެވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި އިތުރު އޮފީސް ޢިމާރާތެއް އެޅުމުގެ ސަރުކާރުގެ ޕްލޭން އޮތްކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ހުޅުމާލޭގައި ސަރުކާރުގެ އޮފީސް ޢިމާރާތެއް ބިނާކޮށް ހިންގަން ފަށާއިރު، މިއީ މާލެއިން ބޭރުގައި ދައުލަތުގެ ވުޒާރާކެއް ހިންގާ ފުރަތަމަ ފަހަރުކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އައު އޮފިސް ޢިމާރާތަށް ނަން ދެއްވާފައިވާ ނ.އ.އ.ވ ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތްތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނުގެ ނަންފުޅުން ޢިމާރާތަށް ނަންދެއްވުމުގައި މުހިންމު މަޤްޞަދަކީ ޢުމަރު ޒާހިރުގެ ޚިދުމަތުގެ އަގުވަޒަންކޮށް، އެމަނިކުފާނުގެ ހަނދާންތައް ދަމަހައްޓާއި، އެ ޚިދުމަތްތަކުން ފަހުގެ ޖީލުތައް ޢިބުރަތް ހާސިލްކުރުންކަމަށެވެ.


ޢުމަރު ޒާހިރުގެ ޚިދުމަތުން އެންމެ ފުރަތަމަ ލިބިގަންންޖެހޭ ގފިލާވަޅަކީ ޤައުމަށްޓަކައި އިޚްލާސްތެރިވުމާއި ތެދުވެރިވުންކަމަށް ރައީސް ވިދާޅުވިއެވެ. ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ މުއްދަތުން ފެނިވަޑައިގަންނަވަނީ ގިނަ ވަޒީފާތަކާއި މަޤާމުތައް ފުރުއްވުންނޫންކަމަށާއި، އެއަށްވުރެ ބޮޑަށް ހަވާލުވެވަޑަިއގަންނަވާ ކޮންމެ މަސައްކަތެއްވެސް އަމިއްލަކަމެއްކަމަށް ދެކެވަޑައިގެން ވީއެންމެ ރަނގަޅަށް ޤައުމީރޫހުގައި ކުރެއްވި ބޭފުޅެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

"އެމަނިކުފާނުގެ ޤައުމީ ޚިދުމަތުން 3 ކަމެއް ފާހަގަކުރެވޭ. ފުރަތަމަ ކަމަކީ އަނެކުންނަށް އިހްތިރާމްކުރުމުގެ ރީތި ސިފަ، ދެވަނަ ކަމަކީ ގަޑިއަށް ފަރުވާތެރިވުމާ މަސައްކަތަށް ފަރުވާތެރިވުން. އަދި ތިންވަނަ ކަމަކީ ވަޒީފާގެ އަޚްލާޤަށް ދެއްވި ސަމާލުކަމާއި، ވެރިންގެ ހިތްތަކުގައި އެމަނިކުފާނަށް އޮތް އިތުބާރު އުފެދުނު މައިގަނޑު ސަބަބުތައް.މިއީ ދައުލަތުގެ ކޮންމެ ވަޒީފާއެއް އަދާކުރިއަސް ކޮންމެ މީހެއްގެ ކިބާގައި ހަރުލާންޖެހޭ ސިފަތަކެއް." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްޤީކޮށްފައިވާ މި އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންގއަށް ބޭނުންކުރުމަށެވެ. އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާއާއި ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތި 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.

އައު އޮފީސް އިމާރާތް ބެހިފައިވާގޮތް


* ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ - ޕާކިންގ އޭރިއާ
* 2 ވަނަ ފަންގިފިލާ - މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
* 3 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
* 4 ވަނަ ފަންގިފިލާ – އެމެރިކަން އެމްބަސީ
* 5 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
* 6 ވަނަ ފަންގިފިލާ – ކުދި މީޓިންގ ރޫމްތަކާއި ސެމިނާ ރޫމްއެއް އަދި ޓެރަސްއެއް

މި އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓުގެ ޖާގަ ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިއީ ސަރުކާރުން 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ.