ޚަބަރު

އަމާޒަކީ ތިނަދޫ ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުން: އާޒިމް


ތަރައްޤީގެ ގިނަ މަޝްރޫޢުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާއިރު މިފަދަ ބޮޑެތި މަޝްރޫތައް ކުރިއަށްދާ އެއް ރަށަކީ ގދ.ތިނަދޫއެވެ.

ތިނަދޫގައި ބިން ހިއްކުމާއެކު އެރަށުގެ ސަރަޙައްދީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
މިދެ މަސައްކަތްވެސް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.

ގދ.ތިނަދޫއަކީ ޒަމާނުއްސުރެ ރާއްޖޭގައި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ގުނާލެވޭ ރަށެކެވެ. ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ތިނަދޫއަށް އޮތް އެންމެ ބޮޑު ދައްޗަކީ އެރަށުގެ ބަނދަރެވެ. ސަބަބކީ އެކަށީގެންވާ ޖާގަ ނެތުމާއި، ވިޔަފާރި ފުޅާކޮށް ދެކުނުގެ ވިޔަފާރި ކޮޅަށް ޖެހުމުގެ މައި ހަބުގެ ގޮތުގައި އެންމެ ބޮޑަށް ހިނގާ ތިނަދޫގައި ބައިނަލްއަޤުވާމީ ބަނދަރެއް ނެތުމެވެ. މިކަމަށް ޙައްލެއް ގެނެސް ތިނަދޫގެ ވިޔަފާރި ފުޅާކުރުމަށް އެރަށުގައި ސަރަޙައްދީ ބަނދަރެއް ތަރައްޤީކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށް ޢަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

މިމަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ތިނަދޫގައި ތަރައްޤީކުރާ ބޮޑު ބަނދަރުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް އެމްޓީސީސީގެ ޓީމުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މަސައްކަތް ނިންމުމަށް އަންނަ 2024 ހަށް ކޮންޓްރެކްޓް ކުރެވިފައިވީ ނަމަވެސް އެމްޓީސީސީއިން އަމާޒު ހިފާފައިވަނީ މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށްކަމަށް އާޒިމް ވިދާޅުވިއެވެ. މިގޮތުން މިމަސައްކަތް ކުރުމަށް އެމްޓީސީސީގެ ޓީމުން ތިނަދޫގައި 24 ގަޑިއިރު މަސައްކަތް ކުރަމުންދާކަން އާޒިމް ފާހަގަކުރެއްވިއެވެ.


"މިމަސައްކަތް ކުރަމުން މިދަނީ ރަށާއި ވަކިން އޮތް ތިލަގަނޑެއްގައި. މިސަރަޙައްދުން 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން. އެހެންވީމަ އެތަނާއި ރަށާއި ގުޅާލުމަށް ބްރިޖެއްވެސް އޮންނާނެ. މިމަޝްރޫޢު އެއްކޮށް ނިމިގެންދާއިރު މިއީ މިސަރަޙައްދަށް އިޤްތިޞާދީ ބޮޑު ބަދަލެއް ގެނުވާނެ ކަމަކަށްވެގެންދާނެ." އާޒިމް ވިދާޅުވިއެވެ.

މިމަޝްރޫޢާއެކު ތިނަދޫގެ އިރުމަތީ ފަރާތުން 10.6 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ވިދާޅުވީ މިމަސައްކަތުގެ ދަށުން މިހާރު 5.5 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށެވެ.

ތިނަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ހަދާ ބަނދަރުގައި 90 މީޓަރުގެ ކީވޯލްއެއް ލުމަށްވަނީ ހަމަޖެހިފައެވެ. މިސަރަޙައްދުގެ ފުންމިނުގައި 8.5 މީޓަރުގެ ހުންނާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިމަޝްރޫއާއެކު 380 މީޓަރަށް ތިނަދޫގައި ބޭނުންކުރާ ޢާއްމު ބަނދަރުވެސް ބޮޑުކުރުމަށްވަނީ ނިންމާފައެވެ. އަދި އެބަނދަރުގެ ފުންމިނުގައި 3.5 މީޓަރު ހުންނާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.