ޚަބަރު

ހިންނަވަރަށް ޖާގަ ތަނަވަސް ބޮޑު ބަނދަރެއް، މެއި މަހު ނިމޭނެ


ފާދިއްޕޮޅު ހިންނަވަރުގައި ތަރައްޤީކުރަމުން އަންނަ ބަނދަރުގެ މަސައްކަތް އަންނަ މެއި މަހު ނިންމާލެވޭނެކަމަށް، މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ހިންނަވަރަކީ ފާދިއްޕޮޅުގެ އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ އަތޮޅުގެ މުހިންމު ރަށެކެވެ. އަތޮޅުގައި އެރަށް އޮންނަ ސަރަޙައްދަކީ ވިޔަފާރީގެ ބާރަކަށް ހެދުމަށް އޮތް ހުރަހަކީ ލަފާފުރުމުގެ ދަތިކަމެވެ. އެ ގޮތުން މި ބަނދަރާއެކީ މިކަމައް ހައްލެއް ލިބިގެން ދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޅ.ހިންނަވަރުގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހިންނަވަރުގެ މި ބަނދަރަކީ ހިއްކައިގެން، ކީވޯލް ހެދިގެން ކުރިއައްދާ ބަނދަރެއް ކަމަށެވެ. މި ބަނދަރުގައި 8.5 މީޓަރުގެ ޑްރަފްޓް ހުންނާނެކަމަށް ޢާޒިމް ވިދާޅުވިއެވެ. މި ބަނދަރު ތަރައްޤީކޮށް ނިންމާ ބޭނުން ކުރަން ފެށުމުން ބޮޑެތި ބޯޓުފަހަރުތަކަށް މުދާ ގެނެސް ގެންދިއުމުގައި އުފުލަމުން އަންނަ ތަކްލީފްތަކަށް ނިމުމެއް އައިސް ރައްޔިތުންނަށް ބޮޑުތަނުން ފަސޭހަވެގެން ދާނެކަމަށެވެ.

ޢާޒިމް ވަނީ، މަސައްކަތް މިހާރު ކުރިއަށްދާގޮތަށް ބަލާއިރު، މެއި މަހުގެ ތެރޭގައި ބަނދަރު މަސައްކަތް ނިންމާ ބޭނުންކުރެވެން ފެށޭނެކަމަށް ވިދާޅުވެފައެވެ.

"މި ރަށުގެ މަސައްކަތް ކުރިއައްދާއިރު އަޅުގަނޑުމެންނަށް ލަފާކުރެވެނީ އިރާދަކުރެއްވިއްޔާ މެއިމަހުގެތެރޭގައި މިހާރުގެ ސްކޯޕް އެއްކޮން ނިންމާލެވޭނެކަމައް. އިތުރު މަސައްކަތެކެއް އަޅުގަނޑުމެއްނައް ނައިސްފިއްޔާ " އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުއްނާއި ރަށު ކައުންސިލުންވެސް ބޭނުންވާ ގޮތަށް އެރަށެއްގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުންކަމަސެވެ.

ހިންނަވަރު ބަނދަރުގެ މަސައްކަތާއި ގުޅޭގޮތުން އެދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ ހިންނަވަރުގައި އަލަށް ތަރައްގީ ކުރާ ބަނދަރާއެކީ އެރަށާއި އަތޮޅުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން އެ ބަނދަރު ނިމުމުން ބޮޑެތި އޮޑިފަހަރައް އެ ރަށުގެ ބަނދަރާ ކައިރި ކުރެވޭނެ ކަމަށާއި، ވިޔަފާރި ތިޔާގިވެ ރަށުތެރެއައް ފައިސާ ވަދެ ރަށުގެ ރައްޔިތުން އުފައްދާ ތަކެއްޗަށް ފަސޭހައިން މާކެޓުކުރެވޭނެކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

"ބޮޑެތި އޮޑި ފަހަރައް އަޅުގަނޑުމެންގެ ރަށާ ގާތް ކުރެވޭނެ. ވިޔަފާރި ތިޔާގި ވެގެންދާނެ. ރަށުތެރެއައް ފައިސާ ވަންނާނެ. ރަށުތެރެއިން އުފައްދާ ތަކެއްޗަށް ފަސޭހަކަމާއެކު ފައިސާ ލިބޭނެ." ޖީހާން ވިދާޅުވިއެވެ.

ހިންނަވަރުގައި މިހާތަނަށް ބޭނުންކުރަމުން އައިސްފައިވަނީ އެންމެ އިހުގެ ޑިޒައިނަކަށް ހަދާފައިވާ ބަނދަރެކެވެ. އެބަނދަރުގެ ބައެއް ވެއްޓި ބޭނުންނުކުރެވޭވަރަށް ބަނދަރު ހަލާކުވުމާގުޅިގެން، އެ ބަނދަރާއި ގުޅުވައި ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންޕްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލު ކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ހިންނަވަރަކީ މަސްވެރި އުޅަނދުތައްވެސް އޮންނަ ރަށެކެވެ. އަދި ރަށުގައި އަމިއްލަ ފަރާތްތަކުގެ ލޯންޗާއި ދޯނި ގިނަ ޢަދަދަކަށް އޮންނައިރު، މިރަށަކީ ވިޔަފާރި ބޯޓުތައް ގިނަ ޢަދަދަކަށް އަންނަ ރަށެއްކަން ހިންނަވަރު ކައުންސިލުން ފާހަގަކުރައްވައެވެ. އަދި ބަނދަރު ހަލާކުވުމާގުޅިގެން އެކަމުގެ ދަތިކަން ވިޔަފާރިވެރިންނާއި ޢާއްމު ރައްޔިތުން އުފުލަންޖެހިފައިވާކަމަށް ހިންނަވަރު ކައުންސިލުން ވިދާޅުވެއެވެ.

ހިންނަވަރު ބަނދަރު ހެދުމުގެ މަޝްރޫގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމާއި 65170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުން ހިމެނެވެ. މީގެ އިތުރުން 421 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ އިތުރުން 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުންމުގެ މަސައްކަތްވެސް ހިމެނެވެ. މީ 104.68 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ